އިންޑިޔާގެ ވައިގެ އަސްކަރިއްޔާއަށް އިސްރާއީލުން 3 ބިލިއަން ރުޕީސްގެ ބޮން ގަންނަނީ

އިސްރާއީލުން އިންޑިޔާއަށް ވިއްކާ ސްޕައިސް-2000 ބޮން

އިސްރާލުގައި އުފައްދާ ޒަމާނީ ސްޕައިސް-2000 މަރުކާގެ 100 ބޮން ގަތުމަށް އިންޑިޔާގެ ވައިގެ އަސްކަރިއްޔާއިން އިސްރާއީލާއެކު ސޮއިށްފިއެވެ.

އިސްރާއީލުގެ ރަފާއެލް އެޑްވާންސްޑް ޑިފެންސް ސިސްޓަމްސްއިން އުފައްދާ ބޮން ގަތުމަށް ސޮއިކުރި އެއްބަސްވުމުގެ އަގު 3 ބިލިއަން ރުޕީސް (43.37 މިލިއަން އެމެރިކާ ޑޮލަރު) އަށް އަރައެވެ.

ސްޕައިސް-2000 ބޮމަކީ ދާދި ފަހުން ކަޝްމީރުގައި އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ހިނގި އަސްކަރީ ކުރިމަތިލުމުގައި، އިންޑިޔާގެ ވައިގެ ސަފައިން ޕާކިސްތާނުގެ ބާލާކޯޓަށް އެޅި ބޮމެވެ. އިންޑިޔާއިން ބުނާ ގޮތުގައި އެ ބޮން ވަނީ މީޓަރެއްހާ ކުޑަ ތަފާތަކާއެކު އޭގެ އަމާޒަށް ވާސިލުވެ ބޮޑެތި ގެއްލުން ދީފައެވެ.

ދުޝްމަނުންނާ ކުރިމަތިލުމުގައި ވައިގެ އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް މި ބޮންތައް ހަރުކުރެވޭނީ ވައިގެ އަސްކަރިއްޔާއިން ބޭނުންކުރާ ސުޚޯއީ-30 މަރުކާގެ ބޮންއަޅާ ބޯޓުފަހަރުގައެވެ.

ސްޕައިސް (ސްމާޓް، ޕްރެސައިސް-އިމްޕެކްޓް، ކޯސްޓް އެފެކްޓިވް) ގެ ނަން ދެވިފައިވާ، ލޭޒާ ބޭނުންކޮށްގެން އަމާޒުހިފާ މި ބޮންތަކަކީ އިމާރާތްތަކާއި، ބިންގަރާސްތައް ފޫއަޅުވާލާފައި ވަދެ އެތެރޭގައި ގޮވުމުގެ ގާބިލުކަން ލިބިފައިވާ ބޮންތަކެކެވެ.

މޯދީ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތުމަށް ފަހު ސޮއިކުރި ހަތިޔާރުގެ ފުރަތަމަ އެއްބަސްވުމުގެ ދަށުން މި ބޮންތައް ތިން މަސްދުވަހުގެ ތެރޭގައިން އިންޑިޔާއާއި ހަވާލުކުރާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.