މިދިޔަ ފަންސަވީހަކަށް އަހަރުގެ ތެރޭގައި މިގެއަކަށް ވަގެއް ނުވަދެއެވެ. ރޭގަނޑަކީ ވަގުންނަށް އެމީހުންގެ މަސައްކަތް ކުރަން ނުލާހިކު ފަސޭހަ ވަގުތަކަށް ވާއިރުވެސް މިގެއަށް ވަންނާނޭ ވަގަކު ނުވެއެވެ. ބައެއް ގޭގެއަށް ދުވާލުވެސް ވަގު ވަދެއެވެ. އެކި މީހުންނަށް ދިމާވާނީވެސް އެކި ގޮތްތާއެވެ.
އެތައް އަހަރަކަށް ފަހު ރޭ ވެގެން ދިޔައީ ވަރަށް ތާރީޚީ ރެއަކަށެވެ.
މިގެއަށް ވަގަކު ވަދެއްޖެއެވެ.
މީގެ ކުރިން އަހަރެން ހުންނަނީ ގެއަށް ނުވަދެގެން އަބަދާއަބަދު ވިސްނަވިސްނައެވެ. އެހެންނަމަވެސް ވަގު ވަނީމާ ބިރުން ހަލާކު ނުވީ ކިރިޔާއެެވެ. ފިރިހެނުން ބިރު ގަންނާކަށް ނުވާނެކަންވެސް އެނގެއެވެ. އެއީ އެމީހުންގެ ފިރިހެންކަމަށް ލިބޭ ވަރަށް ބޮޑު ހުތުރެކެވެ. އެކަމަކު ބިރުގަތީމާ ނުގަންނަ ކަމަކަށްވެސް ނުވާނެއެވެ.
ވަގުން ދެކެ ބިރު ގަތުމަކީ ލާޒިމު ކަމެއްވެސް މެއެވެ. ވަގުން ވާން ޖެހެނީ ވަރަށް ހިތްވަރުގަދަ ބަޔަކަށެވެ. އަމިއްލަ ޖާނަށްވެސް ބެލުމެއް ނެތި މީހުންގެ ގެދޮަރަށް ވަންނާނީ ހިތްވަރުގަދަ ވެގެންތާއެވެ.
ވަގުކަލޭގެ ފެނުމާއެކު އަހަރެންގެ ދޫ ބަންދު ވެއްޖެއެވެ. އޭނާގެ އަތުގައި ވަޅިއެއްވެސް އޮތެވެ. ބިރުން ގޮސް ލޯ މަރައިލައިގެން އޮތީއެވެ. އެހެން އޮަންނައިރު ހިތް ހަމަޖައްސައިލާން ކޮންމެވެސް ކަހަލަ ޚިޔާލެއްވެސް ކުރަން ޖެހޭނެތާއެވެ. މިގޭގައި ވަގަކު ގެންދާނެ އެއްޗެއް ނޯންނާނެއޭ ހިތަށް އަރުވައިލައިގެން ހަމަޖައްސައިފީމެވެ. ލިޔުންތެރިއެއްގެ ގެއަށް ވަދެވުނީ މޮޔަކަމުންނޭ ވަގުކަލޭގެ ހިތަށް ފަހުން އަރާނެއެވެ.
ކުއްލިއަކަށް ބޮކި ދިއްލި އަޑު އިވިއްޖެއެވެ. އެކަލޭގެ އެތެރެއަށް ވަނީ ކިހިނެއް ބާވައެވެ؟ ދޮރު ހުޅުވުނު އަޑު އެއް ފަހަރު އިވުނެވެ. ދޮރު ތަޅު ނުލާ ހުރީކަން ކަށަވަރެވެ. އަނބި ކަނބުލޭގެ މާބޮޑަށް ފަރުވާކުޑަ ވަނީއެވެ. ހެނދުނު ތެދުވެ އޭނާއަށް ކުޅިދައްކައިލާނަމެވެ. ގެއަށް ވަންނަ ވަގުކަލޭގެއަށް ކަމެއް ނުކުރެވުނީމާ، އަނބިމީހާއަށް ހިތި ފިލުވުމަކީ ވަރަށް ގިނަ މީހުންގެ އާދައެކެވެ.
މިހާ ހިސާބުން އެހެން ކަމެއް ހަނދާން ވެއްޖެއެވެ. އަނބިކަނބުލޭގެ މިރޭ އަހަންނަށްވުރެ މާކުރިން ނިދައިފިއެވެ. އަހަރެން ނިދީ ފޮތެއް ކިޔަން ވަރަށް ގިނައިރު އޮވެފައެވެ. އެހެންވީމާ ދޮރު ތަޅުނުލާހުރީ އަހަރެންގެ ކުށުން ކަމަށްވެސް ވެދާނެއެވެ.
އެންމެ ރަނގަޅެވެ. ކުށްވެރިއަކީ ކޮންމެ މީހެއް ކަމަށްވިޔަސް އަނބި ކަނބުލޭގެ އަހަންނަށްވުރެ ކުރިން ނިދައިގެން ނުވާނެ ނޫންހެއްޔެވެ؟ ފިރިމީހާގެ ޙުރުމަތްވެސް ހިފަހައްޓަން ޖެހޭނެތާއެވެ.
"ކްރަޓް... ކްރަޓް... އެއިވުނީ ވަގުކަލޭގެ ހަރު، މުރަނަ އެއްޗެއް ކާން ފެށި އަޑެވެ.
އަޖާއިބެއް ކަހަލަ ވަގެކެވެ. ވައްކަން ކުރަން ވަދެ ފުރަތަމަ ފެށީ ކާށެވެ. އެންމެ ފުރަތަމަ އަލަމާރީގައި އޮތް ރަން ފަށްޓަރުބައި ނަގަންވީ ނޫންހެއްޔެވެ؟ ފަށްޓަރުބައިގެ މަތީން ހަނދާންވުމާއެކު ހިސާބަކަށް ހާސްވާގޮތް ވިއެވެ. އަނބި ކަނބުލޭގެ ހޭލައްވައިފައި ކަލޭގެ ކަރުގިލޭ ވަގު ވަދެ ގެންދަނީއޭ ބުނެފާނަމޭވެސް ހިތަށް އެރިއެވެ. އެއީ ކަރުގައި އަޅާ އެއްޗެކޭ، އެ އަޅައިގެން އުޅޭށޭ އެތައް ދުވަހަކު ބުނީމެވެ. އެހެން ނަމަވެސް ދަހިކަމުގެ ވެސް ހައްދެއް ނެތް ވިއްޔާއެވެ. އަޅާނީ ޚާއްޞަ ދުވަސްދުވަހުޔޯލައެވެ. މިރޭ މިއޮތީ ދަހިކަމުގެ ހިތި ފެނިފައެވެ.
ލޯމަރައިގެން އޮވެ އަހަރެން އަނބިކަނބުލޭގެ ގައިގައި ކޮށްޓާލައިފީމެވެ. ކަހާތަން ހިރުވައިވެސް ނުލިއެވެ. އެންމެ ފަހުން އުނދަގޫވެގެން ބުންޏެވެ. "އެހައި އަގުބޮޑު އެއްޗެހި ކާކަށް ނުވާނެ-" ނިދީގައިވެސް ދަހިކަމުގެ އަސަރު ކެނޑިގެންނެއް ނުދެއެވެ.
ވަގުކަލޭގެއަށްވެސް އެއަޑު އިވުނީ ކަން ނޭނގެއެެވެ. އަވަސް އަވަހަށްގޮސް ބޮކި ނިއްވާލައިފިއެވެ. ބޮކި ނިއްވި ވަގުތު އަހަރެން ލޯހުޅުވައި ބަލައިލީމެވެ. ވަގުކަލޭގެ އަތުގައި އަޮތް ވަޅި މިހާރަކު ނެތެވެ. މިހާރު އޮތީ ދިގު ސިންގާ އުލެއް ފާޑުގެ އެއްޗެކެވެ. އަހަރެންގެ އަތުގައި ބަޑިއެއް އޮަތް ނަމަ ރަނގަޅޭ ހިތަށް އެރިއެވެ. އެކަމަކު ބަޑިއަކީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ އެއްޗެއް ނޫނެވެ. އެކަހަލަ އެއްޗެއް އޮތް ކަމަށް ޝައްކު ކުރެވުނަސް އެތައް އަހަރަކަށް ޖަލަށް ލާނެއެވެ.
ހިމޭން ވެއްޖެއެވެ. ވަގުކަލޭގެ ކަނެއްގައި ބޮނދައި އޮތީކަން ނޭނގެއެވެ. އަހަރެމެން ތެދުވާތަނުން އަތުގައި އޮތް އޫ...
ދެތިން މިނިޓެއް ފަހުން ވަގުކަލޭގެ އަހަރެން ނިދާފައި އޮތް އެނދުގެ ކައިރިއަށް އަތުވެއްޖެއެވެ. އައިސް އަހަރެންގެ ބޮލުގައި ހިފައި ތަޅުވައިލިއެވެ. ދެން ކޮނޑުގައި ހިފާ ހަލުވާލިއެވެ. އެއަށްފަހު ބޯ އަޅައިގެން އޮތް ބާލީސް ދަށަށް އަތްކޮއްޕައި ހާވަން ފަށައިފިއެވެ. ޚާޒާނާގެ ތަޅުދަނޑި އޮތީ ބާލީސް ދަށުގައޭ ހީކުރީކަން ނޭނގެއެވެ.
އަހަރެން ބިރުން ގޮސް ތުރުތުރު އަޅަން ފަށައިފިއެވެ. އެހެންނަމަވެސް ވަރަށް ހިތްވަރު ކޮށްފައި އަހާލީމެވެ. "ކާކު-؟"
"އަހަަރެން-" ވަގުކަލޭގެ ބުންޏެވެ.
"ކިހިނެއްވީ-؟"
"ކަމެއްނުވޭ- ނިދާ-" ވަގުކަލޭގެ ބުންޏެވެ.
ވަގުކަލޭގެ އަޑު ހުރި ގޮތުން އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ. މާގިނަ ވާހަކަ ދައްކަން ފަށައިފިއްޔާ ރުޅިއައިސްގެން ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. އެހެންވީމާ އަހަރެން އަމާން ދިނީއެވެ. އެކަމަކުވެސް މަރައިލިޔަސް ހެޔޮ ކަމަށް ބުނެލީމެވެ. "ދަމުން ބޮކި ނިއްވާލާތި-"
ވަގު ކަލޭގެ ހީނގަތެވެ. އެއަށްފަހު ކޮންމެވެސް އެއްޗެއް ހާވަން ފަށައިފިއެވެ. އަހަރެންގެ ފޮތްތަކާ ކުޅުނު އަޑުވެސް އިވުނެވެ. ގޮނޑި، މޭޒު ކާއްތާ އަޑު އިވުނެވެ. އަލަމާރި ހުޅުވި އަޑާއި ލެއްޕި އަޑު އިވުނެވެ. ހަރު އެއްޗެއް ކާ އަޑު އިވުނެވެ. އަންނައުނު ފޮށި ގަނޑު ހާވަން ފަށައިފިއެވެ. މިކަލޭގެ ދާނީ ހުރިހާ އަންނައުނު ހިފައިގެންކަން ކަަށަވަރެވެ. އޭރުން މާދަމާ ގަޔަށް މަހާލާނެ ހެދުމެއްވެސް ނޯންނާނެއެވެ. ކުރާނެ ކަމެއް ނެތެވެ. ވަގުންވެސް ކޮންމެ ދުވަހަކު އެއްފަހަރު ނުވަދެއެވެ. މިކަލޭގެވެސް މިވަނީ ފަންސަވީސް އަހަރުކޮށްފައެވެ. އަޅާލާނެ ކަމެއް ނެތެވެ.
އަންނައުނު އެއްކޮށް ނިމުމުން ބޮކި ނިއްވާލައިފިއެވެ. ހާދަހާ ރަނގަޅު ވަގެކެވެ. އަހަރެން ބުނި ގޮތަށް ހަދައިފިއެވެ. ދެން އިވުނީ ދޮރު ލެއްޕުނުއަޑެވެ. އަންނައުނު ކޮޅު ހިފައިގެން ވަގުކަލޭގެ ރައްކާވީއެވެ. ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެނެވެ.
ވަގުކަލޭގެ އެނބުރި އާދޭތޯ ބައިގަޑިއެއްހާއިރު ބަލާފައި ފުންމައިގެން ތެދުވެއްޖައީމެވެ. ބޮކި ދިއްލައިފީމެވެ. ދޮރު ކައިރިއަށްގޮސް ބެލިއިރު ހުރީ އެތެރެއިން ތަންޑު އަޅުވާފައެވެ. ކޮޓަރިތެރޭގައި އަންނައުނު ފުންޏަކަށް ހުއްޓެވެ. އަނބި ކަނބުލޭގެ އަށް ގޮވައި ނަގާފައި ވާހަކަ ކިޔައިދިނީމާ ހީނގެންފައި ބުންޏެވެ.
"ރޭގަނޑު ތެދުވީ އަހަރެން- ރޮދި ކޮށަން ފަށާފައި އޮތް ހެދުމެއް އޮތީމާ ނިންމައިލާނީއޭ ހިތަށް އެރީ- އެކަމަކު ރޮދި ކޮށާ ކަތުރުވެސް، ކަށިވެސް ފެންނަ ގޮތެއް ނުވި- ކޮންމެވެސް ތަނަކަށް ލެވުނީތާ- ދެން ހެނދުނު ދޮންނަން ކަމަށް ދާ ވެފައިހުރި އަންނައުނު އެއްކޮށްލީ-!"
(ނިމުނީ)