ކްރިކެޓް ވޯލްޑްކަޕް 2019 މިއަދު ފަށްޓާނެ

ކްރިކެޓް ވޯލްޑްކަޕް މުބާރާތް މިއަދު ހަވީރު ފަށާނެއެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ އިނގިރޭސިވިލާތާއި، ދެކުނު އެފްރިކާއެވެ. މެޗު ފަށާނީ މާލޭ ގަޑިން މެންދުރު ފަހު 2.30 ގައެވެ. މި މިބާރާތުގެ ހުރިހައި މެޗަކީވެސް އެއް ދުވަހުގެ މެޗެވެ. ކޮންމެ ޓީމެއްވެސް ކުޅޭނީ 50 އޯވަރަށެވެ. މުބާރާތް އޮންނާނީ އިނގިރޭސި ވިލާތުގައެވެ.

މި އަހަރުގެ މުބާރާތުގައި 10 ޓީމު ބައިވެރި ވެއެވެ. އެއީ އަފްޣާނިސްތާނާއި، އޮސްޓްރޭލިއާއާއި، ބަނގްލާދޭޝާއި، އިނގިރޭސިވިލާތާއި، އިންޑިއާއާއި، ނިވް ޒީލަންޑާއި، ޕާކިސްތާނާއި، ދެކުނު އެފްރިކާއާއި، ސްރީ ލަންކާއާއި، ވެސްޓް އިންޑީޒެވެ،

ކްރިކެޓް ވޯލްޑްކަޕް މެޗެއްގައި އަފްޣާނިސްތާނު އެންމެ ފުރަތަމަ ކުޅެފައި ވަނީ 2015 ވަނަ އަހަރުއެވެ. އެ އަހަރު ގްރޫޕް ސްޓޭޖުން ކެޓީއެވެ. އޮސްޓްރޭލިއާ ވަނީ ފަސް އަހަރު ތަށި ހޯދައިފައެވެ. އެއީ 1987 ވަނަ އަހަރާއި، 1999 ވަނަ އަހަރާއި، 2003 ވަނަ އަހަރާއި، 2007 ވަނަ އަހަރާއި، 2015 ވަނަ އަހަރުއެވެ. އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ އޮސްޓްރޭލިއާއެވެ. ބަނގްލާދޭޝް 2015 ވަނަ އަހަރު މުބާރާތުގެ ކުއާޓަރ ފައިނަލަށް ދިޔައެވެ. އިނގިރޭސި ވިލާތް ވަނީ ތިން އަހަރު ދުނިޔޭގެ ދެވަނަ ޓީމުގެ މަގާމު ހޯދައިފައެވެ. އެއީ 1979 ވަނަ އަހަރާއި، 1987 ވަނަ އަހަރާއި، 1992 ވަނަ އަހަރުއެވެ. އިންޑިއާއިން ވަނީ ދެ ފަހަރު ތަށި ހޯދައިފައެވެ. އެއީ 1983 ވަނަ އަހަރާއި، 2011 ވަނަ އަހަރުއެވެ. ނިވް ޒީލެންޑުން ވަނީ 1992 ވަނަ އަހަރު ދުނިޔޭގެ ދެވަނަ ޓީމުގެ މަގާމު ހޯދައިފައެވެ. އެ އަހަރު ތަށި ހޯދާފައިވަނީ ޕާކިސްތާނުންނެވެ. ދެކުނު އެފްރިކާ ހަތަރު އަހަރު ސެމީ ފައިނަލުގައި ކުޅުނެވެ. އެއީ 1992 ވަނަ އަހަރާއި، 1999 ވަނަ އަހަރާއި، 2007 ވަނަ އަހަރާއި، 2015 ވަނަ އަހަރުއެވެ. ސްރީ ލަންކާއިން ވަނީ 1996 ވަނަ އަހަރު ތަށި ހޯދައިފައެވެ. ވެސްޓް އިންޑީޒް ވަނީ ދެ އަހަރު ތަށި ހޯދައިފައެވެ. އެއީ 1975 ވަނަ އަހަރާއި، 1979 ވަނަ އަހަރުއެވެ.

އައިސީސީ ރެންކިންގ އަށް ބަލާއިރު މި ވަގުތު ދުނިޔޭގެ އެއް ވަނައިގައި އޮތީ އިނގިރޭސި ވިލާތެވެ. ދެވަނައިގައި އޮތީ އިންޑިއާއެވެ. ތިންވަނައަށް އޮތީ ދެކުނު އެފްރިކާއެވެ. ހަތަރުވަނައަކީ ނިވް ޒީލަންޑެވެ. ފަސްވަނަައަކީ އޮސްޓްރޭލިއާއެވެ. ހަވަަނައަކީ ޕާކިސްތާނެވެ. ހަތްވަނައަކީ ބަނގްލާދޭޝެވެ. އަށްވަނައަކީ ވެސްޓް އިންޑީޒެވެ. ނުވަވަަނައަކީ ސްރީ ލަންކާއެވެ. އަފްޣާނިސްތާން އޮތީ ދިހަ ވަނައިގައެވެ.

މިއަދުގެ މެޗަށް ބަލާއިރު އިނގިރޭސި ޓީމު ވަރުގަދަ ކަމަށް ފެނެއެވެ. ފުރަތަމަަ ކުޅެން އަރާ ދެކުޅުންތެރިންނަކީ ދުނިޔޭގެ ފެންވަރުގައި ހުނި ޖަހައިލެވޭ މޮޅު ދެ ކުޅުންތެރިންނެވެ. އެކަކީ ޖޭސަން ރޯއީއެވެ. ދެވަނަ ކުޅުންތެރިއަކީ ޖޮނީ ބެއަރސްޓޯވެވެ. ޖޮނީއަކީ އެއް ދުވަހުގެ ކްރިކެޓްގައި އެންމެ މަތީ ސްޓްރައިކް ރޭޓް އޮތް ކުޅުންތެރިޔާއެވެ. ސްޓްރައިކް ރޭޓަކީ އެ ކުޅުންތެރިއަކު ކުރިމަތިލައި، ކުޅޭ 100 ބޯޅައަށް އޭނާ ހަދާ އެވްރެޖް ލަނޑެވެ. މި ދެ ކުޅުންތރިންގެ އިތުރަށް އިނގިރޭސި ޓީމުގައި ތިބި އެހްނެ ކުޅުންތެރިންވެސް ވަކި ސަހަލެއް ނޫނެވެ. ހައްތަހާވެސް މޮޅު ކުޅުންތެރިންނެވެ، އޭގެ ތެރޭގައި އޮއިން މޯރގަންއާއި، ޖޯ ބަޓްލަރ ހިމެނެއެވެ. ޓީމުގެ ކެޕްޓަނަކީ މޯރގަންއެވެ. އުކުންތެރިންގެ ތެރޭގައި އަލަށް ކުޅޭ ޖޮފްރާ އަރޗަރ ފާހަގަ ކޮށްލެވެއެވެ.

ދެކުނު އެފްރިކާގެ ރެކޯޑަށް ބަލާއިރު ފާހަގަ ކޮށްލެވޭ ކަމެއް ނެތެވެ. އެހެންނަމަވެސް މުޅި ޓީމަށް ބަލާއިރު ކުޅުމާއި އުކުމާއި ހޮވުމުގައި ހަމަހަމަ ކަމެއް ފެނެއެވެ. ފާހަގަ ކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ވިކެޓް ކީޕަރު ކުއިންޓަން ޑީކޮކާއި ތަޖުރިބާކާރު ކުޅުންތެރިން ކަމުގައިވާ ހާޝިމް އާމްލާއާއި، ކެޕްޓަން ފަފް ޑު ޕްލެސީ ހިމެނެއެވެ. އުކުންތެރިންގެ ތެރޭގައި ޢިމްރާން ޠާހިރާއި ކަގިސޯ ރަބާޑާ ފާހަގަ ކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.