މިއަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެކަމަށް ރައީސު ސިރިސޭނާ ވިދާޅުވެއްޖެ

މި އަހަރުގެ ފަހުކޮޅު ސްރީލަންކާގައި  ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަނުކުރައްވާނެކަމަށް ރައީސު މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

ސިރިސޭނާ މިކަން ހާމަކުރައްވާފައި ވަނީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގައި އޮތް ބައްދަލުވުމެއްގައި ކަމަށާ، ކުރީގެ ރައީސު މަހިންދަ ރާޖަޕަކްސާ އަލުން ރައީސުކަމަށް ވަޑައިގަންނަވަން ތާއީދުނުކުރައްވާކަންވެސް އެ ބައްދަލުވުމުގައި ސިރިސޭ ހާމަކުރައްވާފައި ވާކަމަށްވެސް ސްރީލަންކާގެ ނޫސްތަކުން ޚަބަރުދީފައި ވެއެވެ.

ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ވެރިކަންކުރާ ކޯލިޝަން ޔުނައިޓެޑް ނޭޝަނަލް ފްރަންޓް (ޔޫއެންއެފް) އިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައަ އާ މޫނެއް ނެރުމަށް ރައީސު ސިރިސޭނާ ވަނީ އެދިވަޑައިގެންފައެވެ. އަދި ޔޫއެންއެފްގެ ކެންޑިޑޭޓަށް ތާއީދުކުރައްވާނެކަންވެސް އޭނާ ވަނީ ހާމަކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުމުގައި ސްރީލަންކާގެ މިހާރުގެ ހާލަތާމެދު ކަންބޮޑުވުން ފާޅުކުރެއްވުމުގެ އިތުރަށް ރައީސު ސިރިސޭނާ ވަނީ މުސްލިމުން މިނިސްޓަރުން އެއްފަހަރާ އިސްތިއުފާދެއްވަމުކީ ސްރިލަންކާގެ ޝަޚްސިއްޔަތާއި މުޖުތަމައަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަން ވެސް ފާހަގަކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގައި ޔޫއެންއެފްއަށް ތާއީދުކުރައްވާނެކަމަށް ރައީސި ސިރިސޭނާ ވިދާޅުވިއިރު، އޭނާ އެ ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) އިން ދަނީ ރިޔާސީ އިންތިޚާބަށްޓަކައި ކޯލިޝަނެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންނެވެ.

އުމުރުފުޅުން 67 އަހަރުގެ މައިތުރިޕާލާ ސިރިސޭނާ ސްރީލަންކާގެ ރައީސުކަމުގެ ހުވައިކުރައްވާފައި ވަނީ 9 ޖަނަވަރީ 2015 ގައެވެ. އެއީ  8 ޖަނަވަރީ 2015 ގައި އޮތް ރިޔާސީ އިންތިޚާބުގައި އޭރުގެ ރައީސު މަހިންދަ ރަޖާޕަކްސާއާއި ވާދަކުރައްވައި 51.28% ވޯޓު ހޯއްދަވައިގެންނެވެ.

ފާއިތުވި އެޕްރީލް މަހު ސްރީލަންކާގައި ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާއާއި ބެހޭ ޖާސޫސީ މައުލޫމާތު ކުރިން ލިބިފައިވުމާއެކުވެސް، އެ ހަމަލާ ހުއްޓުވުމަށް ރައީސު ސިރިސޭނާ އެކަށީގެންވާ ގޮތުގައި މަސައްކަތްޕުޅުކުރައްވާފައި ނުވާކަމަށް ބުނެ އޭނާއަށް ފާޑުކިއުން އަމާޒުވެފައި ވެއެވެ. އަދި ޔޫއެންއެފް ކޯލިޝަންގެ މައި ޕާޓީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އާ ސިރިސޭނާއާ ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން އެޕާޓީގެ ތެރޭގައި އޭނާއަށް އޮތް ތާއީދުވެސް ވަނީ ކުޑަވެފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.