އެފްރިކަން ޔުނިއަނުން ސޫދާން ސަސްޕެންޑުކޮށްފި

އިތިއޮޕިޔާގެ ވެރިރަށް އެޑިސް އަބާބާގައި ހުންނަ އެފްރިކަން ޔުނިއަން (އޭޔޫ) ގެ މައި އިދާރާ

ވެރިރަށް ޚުރްޠޫމުގައި އިހުތިޖާޖުކުރަމުން ދިޔަ އާއްމުންގެ ގަޔަށް ސޫދާނު ސިފައިން ބަޑިޖަހައި އެތައް ބަޔަކު މަރާލުމާ ގުޅިގެން އެފްރިކަން ޔުނިއަން (އޭޔޫ) އިން ސޫދާން ސަސްޕެންޑުކުރަން އެ ޖަމްއިއްޔާއިން ނިންމައިފިއެވެ. މިހާތަނަށް ލިބިފައިވާ އަދަދުތަކަށް ބަލާއިރު ބަޑިޖެހުމުގެ މިހަމާލައި 108 މީހުން މަރުވެފައި ވެއެވެ.

އޭޔޫގެ ޕީސް އެންޑް ސެކުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށްފަހު، އެ ކައުންސިލުން މިއަދު (ބުރާސްފަތި ދުވަހު) ކުރި ޓުވީޓެއްގައި ބުނެފައި ވަނީ "މަދަނީން ހިންގާ އިންތިގާލީ ސަރުކާރެއް އަމަލީގޮތުން ގާއިމުކުރެވެންދެން" މި ވަގުން ފެށިގެން އޭޔޫގެ ހުރިހާ ހަރަކާތަކުން ސޫދާން ސަސްޕެންޑުކޮށްފައި ވާކަމުގައެވެ. އަދި އެއީ ސޫދާނަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކުން އަރައިގަނެވެން އޮތް ހަމައެކަނި ވަސީލަތަކީ އެއީ ކަމުގައެވެ.

54 މެންބަރު ގައުމު އެކުލެވޭ އެފްރިކަން ޔުނިއަނުން ސޫދާން ސަސްޕެންޑުކުރުން ވެގެންދާނީ އެގައުމުގައި މިހާރު ވެރިކަންކުރާ އިންތިގާލީ އަސްކަރީ ކައުންސިލަށް ކުރިމަތިވާނެ ބޮޑު ފިއްތުމަކަށެވެ. މި ކަމުގެ ސަބަބުން އެފްރިކާ ބައްރުގައި ޑިޕްލޮމެޓިކް ގޮތުން ސޫދާން އެކަހެރިވުމުގެ އިތުރަށް، އޭޔޫ އެދޭ ގޮތަށް މަދަނީ ބަޔަކާ ވެރިކަން ހަވާލުނުކޮށްފިނަމަ، ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މިއަދުގެ ނިންމުމާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން އެފްރިކަން ޔުނިއަން ކޮމިޝަންގެ ރައީސު މޫސާ ފަކީ މަހަމަތު ވަނީ އާއްމުން މެރި މައްސަލައިގައި "ހިމެނޭ އެންމެން ޒިންމާދާރުކުރުވުމަށް ދެފުށްފެންނަ އަވަސް" ތަހުގީގެއް ހިންގުމަށް" ގޮވައިލައްވާފައެވެ.

ޚުރްޠޫމުގައި ހުންނަ އިތިއޮޕިޔާގެ އެންބަސީއާ ހަވާލާދީ  ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އިތިއޮޕިޔާގެ ބޮޑުވަޒީރު އަބީ އަޙްމަދު މާދަމާގެ ވަގުތެއްގައި ސޫދާނަށް ވަޑައިގަންނަވަ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ އިންތިގާލީ އަސްކަރީ ކައުންސިލްގެ މެންބަރުންނާއި، އިދިކޮޅު ހަރަކާތްތައް ވިލަރެސްކުރާ ޑިކްލަރޭޝަން އޮފް ފްރީޑަމް އެންޑް ޗޭންޖް ފޯސަސްގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެފަރާތް ސުލްހަކުރެވޭތޯ މަސައްކަތްކުރެއްވުމަށެވެ.

އެފްރިކަން ޔުނިއަންގެ މައި އިދާރާ ހުންނަނީ އިތިއޯޕިޔާގެ ވެރިރަށް އެޑިސް އަބާބާގައެވެ. އެހެންނަމަވެސް އަބީ ސޫދާނަށް ވަޑައިގަންނަވަނީ އޭޔޫގެ މަންދޫބެއްގެ ހައިސިއްޔަތުން ކަމެއް ނުވަތަ އަމިއްލަފުޅަށް އިސްނަންގަވައިގެން ކަމެއް ސާފެއް ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.