ޙައްޖުގެ އަޅުކަމަކީ އިސްލާމް ދީނުގެ މައިގަނޑު އެއް ރުކުނެވެ. ކުޅަދާނަކަން ލިބިގެންވާ މީހާ ޢުމުރުން އެއް ފަހަރު ޙައްޖު ވުމަކީ ވާޖިބެކެވެ. އެހެނިހެން އަޅުކަމެކޭ އެއް ފަދައިން ޙައްޖުގެ ޙަޤީޤީ ރޫޙަކީ ވެސް ތަޤްވާ އެވެ.
އިބްރާހީމް ޢަލައިހިއްސަލާމް މައްކާ އަށް ވަޑައިގެންނެވި އިރު އެއީ ހަނަފަސް ހިކި ސަހަރާ އެކެވެ. އެއްވެސް ދިރުމެއް ނެތް ތަނެކެވެ. އެ ތާނގައި ﷲ ގެ އަމުރުފުޅަށް ގެފުޅު ބިނާ ކުރެއްވީ އެވެ. އެއަށް ފަހު ﷲ ގެ އަމުރުފުޅަށް ޙައްޖަށް އަންނަން ގޮވައިލެއްވީ އެވެ.
ޙައްޖުގެ ލަފްޒީ މާނަ އަކީ ގަސްތު ކުރުމެވެ. ނުވަތަ ޒިޔާރަތް ކުރުމެވެ. އިސްލާމީ ޝަަރީޢަތުގައި ޙައްޖަކީ ކޮންމެ އަހަރަކު މައްކާ އަށް ޒިޔާރަތް ކޮށް، ގެފުޅު ވަށައިގެން ޠަވާފް ކޮށް، ޢަރަފާތުގެ މައިދާނުގައި ތިބެ، މި ނޫނަސް ޙައްޖުގެ އަޅުކަމުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކުރުމެވެ.
ޙައްޖަކީ ޖާމިޢު އަޅުކަމެކެވެ. ކޮންމެވެސް އެއް ސިފައެއްގައި އިސްލާމީ އެހެނިހެން އަޅުކަމުގެ އަސަރު ޙައްޖުގައި އެކުލެވެ އެވެ. ޙައްޖަކީ ޖާނާއި މާލުގެ އަޅުކަމެކެވެ. ހަށިގަނޑުގެ ބުރަ އާއި، ފައިސާގެ ހޭދަ ހިމެނޭ އަޅުކަމެކެވެ. މީގެ އިތުރަށް ޤުރްބާނީ އާއި ކިޔަމަންތެރިކަމުގެ އަސަރު ވަރަށް ބޮޑަށް އެކުލެވޭ އަޅުކަމެއް ވެސް މެއެވެ. މި އަޅުކަމުގައި ﷲ އަށް ޒިކުރު ކުރުމާއި، ﷲ އަށްޓަކައި ޤުރްބާން ކުރުން ހިމެނެ އެވެ. ޙައްޖަކީ ކޮންމެވެސް އެއް ސިފައެއްގައި އިސްލާމް ދީނުގެ އެހެނިހެން އަޅުކަމުގެ އަސަރު ވެސް އެކުލެވިފައިވާ އަޅުކަމެކެވެ.
ޙައްޖުގެ އަޅުކަމުގެ މައިގަނޑު މަރުކަޒަކީ މައްކާގައި ހުންނަ ކަޢުބާ އެވެ. ﷲ ގެ ގެފުޅެވެ. އެއީ ﷲ ގެ އަޅަކު ﷲ ރުއްސެވުން ހޯއްދެވުމަށްޓަކައި ދިރިއުޅުއްވި އިސްލާމީ ގޮތް ހަނދާން ކޮށްދޭ ބިނާ އެކެވެ. އެ ގޮތުގެ ތާރީޚް ފެށެނީ އިބްރާހީމް ޢަލައިހިއްސަލާމުންނެވެ. ނިމެނީ އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާ ހަމައިންނެވެ. މާތް ވެގެންވާ ގެފުޅަކީ ﷲ ގެ އަޅަކު އެ ކަލާނގެއަށްޓަކައި ޤުރްބާން ވެގެން ދިޔަ ލާމަސީލު ގޮތް ހަނދާނަށް ގެނުވައިދޭ ބިނާ އެކެވެ. ﷲ އަށްޓަކައި ތިމާއަށް ލިބިފައިވާ ހުރިހައި އެއްޝަކުން އަތް ދޮވެލަން ތައްޔާރު ވީ ގޮތް ހަނދާން ކޮށްދޭ ތަނެކެވެ. މަރު ދުވަހާ ހަމައަށް ﷲ ގެ މިޝަން ފުރިހަ ކުރުމާއިގެން ދެމި ހުރުމުގެ މަތިވެރި ނަމޫނާ ހަނދާނަށް ގެނުވައިދޭ ގެއެކެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ހަމަ ލޮލުން ދުށުމަކީ އެއްވެސް އިންސާނަކަށް ކުޅަދާނަ ވެގެންވާ ކަމެއް ނޫނެވެ. ދުނިޔޭގައި އުޅޭ އުޅުމުގައި ﷲ އާ ކުއްތަން ވާން ކުރަން އޮންނަ ކަމަކީ އެ ކަލާނގެއަށް އަޅުކަން ކުރުމެވެ. އިސްލާމް ދީނުގެ އަޅުކަމަކީ ﷲ ހަނދުމަ ކުރުމެވެ. ޒިކުރު ކުރުމެވެ. ޝުކުރު ކުރުމެވެ. ޙައްޖަކީ މި ދުނިޔޭގައި އިންސާނަކަށް ﷲ އާ ކުއްތަން ވާން ލިބޭ އެންމެ މަތިވެރި ފުރުޞަތެވެ. އެއަށް ވުރެ ވަކީން ބޮޑަށް ﷲ އާ ކުއްތަން ވެވޭނޭ އަޅުކަމެއް އިސްލާމް ދީނަކު ނެތެވެ.
ގެފުޅުގެ ކުރިމަތީގައި ހުންނަ އިރު ތިމާއަށް މި ހުރެވެނީ ﷲ ގެ ޙަޟްރަތުގައި ކަމުގައި އިޙްސާސް ކުރެވޭ ގޮތް ވާނެ އެވެ. ގެފުޅު ވަށައިގެން ޠަވާފް ކުރުމަކީ ﷲ އާ ކުއްތަން ވެވުނީމާ ވާ އުފަލެއްގެ ބޮޑުކަމުން، ޕަރްވާނާ ބައްތީގެ ވަށައިގެން އުދުހޭ ފަދައިން، ގެފުޅުގެ ވަށައިގެން ހިނގާ ހިނގުމެއް ކަމުގައި ހީވާން ފަށާނެ އެވެ. ދެ އަތް މައްޗަށް ނަގައިގެން ހުރެ ދުޢާ ކުރާ އިރު ހީ ކުރެވޭނީ ސާހިބުމީހާގެ ފަސްބައި އަތުޖެހުނީމާ، އެ ފަސްބައިގައި އެލިގަނެގެން އޮވެ ހިތުގެ އެދުންތައް ހުށަހަޅަނީ ކަމުގަ އެވެ.
އިސްލާމް ދީނުގައި ޙައްޖުގެ އަޅުކަމަށް ދެވިފައި ވަނީ ވަރަށް ޚާއްޞަ މަޤާމެކެވެ. ޙައްޖުގެ އަޅުކަން އަދާ ކުރަން ދާ ތަނަކީ އިލާހީ ރުއްސެވުމުގެ "ބަސްފުޅު" ބާވައިލެއްވި ބިމެވެ. އިބްރާހީމް ޢަލައިހިއްސަލާމް މެދުވެރި ކުރައްވައި އިންސާނުންގެ ހުރިހައި ނުބައެއް ދޮވެލާ މަރުކަޒީ ބިނާ ވުޖޫދަށް ގެންނެވި ބިމެވެ. މުޙައްމަދު ޞައްލަﷲ ޢަލައިފި ވަސައްލަމް މެދުވެރި ކުރައްވައި، އިންސާނާގެ ދެ ދުނިޔެ ބާއްޖަވެރި ކުރައްވާނޭ މަގު އަބަދަށްޓަކައި ދެމިގެން ދާނޭ ގޮތް މެދުވެރި ކުރެއްވި ބިމެވެ.
ޙައްޖުގެ އަޅުކަމަކީ ހަމައެކަނި އެ ބިމަށް ގޮސްފައި އެނބުރި އައުމެއް ނޫނެވެ. އެއީ ފުރިހަމަ ނިޔަތަކާއެކު، ހިތުގެ އެންމެ އަޑިން ކުރެވޭ އާދަޔާ ޚިލާފު އަޅުކަމެކެވެ. ނިކަމެތިވެގަތުމާއި، ކިޔަމަންތެރިކަމުގެ އިންތިހާއަށް ގޮސްގެން ތިމާގެ ރޫޙަށް އެދެވޭ ފަރުވާއެއް ލިބިގެން އައުމަކީ ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމެވެ.
އިންސާނާ އަކީ ބަލިކަށި މަޚްލޫޤެކެވެ. ޖިސްމާނީ ގޮތުން ވަރުގަދަ ހަށިގަނޑެއް ލިބިފައި އޮތަސް، އިންސާނާގެ ޙިއްސުތައް އެހައި ވަރުގަދައެއް ނޫނެވެ. ދުނިޔޭގެ އެދުމާއި، ދަޅަތަކުގައި އިންސާނާ އެހައި ފަސޭހައިން ޖެހޭ ސަބަބަކީ އެއީ އެވެ. ފާފަ ނުކުރާން ދުވާލަކު އެތައް ފަހަރަކު ހިތުގައި ކަނޑައެޅި ނަމަވެސް ކޮންމެ ދުވަހެއް ނިމިގެން ދަނީ އެތައް ފާފަޔަކާ އެކުގަ އެވެ. ދުނިޔޭގައި ހޭދަ ކުރާ ދުވަސްތައް ގިނަވާ ވަރަކަށް އިންސާނާގެ ފާފައިގެ ކަންވާރުވެސް ދަނީ ފުރެމުންނެވެ. އެންމެ ފަހުން މާޔޫސް ވެ، ހަދާނެ ގޮތް ބޮޑުވާ ހިސާބަށް ހިނގައިދެއެވެ. ޙައްޖުގެ އަޅުކަމަކީ މި ދެންނެވުނު މާޔޫސީ އިން އިންސާނާ މިންޖު ކޮށްދޭ އަޅުކަމެކެވެ. މިހާރު ތިމަން މިހިރީ ފާފައިން އަރައި ނުގަނެވޭ ވަރަށް އަޑިއަށް ފެތިފައޭ، މި ކަމުން ސަލާމަތް ވާން ދާނީ ކޮން ތަނަކަށްހޭ ހިތަށް އެރުމަކީ ވަރަށް ގިނަ ފަހަރަށް ދިމާވާ ކަމެކެވެ. އެ ފަދަ ދަނޑިވަޅުތަކުގައި އިވެނީ ﷲ ގެ އަމުރުފުޅަށް އިބްރާހީމް ޢަލައިހިއްސަލާމް ގޮވައިލެއްވި ގޮވައިލެއްވުމުގެ އަޑެވެ. އާދެ، ﷲ ގެ ގެފުޅު މިހިރީއެވެ. މިއީ ސަލާމަތުގެ ގެއެވެ. އަވަހަށް އަންނާށެވެ. ﷲ ގެ ޙަޟްރަތަށް އައިސް ފާފައިން ކަޅުވެފައިވާ ފޭރާން ރަނގަޅަށް ދޮވެލާށެވެ. އެއަށް ފަހު އުފަލާއެކު އެނބުރި ގެއަށް ގޮސް ދިރިއުޅުމުގެ ބާކީ ބައި ﷲ ރުއްސަވާ މަގުގައި ހިނގުމުގައި ވޭތު ކޮށްލާށެވެ. ގޮވއަިލެއްވުމުގެ އަޑު އިވުމާއެކު އިންސާނުން އެ ދިމާއަށް ހިނގައިގަންނަނީ لبيك اللهم لبيك އޭ ގޮވަމުންނެވެ.
ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި ވެއެވެ. الحج عرفة މާނަ އަކީ ޙައްޖަކީ ޢަރަފާތުގައި ތިބުމެވެ. ޢަރަފާތުގެ ބިމުގެ މުހިއްމުކަން މި ޙަދީޘުން ވަރަށް ރަނގަޅަށް އެނގެ އެވެ. ޙައްޖުގެ ދުވަސްވަރު ޢަރަފާތުގެ މައިދާން ފެންނަނީ މަޙްޝަރުގެ މައިދާން ފަދައިންނެވެ. އެ ތަނުން ފެންނަނީ ވަޚި ޚާއްޞަ ދުވަހަކު ﷲ ގެ އަޅުތަކުން ޤާފިލާ ޤާފިލާއަށް، އެ މަައިދާނާ ދިމާއަށް އަންނަ ތަނެވެ. މިއީ ޙައިރާން ކުރުވަނިވި މަންޒަރެކެވެ. އެންމެން ތިބެނީ އެއް ފޭރާމެއްގަ އެވެ. ކިޔަނީ އެއް ތަލްބިޔާ އެކެވެ. لبيك اللهم لبيك އެވެ. މި މަންޒަރު ފެންނަ މީހަކަށް ކުއްލިއަކަށް ހަނދާން ވާނީ ކީރިތި ޤުރްއާނުގެ ޔާސީން ސޫރަތުގެ 51 ވަނަ އާޔަތެވެ.
وَنُفِخَ فِي الصُّورِ فَإِذَا هُم مِّنَ الْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ
މާނަ އަކީ "ތާޅަފިލި ފުމެލެވިއްޖެ އެވެ. އެ ހިނދު އެބައި މީހުން ހައްދަވައި ބޮޑުކުރެއްވި ކަލާނގެ ޙަޟްރަތަށް، ކަށްވަޅުތަކުން އަވަސް އަވަހަށް ނިކުމެގެން ދެއެވެ."
މާދަމާ އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހޭ ދުވަހެއްގެ ނަމޫނާއެއް މި ދުނިޔެއިން ފެންނަނީ އެވެ.
ގެފުޅަކީ އެހެން ހުރިހައި މިސްކިތެއްގެ މައި މިސްކިތަށް ވީ ފަދައިން ޙައްޖަކީ ހުރިހައި އަޅުކަމެއްގެ ސަރުދާރެވެ. ހުރިހައި އަޅުކަމެއްގެ މައި އަޅުކަމެވެ. (ތަރުޖަމާއެއް)