ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި މިހާރު އޮތް ހަމައެކަނި ޕްރޮވިންސް އިދްލިބް ހިފުމަށް ސަރުކާރު ސިފައިންގެ ހަމަލާތައް ފެށިފަހުން އާއްމުންނަށް ލިބެމުންދާ ގެއްލުންތައް ވަނީ އެތައް ގެނައެއް އިތުރުވެގެން ގޮސްފައެވެ.
އީރާނާއި، ރަޝިޔާގެ އަސްކަރީ މަދަދާއެކު ބައްޝާރުލް އަސަދުގެ ސިފައިން ދަނީ ފާއިތުވި އެޕްރީލް މަހުގެ ފަހުކޮޅުން ފެށިގެން ވައިގެ މަގުން އިދްލިބަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިއްޔެވެސް އިދްލިބް ޕްރޮވިންސުގެ ދެ ރަށަކަށް ދިން ވައިގެ ހަމަލާތަކުގައި އާއްމުންގެ 3 މީހުން މަރުވެފައި ވެއެވެ.
އިދްލިބް ނިއުސް ނެޓްވާކުން ބުނެފައިވާ ގޮތުގައި ފާއިތުވި މޭ މަހު އިދްލިބަށް ދިން ހަމަލާތަކުގައި އާއްމުންގެ 300 އަށްވުރެ މަރުވެފައި ވެއެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި، ސިވިލް ޑިފެންސުގައި މަސައްކަތްކުރާ މީހުންވެސް ހިމެނެއެވެ.
އެ ނެޓްވާކުން ބުނެފައިވާ ގޮތުގައި ސީރިޔާ ސަރުކާރު ސިފައިންގެ ހަމަލާތަކުގައި 51 ކުޑަކުދިންނާ، 48 އަންހުނުންނާއެކު 269 މީހުން މަރުވެފައި ވެއެވެ. އަދި ރަޝިޔާ ސިފައިންގެ ހަމަލާތަކުގައި 45 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 17 ކުޑަކުދިންނާއި 10 އަންހެނުން ހިމެނެއެވެ.
ސީރިޔާގެ ހުޅަނގު ދެކުނުގައި އޮންނަ އިދްލިބް ޕްރޮވިންސަކީ އެ ގައުމުގެ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް އެންމެ ރައްކާތެރި ސަރަހައްދެވެ. އެހެންކަމުން އާއްމުންގެ ގިނަ ބަޔަކު ވަނީ ހަނގުރާމައިން ސަލާމަތްވާން އެ ސަރަހައްދަށް ހިޖުރަކޮށްފައެވެ. ހިޖުރަކުރި މީހުން މިހާރު ވަނީ އަނެއްކާ ހިޖުރަކުރަން މަޖުބޫރުވެފައެވެ. އދ. ގެ އަންދާޒާތަކުން ދައްކާ ގޮތުގައި 2 ލައްކަ މީހުން ވަނީ އިދްލިބް ދޫކޮށް ހިޖުރަކޮށްފައެވެ. އެ ސަހަރައްދުގައި އިންސާނީ އެހީވުމަށް ހަރަކާތްތެރިވާ ޔުނިއަން އޮފް މެޑިކަލް ކެއާ އެންޑް ރިލީފް އޮގަނައިޒޭޝަންސް (ޔޫއޯއެސްއެމްއެމް) އިން ބުނާގޮތުގައި އެ އަދަދު 3 ލައްކައަށް އަރައެވެ.
އިދްލިބްގެ ބޮޑުބައި ކޮންޓްރޯލް ކުރަނީ ތަހްރީރުއްޝާމް ޖަމާއަތުންނެވެ. އެ ޖަމާއަތުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ހަނގުރާމަވެރި އެހެން ޖަމާއަތްތައް ބޭރުކޮށްލައި އެ ސަރަހައްދު އެ ޖަމާއަތު ބާރުގެ ދަށަށް ގެނެސްފައެވެ.
އިދްލިބުގެ ހަމަލާތައް ހުއްޓައި ސުލްހަ ގާއިމުކުރާނެ ގޮތްތަކެއް ހޯދަން ފާއިތުވި ހަފްތާގައި ރަޝިޔާއާއި ތުރުކީގެ ރައީސުން ބައްދަލުކުރެއްވި ނަމަވެސް އެ ކަމާމެދު އެއްބަސްވުމަކަށް ވަނީ ނާދެވިފައެވެ. ދެ ރައީސުންގެ ބައްދަލުވުމަށް ފަހު ތުރުކީގެ ރައީސު ރަޖަބު ޠައްޔިބު އެރްދޮޣާން ވިދާޅުވީ އިދްލިބުގެ ހަމަލާތައް ހުއްޓުވުމަކީ ރަޝިޔާގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެ ވާހަކަފުޅަށް ރައްދުދެމުން ރަޝިޔާއިން ބުނެފައިވަނީ އެކަމުގެ މަސްއޫލިއްޔަތު އުފުލަން ޖެހެނީ ތުރުކީން ކަމަށެވެ.