ޢީދު ހަދިޔާ - ހެއްވާ: ފިލްމުގެ ޙަޤީޤީ ވާހަކަ

އަޅުގަނޑުމެން ދެތިން ރަޙްމަތްތެރިން ފިލްމާ ބެހޭ ގޮތުން ޒުވާބެއް ކުރި ދުވަހެކެވެ. އަޅުގަނޑު ވާހަކަ ދައްކަމުން ދިޔައީ ފިލްމުގައި ދައްކާ ބައެއް ކަންތައްތައް ފޫނުބެދޭ ކަމަށެވެ. ފިލްމުގައި ދައްކާ ކަހަލަ އެއްވެސް ކަމެއް ޙަޤީޤީ ދިރިއުޅުމުގައި ނުވާނޭ ކަމަށެވެ. ދެން ހުރި މީހާ ވާހަކަ ދެއްކީ އަޅުގަނޑާ ދެކޮޅަށެވެ. ތިން ވަނަ މީހާ އެއްވެސް އެއްޗެކޭ ނުބުނެ ހުރީއެވެ. ޒުވާބުގަނޑު ވަރަށް ހޫނު ވެގެން ދިޔައީމާ އަޅުގަނޑު ތިން ވަނަ ރަޙްމަތްތެރިޔާގެ އެހީއެއް ލިބޭނޭ ކަމުގެ އުންމީދުގައި އަހައިލީމެވެ،

"މި ކަމާ ބެހޭ ގޮތުން ކަލޭ ބުނަނީ ކީކޭ-؟"

އޭނާ ވަރަށް ހަަމަޖެހިލައިފައި ބުނެލިއެވެ. "އަހަރެން ބުނަން އޮތް ވާހަކަ އަކީ ފިލްމަކީ ފިލްމޭ- އެއީ ޙަޤީޤަތެއް ނޫނޭ-"

އެއީ ވަރަށް ބޮޑު ތެދެކެވެ. އެކަމަކު ފިލްމުގައި ޙަޤީޤަތާ މާ ބޮޑަށް ދުރަށް ދެވޭ ގޮތް ވީމާ ބައެއް ފަހަރު ފޫހި ވެއެވެ. އަޅުގަނޑު މި ދަންނަވާ ކަހަލަ ކަންތައްތައް ފިލްމު ތަކުން ދެކެވަޑައިގެންފައި ވަނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންތޯއެވެ؟

ހިންދީ ފިލްމެއްގައި ބަޠަލެއްގެ ބައި ކުޅޭ މީހާ އާއި، ބަޠަލާއެއްގެ ބައި ކުޅޭ މީހާޔާ ދެ މީހުންނަށް ވުރެ ރީތި މީހަކު މަގެއްގެ މަތީން ހިނގާފައި ދާތަންވެސް ނުފެންނާނެއެވެ. އެ ދެ މީހުން ބިންމައްޗަށް ވެއްޓި ކިތަންމެ ވަރަކަށް ފުރޮޅުނަސް ލައިގެން ހުރި ހެދުމެއް ހަޑިއެއް ނުވާނެއެވެ. މަގުމަތީގައި ނަށަން ފަށައިފިއްޔާ އެ މަގަކުން ހިނގާފައި ދާ އެންމެންނަށް އެ މީހުން ނަށާ ގޮތަށް ނަށަން އެނގޭނެއެވެ. ލަވަ ކިޔަންޏާ އެ ލަވަވެސް އެންމެންނަށް އެނގޭނެއެވެ.

ފިލްމުގައި ރަނގަޅުބައި ކުޅޭ މީހާ ދުވަހަކުވެސް ނުބައި ކަމެއް ނުކުރާނެއެވެ. ނުބައިބައި ކުޅޭ މީހާ ދުވަހަކުވެސް ރަނގަޅު ކަމެއް ނުކުރާނެއެވެ. ބޮޑު ފާރެއް ފަޅާލާފައި ބަޠަލު ޢިމާރާތެއްގެ އެތެރެއަށް ވަނަސް އޭނާ އަކަށް އެއްވެސް އަނިޔާއެއް ނުވާނެއެވެ. ރާ ބޮއިގެން މަސްތު ވެފައި ހުރެގެންވެސް ޅެންވެރިކަމުގެ ފެންވަރަށް ބަލާއިރު ވަރަށް މޮޅު ލަވަ ކިޔާނެއެވެ. ރާގަކުންވެސް ކައްސައެއް ނުލާނެއެވެ.

ޢިމާރާތެއްގެ މައްޗަށް ފުންމައިގެން އަރަން ވުމާއެކު ބިމުގައި ހުންނަ ދަމާ ބާރު (ގްރެވިޓީ) ވަރަށް ދަށަށް ހިނގައިދާނެއެވެ. ބަޠަލު ފުންމައިގެން ދިހަ ބުރީގެ ޢިމާރާތެއްގެ މައްޗަށް ވަރަށް ފަސޭހައިން އަރައިފާނެއެވެ.

ބަޠަލަކީ ސިފައިންގެ މީހެއް ކަމަށް ވަންޏާ އޭނާއަށް ޙައްލު ނުކުރެވޭ މައްސަލައަކާ ދިމައެއް ނުވާނެއެވެ. އޭނާއަކީ ވަގެއް ކަމަށް ވާ ނަމަ ސިފައިންނަކަށް އެއް ކަމެއްވެސް ނުކުރެވޭނެއެވެ.

ޓެކްސީއަށް ފައިސާ ދޭ އިރު ދަބަހުން ނެގެނީ ކިތައް ރުފިޔާތޯ (ނުވަތަ ޑޮލަރުތޯ) ބެލުމުގެ ބޭނުމެއް ނެތެވެ. އަތު ޖެހުނު ވަރެއް ނެގީމާ ނެގޭނީ ހެޔޮވަރަށެވެ.

ސީދާ މަގަކުން ކާރު ދުއްވާފައި ދާއިރުވެސް ބާރު ލާފައި ހުންގާނު ދެއަތަށް އަނބުރާން ވާނެއެވެ.

ތެޅިތެޅީނުން ހިރިނުލެވޭ ވަރު ވެފައި އޮތަސް އެއްވެސް ތަނަކަށް ތަދު ވެގެންނެއް ނުވާނެއެވެ. އެކަމަކު އަންހެނަކު އިސްޕިރިޓު ކަފަކޮޅެއް ޖައްސާލުމާއެކު ތަދުވާކަން އަންގާން ވާނެއެވެ.

ކްރެޑިޓް ކާޑަކުން ނުވަތަ ނަރުކޮޅަކުން ނުހުޅެވޭނޭ ތަޅެއް ނުހުންނާނެއެވެ. ތަޅު ނުހުޅުވޭނީ ހުޅު ހިފާފައި ހުރި ޢިމާރާތެއްގެ ތަޅެއް ނަމައެވެ. ޚާއްޞަކޮށް އެ ޢިމާރާތުގެ އެތެރޭގައި ކުޑަ ކުއްޖަކު ބަންދު ވެފައި ހުރިއްޔާ އަމުދުން ހުޅުވިގެން ނުވާނެއެވެ. އެހެނީ ފިލްމުގެ ބަޠަލު އެ ތަނަށް ވަންނަން ޖެހޭނީ ކޮންމެވެސް ތަނަކަށް އަރައިގެން ކަހަލަ ދަތި ގޮތަކަށެވެ.

ކޮންމެ ޢިމާރާތެއްގެ ކުރިމަތީގައިވެސް ކާރު ބޭއްވިދާނެ އެވެ. މަނާ ތަނެއް، މަނާ ގަޑިއެއް ނޯންނާނެއެވެ.

ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރި ކޮމްޕިއުޓަރަކަށްވެސް ބަޠަލަށް ވަދެވިދާނެއެވެ. އަދި އެ ކޮމްޕިއުޓަރަކުން ފައިލުތައް ޑައުންލޯޑް ކުރެވިދާނެއެވެ. އެތައް ހާސް ގިގަބައިޓެއް ޑައުންލޯޑް ކުރަން ހޭދަ ވާނީ އެންމެ މިނިޓެކެވެ. ކޮންމެ ކަހަލަ ޑިސްކެޓެއް، ކޮންމެ ކޮމްޕިއުޓަރަކަށް ލެއްވިޔަސް އެއްވެސް އުނދަގުލަކާ ނުލައި ރީޑް ކުރާނެއެވެ. އާދައިގެ އިނގިރޭސި ބަސް ކޮމްޕިއުޓަރަށް އެނގޭނެއެވެ.

ބޮލުގެ ފުއްކިބައިގައި ޖަހާލުމާއެކު ކޮންމެ މީހަކުވެސް ސިކުންތެއްގެ ތެރޭގައި ހޭ ނެތޭނެއެވެ. އެކަމަކު ބަޠަލުގެ ގައިގައި ކިތަންމެ ވަރަކަށް ތެޅިޔަސް އެއްވެސް ކަމެއް ނުވާނެއެވެ. މޫނުގައި ފެން ތިތްކެއް ޖެހުމާއެކު ހޭނެތިފައި އޮންނަ މީހާ ހޭ އަރާނެއެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.