މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ޔޫރަޕަށް ދަތުރުކުރަނިކޮށް 40 ހާސް މީހުން ހުއްޓުވައި ކޭންޕުތަކުގައި ހައްޔަރުކޮށް އަދަބުދޭ މަރުކަޒުތަކުގައި ލާއިންސާނީ އަނިޔާކޮށްފައިވާ ކަމަށް ގާނޫނީ ވަކީލުންގެ ބަޔަކު ބުނެފިއެވެ.
ވަކީލުން މިހެން ބުނެފައި ވަނީ ހިޖުރަކުރާ މީހުންނާ މެދު ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ގެންގުޅޭ ސިޔާސަތުގެ މައްސަލަ ބެލުމަށް އެދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އަށް ވަކީލުންގެ ފަރާތުން ހުށަހެޅި ކަރުދާހެއްގައެވެ.
މައްސަލައިގައި ބުނެފައި ވާގޮތުން ހިޖުރަކުރަން މަސައްކަތްކުރާ މީހުން އެއްގަމާއި ކަނޑުގައި މަރުވުގައި އީޔޫގެ މަސްއޫލުވެރިން އެނގިތިބެ އިހުމާލުވެފައި ވެއެވެ. އަދި ލީބިޔާ ކޯސްޓްގާޑުގެ ސިފައިން ހިޖުރަކުރާ މީހުންނާ ދެކޮޅަށް އިތްފަތް ފޭރުމާ އަނިޔާކުރުމުގެ އަމަލުތައް ހިންގާފައި ވަނީ އީޔޫގެ މަސްއޫލުވެރިންނަށް އެނގިގެންނެވެ. ލީބިޔާ ކޯސްޓްގާޑުގެ ސިފައިން ތަމްރީނުކޮށް އެމީހުންގެ ޚަރަދުތައް ބަލަހައްޓަނީ އީޔޫއިންނެވެ. ޔޫރަޕަށް ހިޖުރަކުރާ މީހުންނާމެދު ކަން ހިނގާފައި ވާގޮތް އައިސީސީން ތަހުގީގުކުރަމުން ދާތީ ވަކީލުން ހުށަހެޅި ކަރުދާހުގައި، އެކަމަށް ޒިންމާވާ އީޔޫގެ މަސްއޫލުވެރިންގެ ނަން ހާމަކޮށްފައި ނުވެއެވެ.
"މިކަން އަހަރުމެން ދޫކޮށްލާނީ ޕްރޮސެކިއުޓަރަށް. އޭނާއަށް ކެރިވަޑައިގަންނަވަންޏާ (އީޔޫ) ބާރުގެ އޮނިގަނޑުގެ ތެރެއަށް ވަދެވަޑައިގެން، ބްރަސެލްސް، ޕެރިސް، ބާލިން އަދި ރޯމުގެ އެންމެ އެތެރެއަށް ވަޑައިގެން ހޯއްދަވަންވީ. އަދި 14 ހާހަށްވުރެ ގިނަ މީހުން މަރުވާން މަދުވެރިވި ސިޔާސަތުތައް ކުރިއަށް ނެރެން ބާރުއެޅީ ކޮންބައެއްތޯ ބަލަން ބައްދަލުވުންތަކާއި މަޝްވަރާތަކުގެ ލިޔެކިއުންތައް އަރުޝީފުތަކުން ހޯއްދަވަންވީ." ވަކީލުންގެ ފަރާތުން ކަރުދާސް ތައްޔާރުކުރެއްވި އެއް ވަކީލު ކަމުގައިވާ، ހުއާން ބްރާންކޯ ބުންޏެވެ.
އީޔޫގެ މަސްއޫލުވެރިންނާ ދެކޮޅަށް ތައުދީބީ ފިޔަވަޅު އެޅުމަށް ގޮވާލައި ހުށަހެޅި 254 ސަފުހާގެ ކަރުދާހުގައި ބުނެފައިވާ ގޮތުގައި އެފްރިކާއިން ޔޫރަޕަށް މީހުން ހިޖުރަކުރުން ހުއްޓުވުމަށް 2014 ވަނަ އަހަރު އީޔޫއިން ތަންފީޒުކުރަން ފެށި ސިޔާސަތު "އަމާޒުކޮށްފައި ވަނީ ހިޖުރަކުރަން އުޅުމުގެ ތެރޭގައި ކަނޑުވެ ހާލުގައި ޖެހިފައި ތިބި ބައެއްގެ ފުރާނަ ގުރުބާންކޮށްލުމަށެވެ. އެއީ "އެހާލަތުގައި ތިބި އެހެން މީހުން އެފަދަ ގޮތަކަށް ކަންނުކުރާނެ ގޮތް ހެދުމަށެވެ."
ޔޫރަޕަށް ހިޖުރަކުރަން އުޅެނިކޮށް ކަނޑުމަތިން އަތުލުމަށް ފަހު ލީބިޔާގެ ކޯސްޓްގާޑާ ހަވާލުކުރާ މީހުންނާމެދު ލާއިންސާނީ ހަމަލުހިންގާކަން އީޔޫއިން ތަކުރާރުކޮށް އެއްބަސްވެފައިވީ ނަމަވެސް އެކަން ހުއްޓުވަން އެދެވޭ މަސައްކަތެއް ކޮށްފައި ނުވެއެވެ.
2014 ގެ ކުރިން ޔޫރަޕުން ގެންގުޅެމުން އައި ސިޔާސަތަކީ ލީބިޔާގެ އައްސޭރިއާ ކައިރި ހިސާބުތަކުގައި ޔޫރަޕުގެ (މައިގަނޑު ގޮތެއްގައި އިޓަލީގެ) އުޅަނދުތަކުން ފޯރިމެރުމެވެ. އަދި ޔޫރަޕަށް ހިޖުރަކުރާ މީހުން އަރުވައިގެން ލީބިޔާއިން ފުރާ އުޅަނދުތައް ކަނޑަށް ނުނުކުންނަނީސް އަނބުރާ ފޮނުވާލުމެވެ. މިކަމަށް މަހަކު 9 މިލިއަން ޔޫރޯ (14.4 މިލިއަން އެމެރިކާ ޑޮލަރު) ޚަރަދުވިއެވެ.
އައިސީސީއަށް ހުށަހެޅި ކަރުދާސް ތައްޔާރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެރިވެފައި ވަނީ ކުރިން އައިސީސީއާއި ފަރަންސޭސީ ޚާރިޖީ ވުޒާރާގައި މަސައްކަތްކޮށްފައިވާ ހުއާން ބްރާންކޯއާއި، ޕެރިހުގައި ހުންނަ ސައިންސަސް ޕޯ ޔުނިވަސިޓީގައި ގާނޫނު ކިޔަވައިދޭ އޮމެރް ޝާޓްޒް އެވެ.
ފަހުން އަމަލުކުރަން ފެށި ސިޔާސަތަކީ، އެ ގޮތަށް ފޯރިމެރުން ހުއްޓާލައި، މާ ކަނޑުގެ މެދުގައި ހާލުގައި ޖެހުމުން އެބަޔަކު ސަލާމަތްކޮށްގެން އައިސް ލީބިޔާގައި ހަދާފައިވާ ކޭންޕުތަކެއްގައި ބަންދުކުރުމެވެ. މިހެން ހެދުމުން އީޔޫގެ ގައުމުތަކުން ކުރަންޖެހޭ ޚަރަދު ކުޑަވިއެވެ. އެހެނަސް، އިންސާނުންގެ ފުރާނަ ގެއްލޭ މިންވަރު އެތައް ތަނެއް އިތުރުވިއެވެ.
އައިސީސީގެ ޗީފް ޕްރޮސެކިއުޓާ ފާޓޫ ބެންސޫދާ ގެންދަވަނީ އީޔޫގެ އެހީތެރިކަމާ އެކު ލީބިޔާގައި ހިންގާފައިވާ ލާއިންސާނީ ޖަރީމާތައް ތަހުގީގުކުރައްވަމުންނެވެ. އައިސީސީއަށް އިއްޔެ މައްސަލަ ހުށަހެޅި ވަކީލުންގެ އެދުމަކީ އީޔޫގެ ސިޔާސަތު ކަނޑައެޅުމުގެ ފެންވަރުގައި މިކަމާމެދު އަޅާފައިވާ ފިޔަވަޅުތައް ކޯޓުން ތަހުގީގުކުރުމެވެ.