ކުށް ނުކުރާ މީހުން ވެސް ރާއްޖޭގެ ޖަލުތަކުގައި އެބަތިބި ކަމަށް ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމަށް ހުޅުވާލައިފައިވާ ފުރުސަތުގައި ރޭ ޖަލަށް ފޮތް ހަދިޔާ ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
"ޖަލުގައި ތިބޭ މީހުންނަކީ ވެސް އަޅުގަނޑުމެންގެ އަޚުން ނުވަތަ އުޚުތުން. އޭގެ ތެރޭގައި ކުށް ކޮށްފައިވާ މީހުންނާއި ކުށް ނުކުރާ މީހުންވެސް އެބަތިބޭ. އަޅުގަނޑުވެސް ޖަލުގައި ހުރީމާ މިކަންތައްތައް ވަނީ ފެނިފައި،" ރައީސް މައުމޫން ވިދާޅުވިއެވެ.
އެންމެންނަކީ ވެސް އިންސާނުން ކަމަށާއި އެންމެގެ ވެސް އިންސާނީ ޙައްޤުތަކެއް ވާކަން ފާހަގަ ކުރައްވައި އެންމެވެސް އިސްލާޙުވާން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "އެންމެންވެސް ބޭނުންވޭ އެނބުރި މުޖުތަމަޢަށް އަންނަން. އެހެންވީމާ މިކަމަށް މަގުފަހި ކުރުމުގެ ގޮތުން ކޮށްދެވެންއޮތް ކަމެއް ސަރުކާރުންނާއި އަދި އަމިއްލަ ފަރުދުން ވެސް ކޮށްދޭންޖެހޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ޖަލުތަކުގައި ލައިބްރަރީ ހަދައި މިފަދަ މަސައްކަތެއް ފެއްޓެވީތީ ރައީސް މައުމޫން ވަނީ ހޯމް މިނިސްޓަރ ޢިމްރާނަށާއި ކަރެކްޝަނަލް ސާވިސްގެ ވެރިންނަށް ޝުކުރު އަދާ ކުރައްވައިފައެވެ.
ރައީސް މައުމޫން ވިދާޅުވީ ޖަލުތަކުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގެންނެވުމަކީ އުފާފުޅު ކުރައްވާ ކަމެއް ކަމަށެވެ. "ޖަލުގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ހަމަޖައްސަވާފައިވާ ޕްރޮގްރާމަކީ ވަރަށް މުހިންމު ޕްރޮގްރާމެއް. އެ ޕްރޮގްރާމުގައި ބައިވެރިވެ ބައެއް ފޮތް އެ ލައިބްރަރީއަށް ހަދިޔާ ކުރުމަކީ އަޅުގަނޑަށް ލިބުނު ވަރަށްބޮޑު އުފަލެއް،" ރައީސް މައުމޫން ވިދާޅުވިއެވެ.