އިންޑިއާގެ ބޮޑުވަޒީރަށް ރަސްމީގޮތުން މަރުޙަބާ ދަންނަވައިފި

ފޮޓޯ: ރައީސް އޮފީސް

ފުރަމާނަ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް މިއަދު ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ރާއްޖެއިން ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މޯދީއަށް ރަސްމީ ގޮތުން މަރުޙަބާ ވިދާޅުވީ އެކަމަށްޓަކައި ޖުންހޫރީ މައިދާނުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މޯދީ މާލެ ވަޑައިގެންނެވިއިރު ރަސްމީ ފާލަމުގައި އެމަނިކުފާނުގެ އިސްތިގުބާލުގައި ހުންނެވީ ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އެއަށްފަހު، އެބޭފުޅުން ވަނީ ދިވެހި ސްކޫލް ކުދިން ހުށަހަޅައިދިން ޘަޤާފީ އައިޓަމެއް ބައްލަވައިލައްވައިފައެވެ. މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރު ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އަދި އިންޑިއާއާއި، ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، އިންޑިއާގެ ބޮޑުވަޒީރުގެ ޝަރަފްގައި އޮތް އެމްއެންޑީއެފްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، ދިވެހި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، އިންޑިއާގެ ބޮޑުވަޒީރަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި އިންޑިއާގެ ބޮޑުވަޒީރުގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ.

މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެމަނިކުފާނު ވަޑައިގެންނެވީ ހަތްކޮޅުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމަށްފަހު ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި އިންޑިއާގެ ބޮޑުވަޒީރު ވަނީ ސޮއިކުރައްވާފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.