މި ދުނިޔެއަށް އަންނަ ކޮންމެ އެއްޗެއް ނެތިވެދާ ބީދައިން ރަމަޟާން މަސް އައިސް އަޅުގަނޑުމެންނާ ވަކިވެގެން ދާން ކައިރިވެއްޖެއެވެ. ކޮންމެ އެއްވުމެއް ބައިބައި ވެގެން ދާނެތެވެ. ކޮންމެ ދިރޭ އެއްޗެއް މަރުވާނެތެވެ. އަޅުގަނޑުމެން ވެސް ނެތިވެ ދާނެތެވެ. މިކައުނުގައިވާ ކޮންމެ އެއްޗެއް ބަދަލުވެ ފަނާވެދާނެއެވެ.މިއަދު މި ބިންމަތީގައިވާ ކޮންމެ އެއްޗެއް މާދަމާ ވާނީ މި ބިމުގެ ފަސްގަނޑުގެ ދަށުގައެވެ. ފަނާވެ ނުގޮސް ތިބައާ އެކުގައި ވާނީ ތިބާކޮށްފައިވާ ޞާލިޙު ޢަމަލުތަކެވެ. ﷲގެ ވަޖްހުފުޅަށް ޓަކައި ކުރެވުނު ކަމެއް މެނުވީ ދެމިއެއް ނޯންނާނާނެއެވެ.
އަޅުގަނޑުމެންނަށް މި ރަމަޟާން މަހުގައި ކުރެވިފައިވަނީ ކޮން ކަހަލަ ރަނގަޅު ކަމެއްތޯ ބަލައިލަން އެބަ ޖެހެއެވެ. ވާޖިބުތައް އަދާކުރެވުނުތޯ ނުވަތަ އެކަމުގައި ވެވިފައިވަނީ އިހްމާލުތޯ ބަލައި އަމިއްލަ ނަފްސުގެ ހިސާބުކިތާބު ބެލުމަށްޓަކައެވެ. ރަމަޟާން މަހުގައި ހިފަން ވާޖިބު ކުރެއްވި ރޯދަ ހެޔޮ ގޮތުގައި ހިފުނު މީހާއަށް އުފާވެރިކަން ހުށްޓެވެ. ލޮބުވެތި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވަނީ لِلصَّائِمِ فَرْحَتَانِ يَفْرَحُهُمَا إِذَا أَفْطَرَ فَرِحَ وَإِذَا لَقِيَ رَبَّهُ فَرِحَ بِصَوْمِهِ [1] މާނައީ: "ރޯދަވެރިޔާއަށް ދެ އުފަލެއްވެއެވެ. ރޯދަވީއްލާއިރު ރޯދަވީއްލުމުން ލިބޭ އުފަލަކާއި އޭނާގެ ވެރިރަސްކަލާނގެއާ ބައްދަލުވާ ދުވަހު ރޯދައިގެ ސަބަބުން ލިބޭ އުފަލެވެ." ރޯދަވެރިޔާއަށް މާތްﷲ މި ދެއްވަނީ ދެ އުފަލެކެވެ. ދުނިޔެމަތީގައި ދެއްވާ ވަގުތީ އުފަލަކާއި އާޚިރަތްދުވަހު ދެއްވާ ދާއިމީ އުފަލެކެވެ.
ދުނިޔެމަތީގައި ލިބޭ އުފަލަކީ އޭނާގެ ވެރިރަސްކަލާނގެ އެންގެވި ގޮތަށް ރޯދަ ހިފުނީތީ ލިބޭ ހިތްހަމަޖެހުމުގެ އުފަލެވެ. އެކަލާނގެ ކުރަން އެންގެވިކަމެއް ކުރެވުނީތީ ހިތަށް ލިބުނު ފިނިކަމެވެ. ރޯދައިގެ ސަބަބުން ހަށިގަނޑަށް ލިބުނު ލޮޑުކަމާއި ވަރުބަލިކަމުން އަވަދިވީތީ ލިބުނު އުފަލެވެ. އެއީ ﷲ ދެއްވި ތައުފީޤުގެ ސަބަބުން ﷲގެ އަމުރުފުޅަށް ކިޔަމަން ގަނެވުނީތީ ވާ އުފަލެވެ. ކީރިތި ޤުރްއާން މި އުފާ ސިފަކޮށްފައި ވަނީ މި ބަސްފުޅުންނެވެ. قُلْ بِفَضْلِ ٱللَّـهِ وَبِرَحْمَتِهِۦ فَبِذَٰلِكَ فَلْيَفْرَحُوا۟ هُوَ خَيْرٌ مِّمَّا يَجْمَعُونَ [2] "ކަލޭގެފާނު ވިދާޅުވާށެވެ! اللَّه ގެ ފަޟްލު ވަންތަ ކަމާއި، އެކަލާނގެ رحمة އަށްޓަކައި (އެބަހީ: إسلام دين އާއި قرآن އަށްޓަކައި) ފަހެ، އެއުރެން އުފާ ކުރާހުށިކަމެވެ! އެއުރެން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަން ބޮޑެވެ."
އުފާ ކުރާ މީހުން ދެ ބަޔަކަށް ބެހިގެން ވެއެވެ. ޙައްޤު ގޮތުގައި އުފާ ކުރާ މީހުންނާއި ބާޠިލު ގޮތުގައި އުފާ ކުރާ މީހުންނެވެ. ޙައްޤު ގޮތުގައި އުފާ ކުރާމީހުންނަކީ އިސްވެ ދިޔަ އާޔަތުން އެނގޭ ފަދައިން ﷲގެ ފަޟްލުވަންތަކަމާއި އެކަލާނގެ ރަޙްމަތަށް ޓަކައި އުފާ ކުރާ މީހުންނެވެ. ބާޠިލު ގޮތުގައި އުފާ ކުރާ މީހުންގެ ނިމުމަކީ ނަރަކައެވެ. އެ މީހުންނާ ބެހޭ ގޮތުން މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ذَٰلِكُم بِمَا كُنتُمْ تَفْرَحُونَ فِى ٱلْأَرْضِ بِغَيْرِ ٱلْحَقِّ وَبِمَا كُنتُمْ تَمْرَحُونَ [3] މާނައީ: "އެއީ حق އަކާ ނުލައި ބިމުގައި ތިޔަބައިމީހުން އުފާކޮށް އުޅުނުކަމުގެ ސަބަބުންނެވެ. އަދި ބޮޑާވެ، މަޖާކޮށް އުޅުނުކަމުގެ ސަބަބުންނެވެ. ޙައްޤަކާ ނުލައި ބިމުގައި އުފާކުރާ މީހުންނަކީ އެމީހުންގެ އަތުގައި ހުރި މުދަލުގެ ސަބަބުން ނުވަތަ އެމީހުންނަށް މާތްﷲ ދެއްވި މަޤާމުގެ ސަބަބުން އަނިޔާވެރިވެ އެ މުދަލުން ﷲގެ ޙައްޤުތައް އަދާ ނުކުރާ މީހުންނެވެ. އެމީހުންނާ މާތްﷲ ޙަވާލު ކުރެއްވި މަސްއޫލިއްޔަތު ރަނގަޅު ގޮތުގައި އަދާނުކޮށް ބޮޑާވެގަން މީހުންނެވެ.
ރަމަޟާން މަހުގައި ﷲގެ ވަޖްހުފުޅު އަދައިގެން ހެޔޮ ގޮތުގައި ރޯދަ ހިފައި ، ރޭ އަޅުކަންކޮށް، ހެޔޮ ޢަމަލުތައް ކުރެވުނު މީހާ ފަހެ އެކަންތައްތަކާ މެދު ބޮޑާވެ ނުގަންނަ ހުށްޓެވެ. އެމީހާ މި ކުޅަ ޢަމަލުތައް ޤަބޫލު ކުރައްވާތޯ ﷲއަށް ދަންނަވާ ހުށި ކަމެވެ. މިހެންވެ މާތްﷲ ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވަނީ "ތިބާ އެކަމަކާ މެދު ފޮނިވެ ބޮޑާވެވޭ ހެޔޮ ކަމަކަށް ވުރެ ތިބާ ނުބައި ކަމެއް ކަމުގައި ދެކޭ ނުރަގަނޅު ކަމެއްގެ ހެޔޮކަން މާ ރަނގަޅެވެ." އެހެނީ މި ފަދަ މީހާ އޭނާއަށް ކުރެވުނު ނުބައިކަމާ މެދު ހިތާމަކޮށް ދެރަ ވާނެތެވެ. މިއާ ޚިލާފަށް ހެޔޮ ޢަމަލުތަކެއް ކުރެވުނީތީ ފޮނިވެ ބޮޑާވާ މީހާ އެކަމުގެ ސަބަބުން ހެއްލެނިވެ ގެއްލެނިވެދާނެތެވެ. އެއް ދުވަހަކު ޞާލިޙު އަޅުންތަކެއް އެބޭކަލުންގެ ޝައިޚު އާލާސްކަންފުޅާ އުޅުއްވާތީ އެކަލޭގެފާނަށް ޒިޔާރަތް ކުރެއްވިއެވެ. ޝައިޚު ކީރިތިކުރައްވާތީ އެބޭކަލުން ދެންނެވިއެވެ. ކަލޭގެފާނު ކީރިތިކުރައްވަނީ ކީއްވެތޯއެވެ. ކަލޭގެފާނު ވަނީ ހުރިހާ ނަމާދުތަކެއް އެ ނަމާދުތަކުގެ ވަގުތުގައި އަދާ ކުރައްވައިފައެވެ. ކަލޭގެފާނު ވަނީ ރަމަޟާން މަސްތަކުގައި ރޯދަފުޅު ހިއްޕަވައިފައެވެ. ކަލޭގެފާނު ވަނީ ކަލޭގެފާނުގެ މުދާތަކުން ޒަކާތާއި ޞަދަޤާތް ދެއްވައިފައެވެ. ކަލޭގެފާނު ވަނީ އެތައް ފަހަރަކު ޙައްޖަށް ވަޑައިގެން އެތައް ފަހަރަކު ޢުމްރާވެ ވަޑައިގެންފައެވެ. އެހިނދު ޝައިޚު ވިދާޅުވިއެވެ. "އޭ ލޮބުވެތި ދަރީންނޭވެ!އޭގެ ތެރެއިން ﷲ ޤަބޫލު ކުރެއްވީ ކޮން އެއްޗެއް ކަމެއް މަށަކަށް ނޭނގެއެވެ. މާތް ﷲ ވަޙީ ކުރައްވަނީ إِنَّمَا يَتَقَبَّلُ ٱللَّـهُ مِنَ ٱلْمُتَّقِينَ [4] މާނައީ: "اللَّه ޤަބޫލު ކުރައްވާކަން ކަށަވަރީ ތަޤްވާ ވެރިންގެ ކިބައިންނެވެ." މަށަކީ ތަޤްވާވެރީންގެ ތެރޭގައި ވާ މީހެއްކަން އެނގެނީ ކިހިނެއް ހެއްޔެވެ؟"" މުއުމިނުންގެ ގޮތަކީ މިއީއެވެ. އަބަދުވެސް ތިބެން ޖެހޭނީ ﷲގެ ރަޙްމަތަށް އެދިއެދިއެވެ.
ރަމަޟާން މަހުގައި ރޯދަ ހިފައި ހެޔޮ އަމަލުތައް ކުރުމުގައި ތައުފީޤު ލިބުނު މީހާ ދަންނައެވެ. ރަމަޟާން މަސް މި ވަނީ ތަޤްވާވެރިކަމާއި ހެޔޮ ޢަމަލުތަކުގެ ބެޓެރީން ތިބާއަށް ޗާޖުކޮށްދީފައެވެ. މި ޗާޖުގެ ބޭނުން ރަނގަޅުގޮތުގައި ހިފާށެވެ. ރަމަޟާން މަސް މި ވަނީ މުޅި އަހަރުގައި ތިބާއަށް ބޭނުން ކުރެވިދާނެ ހަކަތައެއް ތިބާގެ ނަފްސަށް ލައިދީފައެވެ. މި ހަކަތައިގެ ބޭނުން ރަނގަޅު ގޮތުގައި ހިފާށެވެ. ރަމަޟާން މަހުގައި ތިބާ ކޮންމެ ވެސް ވަރަކަށް ޤުރްއާން ކިޔެވީމުއެވެ. ރަމަޟާން މަސް ނިމުނީމާ އަނެއް އަހަރުގެ ރަމަޟާން މަސް އަންނަން ދެން މުޞްޙަފު ވަތްގަނޑުތެރޭގައި ނުބާއްވާށެވެ! ރަމަޟާން މަހުގައި ތިބާ މިސްކިތަށް ދިޔައީމުއެވެ. ރަމަޟާން މަސް ނިމުނީމާ މިސްކިތަށް ދިޔުން މުޅިން ހުށްޓައި ނުލާށެވެ. މިސްކިތަށް ވެސް ވަގުތުކޮޅެއް ދެވޭތޯ ބަލާށެވެ!ރަމަޟާން މަސް ނިމުމުން ހިއްމަތް ކުޑަވުމަކީ ހަމަ ޠަބީޢީ ކަމެކެވެ. ރަމަޟާން މަހަކީ ހެޔޮ ކަމުގެ މޫސުމަށް ވާތީ ، ޞާލިޙުންގެ ބާޒާރުކަމަށް ވާތީ ،އެ މަހުގައި ޞާލިޙު ޢަމަލުތައް ކުރުމަށް ފޯރި ގަދަވާނެއެވެ. ނަމަވެސް ރަމަޟާނާއެކު މި ކަންކަމާ މުޅިން ގުޅުން ކަނޑައިގެން ނުވާނެއެވެ. މުއުމިނުންގެ ސިފައަކީ ހެޔޮ ޢަމަލު ކުރުން މަތީގައި ދެމި ހުރުމެވެ. ކީރިތި ރަސޫލާ އިރްޝާދު ދެއްވަނީ ރަނގަޅު ޢަމަލެއް ކުރެވިއްޖެ ނަމަ އެ ކަން ކުރުން މަތީގައި ދެމި ހުރުމަށެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވަނީ أَحَبَّ الْأَعْمَالِ إِلَى اللَّهِ أَدْوَمُهَا وَإِنْ قَلَّ [5] މާނައީ: "ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލަކީ ، އޭގެ މިންވަރު ކިތަންމެ ކުޑަ ވިޔަސް ، ދާއިމީކަން ބޮޑު ޢަމަލެކެވެ." މި ބަސްފުޅުން މި އެނގެނީ ކުރާ ކޮންމެ ހެޔޮ ކަމެއްގެ މަތީގައި ދެމި ހުރުމުގެ މުހިއްމު ކަމެވެ. އެކަމުގައި ސާބިތުވެ ހުރުމުގެ މުހިއްމު ކަމެވެ. ރަމަޟާން މަހުގައި ޙާޞިލު ކުރެވުނު އެއްވެސް ކަމެއް މުޅިން ހުށްޓާ ނުލާށެވެ. ކޮންމެ ވެސް މިންވަރަކަށް އެ ކަންކަން ކުރެވޭތޯ ބަލާށެވެ.
މާތް ﷲއަށް ކިޔަމަންގަތުމުގެ މަތީގައި ދެމި ހުރުމަކީ މުއުމިނުންގެ އަޚްލާޤުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މުއުމިނުންގެދުޢާއަކަށް ވާން ޖެހޭނީ رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً إِنَّكَ أَنتَ ٱلْوَهَّابُ [6] މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށް ފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަރަސްކަލާނގެ ޙަޟްރަތުން ރަޙްމަތެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ ނިޢުމަތްތައް ދެއްވާ ރަސްކަލާނގެއެވެ."
[1] - رواه البخارى ومسلم والترمذى والنسائى وأحمد وابن ماجه والبيهقى والطبرانى وابن حبان وابن خزيمة
[2] - يونس : 58
[3] - غافر
[4] - المائدة : 27
[5] - رواه الشيخان عن عائشة رضى الله عنها
[6] - آل عمران : 8