ވެނެޒުއެލާގެ 4 މިލިއަނަށްވުރެ ގިނަ މީހުން ގައުމު ދޫކޮށް ހިޖުރަކޮށްފި: އދ.

ވެނެޒުއެލާގެ ބަޔަކު ސަރަހައްދީ ރޮނގު ހުރަސްކޮށް ކޮލޮންބިޔާއަށް ވަންނަނީ

ފާއިތުވި ހަތަރު ފަސް އަހަރެއްގެ ތެރޭގައި އަމިއްލަ ގައުމު ދޫކޮށް އަވަށްޓެރި ގައުމުތަކަށް ހިޖުރަކުރި ވެނެޒުއެލާ މީހުންގެ އަދަދު 4 މިލިއަނަށް އަރައިފި ކަމުގައި އދ. އިން ބުނެފިއެވެ.

ޔުނައިޓެން ނޭޝަންސް ރެފިއުޖީ އެޖެންސީ (ޔޫއެންއެޗްސީއާރު) ގެ މަންދޫބު އެންޖެލީނާ ޖޮލީ އެ ސަރަހައްދަށް ޒިޔާރަތްކުރުމާ ދިމާކޮށް އެ އެޖެންސީން ނެރެފައިވާ ރިޕޯޓުގައި ވާގޮތުން ފާއިތުވި ނޮވެންބަރު މަހުގެ ފަހުންވެސް ވެނެޒުއެލާ ދޫކޮށް 1 މިލިއަން މީހުން ގޮސްފައި ވެއެވެ. 2015 ވަނަ އަހަރާ ހަމައަށް ވެނެޒުއެލާ ދޫކޮށް ހިޖުރަށް ކޮށްފައިވަނީ 7 މިލިއަން މީހުން ކަންވެސް އދ. ގެ ރެފިއުޖީންނާ ބެހޭ އެޖެންސީގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ގިނަ ބަޔަކު ވެނެޒުއެލާ ދޫކޮށް އަވަށްޓެރި ގައުމުތަކަށް ދަނީ، އެ ގައުމުގައި ހިނގާ ސިޔާސީ ހަމަނުޖެހުން އެއް އަހަރުން އަނެއް އަހަރަށް ބޮޑުވެ، ހައްލެއް ނައިސް ދިގު ލައިގެން ދާތީއެވެ. ރައީސު ނިކޮލަސް މަދޫރޯ މިއަހަރު ޖަނަވަރީ މަހު ދެވަނަ ދައުރަކަށް ހުވައިކުރެއްވުމަށް ސިޔާސީ ހަލަބޮލިކަން ވަނީ ވަކިން ބޮޑަށް އިތުރުވެފައެވެ.

މަދޫރޯ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތީ ޣައިރު ގާނޫނީ އިންތިޚާބަކުން ކަމަށް ވިދާޅުވެ އިދިކޮޅު ލީޑަރު، އަދި ވެނެޒުއެލާގެ ގާނޫނުހަދާ މަޖިލިސް، ނޭޝަނަލް އެސެންބްލީގެ ރައީސު ހުވާން ގުއައިޑޯ ވަނީ އޭނާއަކީ ގައުމުގެ ވަގުތީ ރައީސުކަމަށް ޖަނަވަރީ މަހު އިއުލާންކުރައްވާފައެވެ. އެމެރިކާއާއި ބައެއް އެހެން ގައުތަކުން ވަނީ އެގޮތަށް ގަބޫލުކޮށްފައެވެ.

ޔޫއެންއެޗްސީއާރުން ހާމަކޮށްފައިވާ ދެކުނު އެމެރިކާގެ ގައުމުތަކުގެ ތެރެއިން ވެނެޒުއެލާގެ ރެފިއުޖީން އެންމެ ގިނައިން ތިބީ ކޮލޮންބިއާގައެވެ. އެ ގައުމުގައި 1.3 މިލިއަން ވެނެޒުއެލާ މީހުން އެބަތިއްބެވެ. ޕެރޫގައި 7 ލައްކަ 68 ހާސް، ޗިލީގައި 2 ލައްކަ 88 ހާސް، އެކުއަޑޯގައި 2 ލައްކަ 63 ހާސް، ބްރެޒިލްގައި 1 ލައްކަ 68 ހާސް އަދި އާޖެންޓީނާގައި 1 ލައްކަ 30 ހާސް ރެފިއުޖީން އެބަތިއްބެވެ.

ޕެރޫއަށް އެތެރެވާ ވެނެޒުއެލާ މީހުންގެ އަދަދު ކޮންޓުރޯލުކުރުމަށް އެގައުމުން އިއްޔެ ވަނީ އުސޫލުތައް ހަރުކަށިކޮށްފައެވެ. ޕެރޫގެ ރައީސު މާޓިން ވިޒްކާރާ ވިދާޅުވި ގޮތުގައި މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޕެރޫއަށް އެތެރެވެވޭނީ ކަރާކާސްގައި ހުންނަ ޕެރޫގެ ކޮންސިއުލޭޓުން ޖަހާފައިވާ ވިސާއެއް އޮތް ސައްހަ ޕާސްޕޯޓަކާއެކު އަންނަ ވެނެޒުއެލާ މީހުންނަށެވެ.

ކަންބޮޑުވާން ޖެހޭ ދަރަޖައަށް ގޮސްފައިވާ މިއަދަދުތަކުން އެނގެނީ ރެފިއުޖީން ދިރިއުޅޭ ގައުމުތަކަށް މިކަމުގައި އެހީތެރިކަން ބޭނުންވާނެ މިންވަރުކަން އދ. ގެ ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

ވެނެޒުއެލާގެ އާބާދީއަކީ 32 މިލިއަން ކަމުގައިވާއިރު އދ. ގެ ރިޕޯޓުން ހާމަވި ގޮތުގައި އެ ގައުމުގެ އާބާދީގެ އަށްބައިކުޅަ އެއްބައި މިވަނީ ގައުމު ދޫކޮށް ގޮސްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.