
ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާވެ ރައްޔިތުންނަށް އަނިޔާކުރަން ދަސްވެފައިތިބި ބަޔަކާއެކު އިސްލާޙެއް ނުކުރެވޭނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރ އަލްއުސްތާޒު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އޭނާ މިއަދު ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ވިދާޅުވީމާ ވިދާޅުވިގޮތަކަށް ދަޢުވާކޮށްކޮށް ތިބިބަޔަކާއި ނީލަމުގެ އުސޫލުން ނުވަތަ ގަންނަ ބިރުން ތައްގަނޑުޖަހައި ސޮއިކުރަން އާދަވެފައިތިބި ބަޔަކާ އެކު އިސްލާހެއް ނުކުރެވޭނެ،" ކަމަށެވެ.
ބެލެވޭ ގޮތުގައި ޢަލީ ޙުސައިން ޓްވީޓު ކުރެއްވީ ހުޅުމާލޭ ގެއަކުން ތިން ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ބަންދުކުރި ދެމައިންގެ ބަންދުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތާ ބެހޭ ގޮތުންނެވެ. އެހެންނަމަވެސް ޓްވީޓުގައި ލިޔުއްވާފައިވާ ވަރަށްވުރެ އިތުރަށް ޢަލީ ޙުސައިން އެއްޗެއް ވިދާޅެއް ނުވިއެވެ.
ހުރިހާ ދިމާއަކުން ޖުޑިޝަރީ އިސްލާޙު ކުރައްވާ ވާހަކަ ދައްކަވާއިރު ޕްރޮސެކިއުޓަރޖެނެރަލާއި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލުންގެ ވާހަކައެއް ނުދެކެވެ. މިއީ ވެސް ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ހުރި ކަމެކެވެ.