ރުއްގަސް ނަގާ ޤަވާއިދަށް ޚިޔާލު ހޯދުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން އިންތިޒާމުކޮށްގެން ޚާއްސަ ފޯރަމެއް ރޭ ސަލްޓަން ޕާކުގެ އެމްފިތިއޭޓަރ ގައި ބާއްވައިފިއެވެ. މި ފޯރަމަކީ ރުއްގަސް ކެނޑުމާ ބެހޭ ޤަވާއިދަށް އިސްލާހު ގެނައުމަށް ނިންމާފައިވާތީ، ޢާއްމުންގެ ޚިޔާލުތައް އަލަށް ހަދާ ޤަވާއިދުގައި ބޭނުންކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ފޯރަމެކެވެ. މި ފޯރަމުގައި ތަފާތު ބައިވެރިން ވަނީ އެ ބައިވެރިންގެ ޚިޔާލު ރުއްގަސް ނެގުމުގެ ޤަވާއިދަށް ދީފައެވެ.
މި ފޯރަމުގައި މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަނާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް ގެ އިތުރުން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ފޯރަމާއި ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ވިދާޅުވީ ރޭގަ އެކަށީގެންވާ ވަރަށް ރުއްގަސް ނެގުމާމެދު ކަންބޮޑުވާ ޢާއްމު ރައްޔިތުންގެ ޚިޔާލު ލިބުނުކަމަށާއި މި ފޯރަމަށް ވަޑައިގެން އެ ބޭފުޅުންގެ ޚިޔާލު ފާޅުކުރެއްވީތީ އުފާ ކުރައްވާކަމަށެވެ. ޒާހިރު އިތުރަށް ވިދާޅުވީ ފޯރަމް ފެށުމުގެ ކުރިންނާއި ފަހުންވެސް ފޯރަމުގެ ބައިވެރިންނަށް އެންވަޔަރަންމަންޓް މިނިސްޓަރާއި ކަމާގުޅޭ އިސް ބޭފުޅުންނާއި ބައްދަލުކޮށް ބައިވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރަން ފުރުސަތު ލިބުނުކަމަށެވެ. "ރޭގެ ފޯރަމުގައި ބައިވެރިން ހުށަހެޅި ޚިޔާލުތަކަށް ރިއާޔަތްކޮށް އިންކޯޕަރޭޓް ކުރެވެން ހުރި ކަންތައްތައް އަލަށް ހަދާ ރުއްގަސް ނެގުމުގެ ޤަވާއިދުގައި ހިމަނައި ރަނގަޅު ފުރިހަމަ ޤަވާއިދެއް ނެރޭނެ" ޒާހިރު ވިދާޅުވިއެވެ.
މި ފޯރަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ވަނީ ރުއްގަސް ނެގުމުގެ ޤަވާއިދު ހަދަންޖެހުނު ސަބަބާއި ޤަވާއިދު ހެދިގެން އައި ގޮތް ފޯރަމުގެ ބައިވެރިންނާ ހިއްސާކޮށްފައެވެ. މީގެ އިތުރުން، ރޭގެ ފޯރަމުގައި މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަހުމަދު އަންވަރު ވަނީ ރުއްގަސް ނެގުމުގެ ޤަވާއިދުގެ ކުރު ތައާރަފެއް ބައިވެރިންނަށް ދެއްވާފައެވެ.
ޚަބަރު: މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް