ދޯންޏެއްގައި ތިބި މީހުން ސަލާމަތް ކުރުމަށްފަހު ދޯނި ދޫކޮށްލައިފި

މާލޭން ފުރައިގެން އައްޑޫސިޓީއަށް ދަތުރު ފެށިފަހުން ޚަބަރެއް ނުވެގެން ހޯދަމަމުން ދަނިކޮށް ލ. ގަމުގެ އިރުން 31 ނޯޓިކަލް މޭލު ބޭރުން ރޭ ފެނުނު ދޯނީގައި ތިބި މީހުން އެމްއެންޑީއެފްގެ އުޅަނދަކަށް ނެގުމަށްފަހު ދޯނި ދޫކޮށްލައިފިއެވެ. އެދޯނި ފެނުނުއިރު ދޯނީގެ އިންޖީނު ހުއްޓި މީހުން ތިބީ ޙާލުގައި ޖެހިފައެވެ

ދޯނި ފެނިފައިވަނީ އެމްއެންޑީއެފް ކޯސްޓު ގާޑު އުޅަދަކަށެވެ. ރެއިން ފެށިގެން މިއަދު ހެނދުނު 6:30 އާ ހަމައަށް ކޯސްޓްގާޑު ލޯންޗް މާފަތް އޮތީ "އުފުރިޔާ" ނަމަކަށް ކިޔާ އެ ދޯނި ކައިރީގައެވެ. އެވަގުތު ދޯނީގެ ވެރިފަރާތުން މަސައްކަތް ކުރަމުންދިޔައީ އެ ކަފުޖަހާނެ އެހެން އުޅަނދެއް ލިބޭތޯއެވެ. އެހެންނަމަވެސް ވިއްސާރަވެ ކަނޑު ގަދަވުމުގެ ސަބަބުން އެހެން އުޅަނދެއް ލިބޭ ގޮތެއްވަނީ ނުވެފައެވެ. އެންމެފަހުން އެ ދޯނި ރާއްޖެއާ ދުރަށް އޮޔާ ގެންދާތީއާއި ކަނޑު ގަދަވުމުގެ ސަބަބުން އޭގައި ތިބި 3 ދިވެހިން އެމްއެމްޑީއެފް އުޅަނދަށް ނެގުމަށްފަހު އެ ދޯނިވަނީ ދޫކޮށްލާފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ދޯނި ދޫކޮށްލީ ލ. ގަމުގެ އިރުން 57 ނޯޓިކަލް ބޭލު ބޭރުގައި އޮއްވައި މިއަދު ހެނދުނު 6:30 އެހައިކަންހާއިރުއެވެ.

33 ފޫޓްގެ މި ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ފެށީ ފުރިފަހުން ޚަބަރެއް ނުވެގެން، އިއްޔެ ހަވީރު 5:20 އެހައިކަންހާއިރު އެކަމާ ގުޅޭ ރިޕޯޓް، އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމުންނެވެ. އެ ދޯނި ހޯދުމުގެ މަސައްކަތުގައި އިއްޔެ ހަވީރުން ފެށިގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "މާފަތް" ލޯންޗު ދިޔައީ ކުރަމުންނެވެ. އެ ދޯނި ފެނިފައިވަނީ ރޭ 10:30 އެހައިކަންހާއިރު އެވެ.

އެ ދޯނީގައި ތިބި މީހުން "މާފަތް" ލޯންޗަށް ނެގުމަށްފަހު މިހާރު ދަނީ އެމީހުން ގޮވައިގެން ލ.ކައްދޫއަށް ދަތުރު ކުރަމުންނެވެ. ކައްދުއާ ހަމައަށް ފޯރާނެ ކަމަށް ލަފާ ކުރެވެނީ މިއަދު 3:30 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.