ހެއްވާ: ބަޠަލުގެ ބަދުނަސީބު

އެއީ ހަތްދިހައިގެ ކުރީކޮޅުގެ ދުވަސްވަރެވެ. އައްޑު އަތޮޅުގައި ދެ ކްލަބް އޮވެގެން ކުޅިވަރާއި، މިއުޒިކާއި، އަދަބީ ކަންތައްތަކުގެ ފޯރި ވަރަށް ބޮޑު ވެފައި އޮތް ދުވަސްވަރެކެވެ. އެކި ކަހަލަ ތަމްސީލު ޝޯތައް ބޭއްވުމާއި، ނޫސް މަޖައްލާ ނެރުމުގެ ފޯރިވެސް އެ ދުވަސްވަރު އޮތީ މުޅި އަތޮޅަށް ފެތުރިފައެވެ.

އެ ދުވަސްވަރުވެސް ހިންދީ ފިލްމުގެ ޝައުޤުވެރިކަން ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް އޮތެވެ. ހިންދީ ފިލްމުގައި އެންމެ ނަން ހިނގާ މީހުންގެ ތެރޭގައި ދާރާ ސިންގ ހިމެނެއެވެ. އޭނާ މަޝްހޫރު ވެފައި ވަނީ އޭނާގެ ބާރު ގަދަ ކަމުންނެވެ. ގިނަ ފިލްމު ތަކުގައި އޭނާ ފެންނަނީ ވަރަށް ބާރު ގަދަ މީހެއްގެ ގޮތުގައެވެ. އެހެންވީމާ އެ ދުވަސްވަރު ބާރު ގަދަ މީހުންނަށް ދާރާ ސިންގޭ ކިޔައިވެސް އުޅުނެވެ.

މި ދެންނެވުނު ދުވަސްވަރު ކްލަބަކުން ބޭއްވި ތަމްސީލު ޝޯ އެކެވެ. މި ޝޯގައި ކުޅުނު ތަމްސީލެއްގައި އަހަންމައިދީ (އަސްލު ނަމެއް ނޫން) އަށް ޖެހެނީ ނުބައި ބައި މީހެއްގެ ބައި ކުޅޭށެވެ. އަހަންމައިދީ އަކީ އެ ދުވަސްވަރު ދާރާ ސިންގ ގެ ނަމުން މަޝްހޫރު ވެފައިވާ، ބާރު ގަދަ މީހެކެވެ.

ތަމްސީލު ރޭވިފައި އޮތް ގޮތުން އަހަންމައިދިއަށް ޖެހެނީ ބަޠަލުގެ އަތުން ބަލި ވާށެވެ. ދެ މީހުން ތަޅައި ފޮޅައިގެން މަރު ވާން ޖެހޭ މީހަކީ އަހަންމައިދީއެވެ.

ބަޠަލަކީތޯއެވެ؟ ބަަޠަލަކީ ހިމަތޮޅި މީހެކެވެ. އަހަންމައިދިއާ އަޅައި ބަލާ އިރު ވަރަށް ބަލިކަށި މީހެކެވެ.

ފަރުދާ ކެހިއްޖެއެވެ. މަންޒަރު ކުރިއަށް ގޮސް، މި ދެންނެވުނު ތަޅައިފޮޅުމުގެ މަންޒަރާ ހަމަ އަށް ހިނގައްޖެއެވެ.

އަހަންމައިދީ އިސްޓޭޖަށް ނުކުމެއްޖެއެވެ. އޭނާގެ ނަޒަރު ފުރަތަމަ ގޮސް ހުއްޓުނީ ހޯލް ތެރޭގައި ކުޅި ބަލަން ތިބި މީހުންނަށެވެ. ފުރަތަމަ ބަރީގައި ތިބީ ރަށުގެ އެންމެ ރީތި ކަމަށް ބެލެވޭ އަންހެން ކުދިންނެވެ. އެ ކުދިން ފެނުމާއެކު އަހަންމައިދީގެ ޖޯޝް އިތުރު ވެގެން ހިނގައްޖެއެވެ. އެ ތަނުން އެއް ކުއްޖަކު އޭނާއާ ދިމާއަށް ހިނިތުން ވެލީހެންވެސް ހީވިއެވެ.

ދެންވީ ކިހިނެއް ކަމަށްތޯއެވެ؟

ބަލިވާން ޖެހޭ މީހާ ބަލިވާ ގޮތެއް ނުވިއެވެ. އައި ފޯރީގައި އަހަންމައިދީ އެއްކަލަ ބަލިކަށި ބަޠަލު ނަގައި ގުޅައަކަށް އިސްޓޭޖު މައްޗަށް އެބަ ޖެހިއެވެ. އެ ޖެހި ގޮތަށް އެ ފަކީރަކަށް ނުއެއް ތެދުވެވުނެވެ. ހެއެއް ނެތެވެ.

އަވަހަށް ފަރުދާ ވައްޓައިލެވިއްޖެއެވެ. އަހަންމައިދީ މައިތިރިވީ އެތައް ބަޔަކު، އެތައް އިރަކު މަސައްކަތް ކޮށްގެންނެވެ. ބަޠަލު ގެންދިޔައީ ބޭސްވެރިއެއްގެ ގާތަށެވެ.

ކަންތައްތައް ހަމަ ޖެހުނީމާ އެހެން ހެދީ ކީއްވެގެންތޯ ސުވާލު ކުރެވުނެވެ.

އަހަންމައިދީ ބުންޏެވެ.

"ކުރީ ބަރީގައި ތިބީ ރަށުގެ އެންމެ ރީތި އަންހެން ކުދިންނެވެ. އެހައި ރީތި އަންހެން ކުދިންގެ ކުރިމަތީގައި އަހަރެންވީ ބަލިކަށި މީހެއްގެ އަތުން ބަލިވާން ހެއްޔެވެ؟ އެހެން ހެދޭނީ ކިހިނެއް ހެއްޔެވެ؟"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.