އައިސީސީ ކްރިކެޓް ވޯލްޑްކަޕް 2019 ގައި ޕާކިސްތާނު ކުޅުނު ފުރަތަމަ މެޗުން ބަލި ވެއްޖެއެވެ. އިއްޔެ ވެސްޓް އިންޑީޒާއެކު ކުޅެ ޕާކިސްތާނު ބަލިވީ 7 ވިކެޓުންނެވެ. ޕާކިސްތާނުގެ ހުރިހައި ކުޅުންތެރިން 105 ލަނޑަށް އެންމެ 21.4 އޯވަރުގެ ތެރޭގައި ނުބައި ވެއްޖެއެވެ. ވެސްޓް އިންޑީޒުން އެންމެ ރަނގަޅަށް އުކީ 5.4 އޯވަރުގެ ތެރޭގައި 27 ލަނޑަށް 4 ވިކެޓް ނެގި އޯޝޭ ތޯމަސް އެވެ.
ވެސްޓް އިންޑީޒް ކުޅެން އަރައި އެންމެ 13.4 އޯވަރުގެ ތެރޭގައި 3 ވިކެޓަށް 108 ލަނޑު ހެދިއެވެ.
މެޗުގައި ފުރަތަމަ ކުޅުނީ ޕާކިސްތާނެވެ. އިނާމުލްހައްޤު ނުބައިވީ އެންމެ 2 ލަނޑަށެވެ. އެއީ ވެސްޓް އިންޑީޒުން ނެގި ފުރަތަމަ ވިކެޓެވެ. މި ވިކެޓު ނެގީ ދެވަނަ އޯވަރުގެ އެންމެ ފަހު ބޯޅައިގައި ކޮޓްރެލްއެވެ. ޕާކިސްތާނުގެ ދެވަނަ ވިކެޓު ދިޔައީ ފަސް ވަނަ އޯވަރުގެ ފަސް ވަނަ ބޯޅައިގައެވެ. މި ވިކެޓު ނެގީ ރަސަލްއެވެ. އެއީ ފަޚްރް ޒަމާންގެ ވިކެޓެވެ. ނުވަ ވަނަ އޯވަރުގެ ހަތަރު ވަނަ ބޯޅައިން ޙާރިސް ސުހައިލްގެ ވިކެޓު ދިއުމާއެކު ޕާކިސްތާނު ޓީމު ޕްރެޝަރަށް ވެއްޓި ވެސްޓް އިންޑީޒްގެ ޓީމަށް ހިތްވަރު ލިބިގެން ދިޔައެވެ. އެއަށް ފަހު ޕާކިސްތާނަކަށް ރަނގަޅަކަށް ކުޅެއެއް ނުގަނެވުނެވެ.
ކޮމެންޓޭޓަރުން ފާހަގަ ކުރި ގޮތުގައި ވެސްޓް އިންޑީޒްގެ ހަލުވި، ބާރު އުކުމަށް ޕާކިސްތާނު އޮތީ ތައްޔާރު ވެގެންނެއް ނޫނެވެ. އެހެން ނަމަވެސް ޕާކިސްތާނުގެ ކެޕްޓަން ސަރްފަރާޒް އަޙްމަދު މި ވާހަކަތަކާ ދެކޮޅު ހަދައެވެ. އޭނާ ބުނި ގޮތުގައި އެ އުކުމަށް ޓީމުން ފަރިތަވެސް ކުރިއެވެ. އެހެން ނަމަވެސް ދިހަ އޯވަރުގެ ތެރޭގައި ކައިރިކައިރީގައި ތިން ވިކެޓު ދިއުމާއި، އެއަށް ފަހުވެސް އަވަސްއަވަހަށް ވިކެޓު ތަކެއް ދިއުމުގެ ސަބަބުން ޓީމަށް ހިންދެމިލެވޭ ގޮތް ނުވީއެވެ.
ޕާކިސްތާނަކީ ގިނަ ފަހަރަށް މިފަދަ މުބާރާތްތަކުގައި ލަސްކޮށް ނުވަތަ ދެރަކޮށް ފަށާ ޓީމަކަށް ވިޔަސް ފަހުން ކުޅުން ރަނގަޅު ކޮށްގަންނަ ޓީމެކެވެ. ދެން ޕާކިސްތާނު ކުޅެން އޮތީ އިނގިރޭސިވިލާތާއެވެ. މިދިޔަ މަހުގެ ތެރޭގައި އިނގިރޭސިންނާ އެކު ކުޅުނު ހުރިހައި މެޗަކުން ޕާކިސްތާން ވަނީ ބަލި ވެފައެވެ.
މިއަދު ކުޅޭނީ ނިބްޒީލަންޑާއި ސްރީ ލަންކާއެވެ. މެޗު ފަށާނީ މާލޭ ގަޑިން މެންދުރު ފަހު 2.30 ގައެވެ.
"މެޗު ފަށާނީ މާލޭ ގަޑިން މެންދުރު ފަހު 2.30 ގައެވެ."
މާލެއަށް އޮންނަނީ ރާއްޖޭގެ އެހެން ރަށްރަށާ ތަފާތު ވަކި ގަޑިއެއްތަ؟