ދުނިޔެ ހޫނުވުމުގެ ސަބަބުން ފަރުތައް މިދަނީ ނެތުމުން: ޑރ. ޙުސައިން

ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ދިޔަ ބޮޑުވެ، ފަރުތައް ހުދުވެ ނެތެމުންދާ ކަމަށް ރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރު ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެއްޓާބެހޭ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގައި އެމަނިކުފާނު ވިދާޅުވީ "ތަކެތި އެންދުމުގެ ސަބަބުން އަރާދުމުގައި ގްރީންހައުސް ގޭސްތައް ޖައްވަށް ބޭރުވުމުގެ ސަބަބުން ދުނިޔެ މިދަނީ ހޫނުވަމުން. އޭގެ ނަތީޖާއަކަށްވަނީ ކަނޑުގެ ލޮނުގަނޑު އުފުލި ފަރުތައް ހުދުވަމުން ދިޔުމުގެ ސަބަބުން ފަރުތައް މިދަނީ ނެތެމުން." ކަމަށެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގެ ރަށްރަށުގެ ޙިމާޔަތުގައި ގުދުރަތީ ގޮތުން ލައްވާފައިވާ ފަރުތަކަށް ވެސް ވަނީ ވައި ނުސާފުވުމުގެ މައްސަލަ ދިމާވެފައި ކަމަށެވެ. އެއީ އަވަސް ޙައްލެއް ގެންނަން ޖެހިފައިވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވައި ނުސާފުވާން ދިމާވާ ބައެއް ކަންކަން ރާއްޖޭގައި ވެސް ކުރަމުންދާ ކަމަށާއި،  އެގޮތުން އުޅަނދު ފަހަރު އިތުރުވެ އިއެއިން ނުކުންނަ ދުމުގެ ސަބަބުން ވައި ނުސާފުވަމުންދާ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގައި ކަރަންޓު ނުވަތަ ޙަކަތައް އުފައްދަނީ ވެސް ތެޔޮ އަންދައިގެން ކަމަށްވާތީ އެއީ ވެސް ވައި ނުސާފުވަން ދިމާވާ އެއް ސަބަބު ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިކަންކަން ޙައްލު ކުރުމަށްޓަކައި ރާއްޖޭގެ ކުޅިތައް ޙިމާޔަތްކޮށް ރައްކާތެރި ކުރަން ޖެހޭ ކަމަށާއި އަދި ގަސް އިންދައި ހައްދަންޖެހޭ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ކަރަންޓު ސާމާނު ބޭނުން ކުރާއިރު އެނަރޖީ އެފިޝަންސީ ސާމާނަށް ހެދުމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގައި ތިމާވެށީގެ ދުވަހެއް ފާހަގަ ކުރަން ފަށައިފައިވަނީ 1973 ވަނަ އަހަރު ޖޫން މަހު 5 ވަނަ ދުވަހު އެވެ. އެދުވަހުން ފެށިގެން ރާއްޖޭގައި ވެސް އަންނަނީ ތިމާވެށީގެ ދުވަސް ފާހަގަ ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.