ޖަރުމަނުގައި 85 މީހުން މަރާލި ނަރުހަކު އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

85 މީހުން މަރާލުމުގެ ކުށުގައި އުމުރަށް ޖަލަށް ލާން ހުކުމްކުރެވުނު ނަރުސް ނީލްސް ހޯގެލް

85 މީހުން މަރާލުމުގެ ކުށުގައި ޖަރުމަނުގެ ކުރީގެ ނަރުހަކު އުމުރަށް ޖަލަށްލުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. އޭނާގެ މައްޗަށް ހުކުމް އިއްވަމުން ފަނޑިޔާރު ސެބަސްޓިއަން ބުއަމަން ވިދާޅުވީ އޭނާގެ ޖަރީމާތަކަކީ "ވިސްނައިގަންނަންވެސް އުނދަގޫ" ޖަރީމާތަކެއް ކަމުގައެވެ.

އޯލްޑަންބާގު ކޯޓުން މި ހުކުމްކުރުމުގެ ކުރިން ފިރިހެން ނަރުހެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި ނީލްސް ހޯގެލް ވަނީ 55 މީހުން މެރި ކަމަށް އިއުތިރާފުވެފައެވެ. އޭނާއަކީ ޖަރުމަނުގެ ތާރީޚުގައި މިފަދައިން އެންމެ ގިނަ މީހުން މެރި މީހާއެވެ.

42 އަހަރުގެ ހޯގެލް މި ޖަރީމާތައް ހިންގާފައި ވަނީ 2000 ވަނަ އަހަރާ 2005 ވަނަ އަހަރާ ދެމެދުގައި، އުތުރު ޖަރުމަނުގެ ދެ ކްލިނިކެއް ގައި މަސައްކަތްކުރި އިރު، އެކި މީހުންގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެންނެވެ.

އޭނާގެ މައްޗަށް ކުރި ދައުވާއަށް ހެކި ހޯދަން ފުލުހުން ގަބުރުކޮނެގެން 130 މީހެއްގެ ހަށިގަނޑު ނަގާފައި ވެއެވެ.

ފުލުހުން ގަބޫލުކުރާ ގޮތުގައި އޭނާ 200 އަށްވުރެ ގިނަ މީހުން މަރާފައި ވާނެއެވެ. އެހެންނަމަވެސް، ހޯގެލްގެ ހަނދާނުގައި އޭނާ ހިންގި ބައެއް ޖަރީމާތަކުގެ ތަފްސީލު ނެތްކަމަށް އޭނާ ބުނުމާއި، އޭނާ މަރާލި ބައެއް މީހުންގެ ހަށިގަނޑު އަންދާލާފައި ވުމުގެ ސަބަބުން ކޯޓަށް އޭނާ މެރި އެންމެންގެ މައްސަލަ ސާބިތުނުވިއެވެ.

ބަލިމީހެއްގެ ގަޔަށް ޖަހަން ނުޖެހޭ އިންޖެކްޝަނެއް ޖަހަން އުޅެނިކޮށް 2005 ވަނަ އަހަރު ހިފިގެން، މީހަކު މަރާލަން އުޅުމުގެ ކުށުގައި 2008 ވަނަ އަހަރު އޭނާގެ މައްޗަށް ހަތްއަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވެއެވެ.

2014 އަދި 2015 ގައި އަނެއްކާވެސް ފަސް މީހަކު މަރާލުމުގެ ކުށުގައި އޭނާގެ މައްޗަށް 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވެއެވެ.

އިއްޔެ ފަނޑިޔާރު ހުކުމް އިއްވި އިރު ދޮޅިދަށަށް އަތް ލައްވައިގެން އިން ހޯގެލް ވަނީ އޭނާގެ ޖަރީމާތަކުގެ ސަބަބުން ހިތާމަ ލިބުނު އާއިލާތަކުގެ ކިބައިން މާފަށް އެދިފައެވެ.

"ފާއިތުވި އަހަރުތަކުގައި އަހަރެން ކޮށްފައިވާ ހުރިހާ ކަމަކަށް އަހަރެން އިޚްލާސްތެރިކަމާއެކު މާފަށް އެދެން ހޯގެލް ބުންޏެވެ.

ޖަރުމަނުގެ ގާނޫނު ބުނާގޮތުން މިކަހަލަ ޖަރީމާތަކުގައި އެންމެ ބޮޑު އަދަބަކީ އުމުރަށް ޖަލަށްލުމެވެ. އަދި މިފަދަ މީހުންނަށް 15 އަހަރަށް ފަހު ޕެރޯލްގެ ދަށުން ދޫވުމުގެ ފުރުސަތު އޮވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.