ރާއްޖޭގެ ސިޔާސީ ތާރީޚު އޮޅުވާނުލުމަށް އެމްއާރްއެމް އިން އިލްތިމާސް ކޮށްފިއެވެ.
އެ ޕާޓީން މިފަދައިން އިލްތިމާސް ކުރީ އެމްޑީޕީގެ ކޮންގްރެސް ފެށުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ރައީސް ވިދާޅުވެފައިވަނީ މީގެ 17 އަހަރު ކުރިން އެމްޑީޕީ އުފެދުނީ އޭރުގެ ސަރުކާރުގައި "އަނިޔާވެރިކަން ހައްދުފަހަނައަޅާ ދިއުމުން"، އެ "އަނިޔާވެރިކަން" ނައްތާލަން ބޭނުންވެގެން ކަމަށެވެ.
އެކަމަށް ރައްދުދީ އެމްއާރްއެމް އިން ނެރުނު ބަޔާނުގައި ބުނީ ވޭތުވެދިޔަ 14 އަހަރު ވެރިކަން ކުރި އެއްވެސް ފަރާތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ނެރުނު ފަދަ ނަތީޖާ އެއް ނުނެރެވޭ ކަމަށެވެ. އަދި އެ މުއްދަތުގައި އެތައް ފިޔަވަޅެއް ފަހަތަށް އެޅިފައިވާ ކަމަށެވެ.
ރާއްޖެ ޑިމޮކްރަސީ އަށް ކުރި ދަތުރަކީ ގިނަ ބައެއްގެ ބައިވެރިވުން އޮތް ދިގު ދަތުރެއްކަން ފާހަގަކޮށް އެމްއާރްއެމް އިން ބުނީ އެއީ ރާއްޖެ ޒަމާނީ ފެންވަރަކަށް ބަދަލުކޮށް، ރައްޔިތުންނަށް ގިނަ ދާއިރާތަކުން މިނިވަންކަން ލިބިދިނުމަށް ކުރެވުނު މަސައްކަތެއް ކަމަށެވެ.
އެމްއާރުއެމްގެ ބަޔާނުގައި ރާއްޖޭގެ ޑިމޮކްރަސީގެ ދަތުރަށް އެންމެ ބޮޑު ބާރެއް ލިބުނީ މައުމޫންގެ ސަރުކާރުން ގާނޫނުއަސާސީ އަލުން އެކުލަވާލަން ނިންމައި، އިއުލާންކުރި އިސްލާހީ މަގުޗާޓްގެ ސަބަބުން ކަމަށް ވަނީ ބުނެފައެވެ. އަދި އެ މަސައްކަތުގެ ތެރެއިން ވެރިކަމުގެ ނިޒާމެއް ކަނޑައަޅައި، ތިން ބާރު ވަކިކޮށް، އާ ގާނޫނުއަސާސީ 2008 ގައި ތަސްދީގު ކުރެވުނުކަން ވެސް ފާހަގަކޮށްފައިވެއެވެ.
އެ ޕާޓީގެ ބަޔާނުގައި ބުނީ "ފެހި ގާނޫނުއަސާސީ އަށް 14 އަހަރު ފުރި، އެ ގާނޫނުއަސާސީގެ ދަށުން ރައީސް މައުމޫންގެ ސަރުކާރުން ދުނިޔެ ބަލައިގަންނަ ފަދަ ޑިމޮކްރަޓިކް އިންތިޚާބެއް ބޭއްވިތާ 14 އަހަރު ފުރެން ދާއިރު، މިއަދު ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާ އަކީ، ޑިމޮކްރަސީ ގެނައުމަށް އޭރުގެ ސަރުކާރުން ކުރު މުއްދަތެއްގެ ތެރޭގައި ކުރެއްވި ބުރަ މަސައްކަތާއި ތަފާތު ފިކުރުގެ އަހުލުވެރިންނަށް ދެއްވި އެއްބާރުލުމުގެ ނަތީޖާ، ކަންކަން އިސްލާހުކުރުމަށް މި ވޭތުވެދިޔަ 14 އަހަރު ވެރިކަން ކުރި ފަރާތްތަކަށް ނެރެވިފައި ނުވާކަމެވެ."
ބަޔާނުގައި އެމްއާރުއެމުން ވަނީ ރާއްޖޭގެ ސިޔާސީ ތާރީޚު އޮޅުވާނުލުމަށާއި، ފިތުނަ އުފެއްދުމާއި އަބުރު ކަތިލުން ފަދަ މުޖުތަމައުގައި ރުޅިވެރިކަން އުފެދޭ ފަދަ ކަންކަން ކޮށްގެން ސިޔާސީ ކުރިއެރުން ހޯދަން އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.