ފިޠުރު ޢީދު ބަންދާ ދިމާކޮށް ކަނޑު އުޅަނދުފަހަރު ބަލައި ފާސްކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑުރަން އިން މިއަދު ފަށައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވެފައިވަނީ މި ޕްރޮގްރާމްގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންތައްތައް ފުރިހަމަ ކުރެވިފައިވޭތޯ ބަލާނެ ކަމަށެވެ. އެގޮތުން އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއި، އުޅަނދުފަހަރުގެ މުއާސަލާތީ ވަސީލަތްތައް ހުރީ ރަނގަޅަށްތޯ ބެލުމާއި އަދި އުޅަނދުގައި މީހުން އުފުލުމަށް ކަނޑައެޅިފައިވާ އަދަދަށް ވުރެ ގިނައިން މީހުން އުފުލާތޯ ބެލުން ފަދަ މުހިންމު ކަންކަން މިޕްރޮގްރާމުގެ ދަށުން ބެލުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށްވަނީ ހަމަޖެހިފައެވެ.
ތިން ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މާލޭގެ ބަނދަރު ސަރަހައްދުންނާއި ކަނޑުމަތިން އުޅަނދުތައް ބަލާ ފާސްކުރާނެ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
މިއީ ޢީދު ބަންދަށް ގިނަ މީހުން ކަނޑުމަގުން ދަތުރުކުރާނެތީ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.