ބިރުވެރިކަމުން ފުރިގެންވީ ރަމަޟާން މަހަކަށް ފަހު، ޒިންޖިއާންގގެ މުސްލިމުންނަށް އީދުގެ އުފަލެއްވެސް ނެތް

ހޯޓާން ސިޓީގެ ހެޔިތުކާ މިސްކިތް ތަޅާލައި އެތަނުގައި ކާރު ޕާކުކުރާ ތަނެއް ހަދާފައި

އަންގާރަ ދުވަހާއި، ބުދަ ދުވަހު ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުން ފިޠުރު އީދުގެ އުފާ ފާޅުކަމުން ދިޔައިރު، ޗައިނާގެ މުސްލިމުން ގިނަ ޕްރޮވިންސު ޒިންޖިއާންގގެ އުއިގޫރު ދަރިކޮޅުގެ މުސްލިމުން އީދު ފާހަގަކުރަމުން ދިޔައީ އުފާވެރިކަމެން ނެތިއެވެ.

އިހުގެ ސިލްކްރޯޑުގައި އޮންނަ ކާޝްގަރުގައި ފާއިތުވި ރަމަޟާން މަހު ފަތިސްނަމާދަށް ބަންގި ގޮވާ އަޑު އިވިފައި ނުވެއެވެ ސަރުކާރުން އެކަން މަނާކޮށްފައި ވާތިއެވެ.

ޒިންޖިއާންގ ޕްރޮވިންސުގެ ގިނަ މިސްކިތްތަކެއް ސަރުކާރުން ތަޅާލާފައިވާއިރު ބާކީ ހުރި މިސްކިތްތަކަށްވެސް ރަމަޟާން މަހުގައި ގޮސް ހެދީ ނިސްބަތުން މަދު ބައެކެވެ. ސަރުކާރުން ފާރަލާ މިންވަރު ބޮޑުކަމުން ދާން ނުކެރިގެންނެވެ.

"މިތަނުގައި ކަންތައް އޮތީ ވަރަށް ހަރުކަށިކޮށް. އެކަމާ އަހަރެންގެ ހިތް ހަލާކުވާވަރުވޭ." ނަން ހާމަނުކުރަން ޝަރުޠުކޮށް ޔޫރަޕުގެ ނޫސްވެރިއަކަށް މައުލޫމާތު ދެމުން އުއިގޫރް މުސްލިމަކު ބުންޏެވެ.

"އަހަރެން މިހާރު ނުދަން." "އަހަރެން ވަރަށް ބިރުގަނޭ." މިސްކިތަށް ދަންހޭ އޭނާއާ ސުވާލުކުރުމުން ހޯޓާން ސިޓީގައި ދިރިއުޅޭ އެ މުސްލިމް މީހާ ޖަވާބުދިނެވެ.

3 ލައްކައަށްވުރެ ގިނަ މުސްލިމުން ދިރިއުޅޭ އެރަށުގައި ބުދަ ދުވަހު އީދު ނަމާދުކުރީ ސަރުކާރުން ހުއްދި ދީފައިވާ މިސްކިތް، އީދުގާހު މަސްޖިދުގައި އެކަންޏެވެ. މިސްކިތުގެ ސަރަހައްދު ވަށައި ފެންސުޖަހައި، ޗައިނާގެ ފުލުހުން ދިޔައީ މުސްލިމުންގެ ހަރަކާތްތަކަށް ފާރަލަމުންނެވެ. އާދައިގެ ހެދުމުގައި ސިއްރު ފުލުހުން އެތައް ބަޔަކު ހަރަކާތްތެރި ވިއެވެ.

މިސްކިތަށް ދިޔަ މީހުން މެޓަލް ޑިޓެކްޓާ ބޭނުންކޮށްގެން ފާސްކުރަމުން ދިޔައިރު، މުސްލިމުން އީދު ނަމާދުކުރީ އުފާ ފާޅުކުރުމެއް ނެތިއެވެ. ދީނީ ޝިއާރުތަކުގައި ޖޯޝާއެކު އުފާ ފާޅުކުރުމާއި، މިސްކިތަށް ގޮސް މާބޮޑަށް އަޅުކަމުގައި މަޝްޣޫލުވުމަކީވެސް ހަރުކަށި ކަމުގެ ލޭބަލް ޖެހި، 'ތަމްރީނުދޭ' ކޭންޕަކަށް ދާންޖެހިދާ ވަރުގެ ކުށެކެވެ.

ރަމަޟާން މަސް ފެށިގެން ގޮސް ނިމުނު އިރުވެސް ރަމަޟާން މަހުގެ އަސަރެއް ޒިންޖިއާންގ ޕްރޮވިންސުގެ މަގުމަތިންނާއި، ސަލާމަތުން ހުރި މަދު މިސްކިތަކުން ނުފެނެއެވެ. ދުވާލު ވަގުތުތަކުގައި ރެސްޓޯރެންޓުތައް ގަވާއިދުން ހުޅުވައި ޚިދުމަތް ދެއެވެ. ސަރުކާރުން މަޖުބޫރުކޮށްފައި ވާތީއެވެ. ތިމާ ހުރީ ރޯދައަށްކަން އެއްވެސް ހާލެއްގައި ފާޅުކުރުމަކީ މަނާކަމެވެ. ރޯދައަށް ހުރި މީހެއް ކައިރީގައި ރެސްޓޯރެންޓަކުން ކާން އަންނާށޭ ބުނުމުން ނުކައިފިއްޔާ އެމީހާ ކުށްވެރިވެއެވެ.

ރަމަޟާން މަހުގެ ފަހު ހުކުރު ދުވަހުވެސް ހުކުރު ނަމާދު ވަގުތުގައި މިސްކިތްތައް ހުރީ ފަޅަށެވެ. ހޯޓާން ސިޓީގެ މައި މިސްކިތުގައި ހުކުރު ނަމާދަށް ތިބީ 100 ވަރަކަށް މީހުންނެވެ. އެއީ ވެސް އުމުރުން ދުވަސްވެފައިވާ މީހުންނެވެ. އާއްމުކޮށް މިސްކިތުގައި ރޯދަވީއްލުމަކީ ޒިންޖިއާންގގެ އުއިގޫރު މުސްލިމުންގެ އާދައެކެވެ. އެހެނަސް، އިރު އޮއްސުނު ވަގުތު މިސްކިތް އޮތީ ހުހަށެވެ. ރޯދަ ވީއްލަން މީހަކު ނާދެއެވެ. މިއީ 2017 ވަނަ އަހަރުން ފެށިގެން ކޮންމެ ރަމަޟާން މަހަކުވެސް މުސްލިމުންގެ ހާލެވެ.

އާތުރައިޒް އެލަޔަންސުގެ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޒިންޖިއާންގގެ 30 އަށް ވުރެ ގިނަ މިސްކިތް ތަޅާލައި ބިން ސާފުކޮށްފައި ވެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ޕްރޮވިންސުގެ މިލިއަނެއްހާ މުސްލިމުން މިހާރު ތިބީ 'ތަމްރީނުދޭ' ކޭންޕުތަކުގައި ބަންދުކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.