ތިން ކިލޯގެ ޑްރަގު މައްސަލާގައި މަންމަ ދޫކޮށް ދަރިފުޅު ބަންދު ކޮށްފި

ހުޅުމާލޭގެ ގެއަކުން 3 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ބަންދު ކޮށްފައިވާ ދެމައިންގެ ތެރެއިން ދަރިފުޅުގެ ބަންދަށް 10 ދުވަސް ޖަހައިދީ އޭނާގެ މަންމަ ދޫކޮށްލައިފިއެވެ.

މިގޮތަށް އަމުރު ކުރެއްވީ އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ހުޅުމާލޭ ކޯޓަށް ގެންދިއުމުން އެ ކޯޓުންނެވެ. އެ ކޯޓުން މަންމަ ދޫކޮށްލީ އޭނާގެ ބަލި ޙާލަތަކަށް ރިޢާޔަތް ކުރުމަށްފަހު ޝަރުތުތަކާއެކުގައެވެ. އެހެންނަމަވެސް އެ ޝަރުތުތަކެއް އެނގިފައެއް ނުވެއެވެ. އޭނާއަކީ ނަފްސާނީ ބައްޔަށް ފަރުވާ ކުރަމުންދާ 52 އަހަރުގެ އަންނެކެވެ.

ޢުމުރުން 25 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ޖެހުމުން އޭނާ ވަނީ އިތުރު ފުރުސަތެއް ހޯދައި އެމީހުން އުޅޭކޮޓަރިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާ ބަހައްޓައިފައިވާ އެއްޗެއް ކަމަށް ޤާޒީގެ ކުރިފުޅުމަތީގައި އިޢުތިރާފުވެފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އޭނާގެ މަންމައަށް އެތަކެއްޗާ ބެހޭ އެއްވެސް މަޢުލޫމާތެއް ނޭނގޭނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. މިއީ މި މައްސަލާގައި އެ ދެމައިން ބަންދު ކުރި ތިންވަނަ ފަހަރެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުޤީގު ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.