ހެއްވާ: ކުމާރުގެ މޮޅު ބުއްދި

ފަތަން ނޭގުމަކީ ވަރަށް ބޮޑު މައްސަލަ އެކެވެ. ފަތަން ނޭނގޭ މީހަކު ކަނޑު މައްޗަށް އަރަން ހެޔޮ ނުވާނޭ ކަމަށް ބައެއް މީހުން ބުނެއެވެ. އެއީ ދަތުރުކުރާ އެތިގަނޑު ފެތިއްޖެ ނަމަ ސަލާމަތް ވާނޭ ގޮތެއް ނޯންނާނެތީޔޯލައެވެ. އެކަމަކު ފެތޭ އޮޑި ފަހަރުގައި މަރުވެފައިވާ ގިނަ މީހުންނަކީ ފަތަން ދަންނަ މީހުންނެވެ. މަރަކީ އެހެން ފަރާތަކުން އަންނަ އަމުރެކެވެ. އެ އަމުރަކީ ހަމައެކަނި ފަތަން ނުދަންނަ މީހުންނަކަށް އޮންނަ އަމުރެއް ނޫނެވެ. އެއީ އަޖަލު ހަމަ ވެއްޖެ ކޮންމެ މީހަކަށް އަންނަ އަމުރެކެވެ.

އެކަމަކު ފަތަން އެނގުމަކީ ވަރަށް މުހިއްމު ކަމެއް ކަމާ މެދަކު އެކަކުވެސް ޝައްކެއް ނުކުރާނެއެވެ. ފަތަން ނޭނގުމުގެ ސަބަބުން ދިމާވާ މައްސަލަ ތަކެއް ހުރެއެވެ.

އަޅުގަނޑުގެ ރަޙްމަތްތެރި ޑޮކްޓަރ ކުމާރަށް ދިމާވީ މައްސަލަ އަކީ މީގެ ތެރޭގައި ހިމެނޭ ބޮޑު މައްސަލަ އެކެވެ.

ޑޮކްޓަރ ކުމާރަކީ އިންޑިއާގެ ރައްޔިތެކެވެ. އޭނާ ރާއްޖެ އަށް އައިސް އެންމެ ފުރަތަމަ ވަޒީފާ އަދާ ކުރީ މާލޭގައެވެ. މާލޭގައި ދުވަސްކޮޅަކު އުޅުމަށް ފަހު ދިޔައީ ދެކުނުގެ އަތޮޅަކަށެވެ. އެއީ އެ އަތޮޅުގެ ކޮންމެވެސް ރަށެއްގައި މީހަކު ހިންގާ އަމިއްލަ ކްލިނިކެއްގައި މަސައްކަތް ކުރާށެވެ.

އެ އަތޮޅަކީ އެއަރޕޯޓެއް އޮންނަ އަތޮޅެކެވެ. އެހެން ނަމަވެސް ބައެއް ފަހަރަށް މަތިންދާބޯޓުފަހަރު ދަތުރު ނުކުރާ ދުވަސްވަރާ ދިމާވެއެވެ. ބޯޓަކަށް މައްސަލައެއް ދިމާ ވެގެން ނުވަތަ އެހެން ކަމެއް ނަމަވެސް މެދުވެރި ވެގެން އެހެންވާ ފަހަރު އާދެއެއް ނޫންތޯއެވެ؟

އަޅުގަނޑު މިދަންނަވާ މައްސަލަ މެދުވެރިވީ ކޮންމެވެސް ކަމެއް ދިމާވެގެން މަތިންދާބޯޓު ދަތުރުތައް ދުވަސްވަރެއްގައެވެ.

ޑޮކްޓަރ ކުމާރަށް ކޮންމެވެސް ކުއްލި ޙާލަތެއްގައި މާލެ އަންނާން ޖެހިއްޖެއެވެ. މާލެ އަންނާން ޖެހުނީ ކަނޑު ބޯޓެއްގައެވެ. ކުމާރަކީ ފަތަން ދަންނަ މީހަކަށް ނުވުމުގެ އިތުރަށް، ކަނޑު މައްޗަށް އަރަން ވަރަށް ބޮޑަށް ބިރު ގަންނަވެސް މީހެކެވެ. އަޅުގަނޑުމެންނާ އެކީގައި މާލެއިން ހުޅުލެއަށް ދާ އިރުވެސް ދޯންޏަށް އެރުމާއެކު ލޯ މަރާނެއެވެ. ލޯ ހުޅުވައިލާނީ އެއަރޕޯޓަށް ދެވުނީމައެވެ. ކޮތަރަށް ހީވާ ގޮތަށް ހީވަނީވެސް ތޯއްޗެކެވެ. އެ ސޮރުވެސް ހަދާ ގޮތަކީ ބުޅަލެއް ފެނުނީމާ ލޯ މަރަނީއެވެ.

މި ދެންނެވި ދަތުރުގައި ބޯޓު ގޮސް ކޮންމެވެސް ރަށެއްގެ ފަރަކަށް އަރައިފިއެވެ. އެންމެން ތެޅިގަނެގެން އެ މީހަކު އަތު ޖެހުނު އެއްޗެއް ހިފައިގެން ކަނޑަށް ފުންމާލައިގެން ފަތާފައި ގޮސް އެއްގަމަށް އަރަން ފަށައިފިއެވެ. ކުމާރުވެސް އޭނާގެ ބަހުން ދަންނަހައި ހެޔޮ އެއްޗެއް ކިޔާފައި، ލައިފް ވެސްޓެއް ނަގައި ދެ ފައިގައި އެބަ އެޅުވިއެވެ. އަދި ނުމޮހޭ ވަރަށް ބާރަށް ފަޔާއެކު އައްސައިލިއެވެ. އޭނާއަށް ހީ ކުރެވިފައި އޮތް ގޮތުގައި އެހެން ހަދައިގެން ފުންމައިލީމާ އޭނާއަށް ކަނޑުގައި ކޮޅަށް ހުރެވޭނެއެވެ.

އެކަމަކު ވީ އެހެންނެއް ނޫނެވެ. ފުންމައިލުމާއެކު ބޮލާއެޅީއެވެ. މައްޗަށް ފެންނާން ހުރީ އޭނާގެ ބޫޓުގެ ދަށެވެ. ބާކީ އޮތް ތަނެއް އޮތީ އަޑީގައެވެ. ނަސީބު ރަނގަޅު ކަމުން މި މަންޒަރު މުސްކުޅި އަންހެނަކަށް ފެނިގެން އޭނާ ސަލާމަތް ކޮށް ދިނީއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.