
ގޯދިއްޔާ ފުޓުސަލް ކަޕުގެ އެންމެފަހު ދެ އަހަރުގެ ޗެމްޕިއަން އެފްސީ ބޭރުމަތި ރޭ ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހުމެޗުން ވެސް މޮޅުވެ ފެންވަރު ދައްކާލައިފިއެވެ. މަރަދޫ ވެންބޮޅޮ ސްޓޭޑިއަމުގައި ރޭ އެޓީމް އެފްސީ ސްޕްރިންޓާ ބައްދަލުކުރި މެޗުން މޮޅުވެފައިވަނީ 3 ލަނޑު 1 ލަނޑުންނެވެ.
މި މޮޅާއެކު އެޓީމުވަނީ މިބުރުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓާއެކު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ރޭގެ މެޗުގައި އެޓީމުގެ ލަނޑުތައް ޖަހައިފައިވަނީ އިބްރާހީމް ސިނާހު އާއި، ޢަލީ ހާފިޒު އާއި، އިބްރާހީމް މުބީން އަޙުމަދު ރަޝީދެވެ. އެފްސީ ސްޕްރިންޓުގެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީ ސުން ކަނޑުވައިލަދިނީ އަޙުމަދު ޙުސައިނެވެ.
ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޔުނައިޓެޑް ފްރެންޑްސްއާއި ވެންބޮޅޮ ޔުނައިޓެޑެވެ. މިމެޗު ފަސްލަނޑު ދެ ލަނޑުން ކާމިޔާބުކުރީ ވެންބޮޅޮ ޔުނައިޓެވެ. އެޓީމަކީ މިމުބާރާތުގައި އަލަށް ވާދަކުރި ޓީމެކެވެ. މިނަތީޖާއާއެކު އެ ދެޓީމުވެސް ވަނީ މުބާރާތުން ކަޓައިފައެވެ.