އިންޑިޔާއިންވެސް ރަޝިޔާގެ އެސް-400 ވައިގެ ދިފާއީ ނިޒާމު ގަންނާތީ އެމެރިކާއިން އިންޑިޔާ 'ހައްލަން' މަސައްކަތްކުރަނީ

އެސް-400 މިސައިލް ސިސްޓަމް

ތުރުކީން ރަޝިޔާގެ އެންމެ ޒަމާނީ ވައިގެ ދިފާއީ ނިޒާމު، އެސް-400 މިސައިލް ސިސްޓަމް ގަތުން ހުއްޓާނުލައި ކުރިއަށް ގެންދާތީ އެމެރިކާއިން މިހާރު ވަނީ ތުރުކީއަށް އިންޒާރުދީފައެވެ.

އިންޑިޔާއިން ވެސް ދަނީ އޭގެ މިސައިލް ސިސްޓަމްތަކެއް ރަޝިޔާއިން ގަތުމަށް މަސައްކަތްކުރަމުންނެވެ. އަދި އިންޑިޔާއިން ބުނެފައި ވަނީ އެމެރިކާއިން ދެކޮޅު ހެދިނަމަވެސް އެކަމުގައި ކުރިއަށް ދާނެކަމުގައެވެ.

އެމެރިކާގެ ދީފާއީ ވުޒާރާ ފެންޓަގަން ގައި މަސައްކަތްކުރާ މީހަކު ފާއިތުވި މޭ މަހުގެ ފަހުކޮޅު، ނަން ހާމަނުކުރުން ޝަރުޠުކޮށް، އިންޑިޔާގެ ޓީވީއަކަށް މައުލޫމާތުދީފައިވާ ގޮތުގައި  އިންޑިޔާއިން ރަޝިޔާގެ މިސައިލް ސިސްޓަމް ގަތުމަށް ކުރާ މަސައްކަތް ހުއްޓާނުލައިފިނަމަ، ތުރުކީއަށް ކުރިމަތިކުރި ކަހަލަ ފިއްތުންތަކެއް އެމެރިކާއިން އިންޑިޔާއަށްވެސް ކުރިމަތިކުރުން ގާތެވެ. އޭގެ ތެރޭގައި ދިފާއީ އެއްބާރުލުން ކުޑަކުރުމާއި، އެންމެ ފަހުން ދަތިކުރުމުގެ ފިޔަވަޅު އެޅުންވެސް ހިމެނެއެވެ.

ނަމަވެސް، އިއްޔެ އިންޑިޔާގެ މަޝްހޫރު ނޫހަކުން ބުނެފައިވާ ގޮތުގައި އެމެރިކާއިން މިހާރު މަސައްކަތްކުރަނީ އެސް-400 މިސައިލް ސިސްޓަމާ އެއްގޮތަށް މަސައްކަތްކުރާ ސިސްޓަމްތަކެއް އިންޑިޔާއަށް ވިއްކުމުގެ އިތުރަށް އެމެރިކާ އެންމެ ޒަމާނީ އަސްކަރީ މަތިންދާބޯޓުތަކުގެ ތެރޭގައި ހިމެނޭ، 5 ވަނަ ޖީލުގެ އެފް-35 މަތިންދާބޯޓު އިންޑިޔާއަށް ވިއްކައިގެން އެ ގައުމު 'ހެއްލޭތޯ'އެވެ.

އެ ނޫހުން ޚަބަރުދޭ ގޮތުގައި މިބޭނުނަށް އެމެރިކާގެ އަސްކަރީ ސިނާއަތުގެ ބައެއް މީހުންނާއި އެމެރިކާ ސަރުކާރުގެ މަސްއޫލުވެރިންތަކެއް، ރަސްމީ ވަކި ބޭނުމެއް ހާމަނުކޮށް، މިހާރު އިންޑިޔާއަށް އައިސް އެބައުޅެއެވެ. އެހެންނަމަވެސް، އަދި އިންޑިޔާގެ އިސްވެރިންނަށް އެވަފުދުން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައި ނުވެއެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ އިންޑިޔާއިން އެމެރިކާގެ އެފް-35 މަރުކާގެ މަތިންދާބޯޓު ގަންނަން ހުށަހަޅާފައި ނުވުމެވެ.

ނޭޓޯގައި އެމެރިކާގެ ބައިވެރިއެއް ކަމުގައިވާ ތުރުކީން އެސް-400 މިސައިލް ސިސްޓަމް ގަތުމާއިގެން ކުރިއަށް ދާތީ އެމެރިކާއިން މިހާރު ވަނީ މިމަހުގެ ނިޔަލަށް އެކަން ހުއްޓާނުލައިފި ނަމަ އެފް-35 ގެ ޕްރޮގްރާމުން ތުރުކީ ބޭރުކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ. އެހެން ހަދައިފިނަމަ، ތުރުކީގެ ޕައިލެޓުންނަށް އެފް-35 ގެ ތަމްރީނުތައް ނުލިބޭނެއެވެ. އަދި ތުރުކީއަށް އިތުރު އެފް-35 ނުވިއްކާނެއެވެ.

މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ޒަމާނީ ވައިގެ ދިފާއީ ނިޒާމު އެސް-400 ވަނީ އެމެރިކާއަށް ބިރަކަށްވެފައެވެ. އަދި އެމެރިކާއިން މަސައްކަތްކުރަމުން ދަނީ ދުނިޔޭގެ ގައުތައް އެ ނިޒާމު ގަތުން ހުއްޓުވުމަށް އެއް ގޮތުން ނުވިއްޔާ އަނެއް ގޮތުން މަސައްކަތްކުރަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.