
މިއަހަރު މާރިޗުމަހުގެ 12 ވަނަ ދުވަހު ތ. ތިމަރަފުށީގައި ހިނގި އެކްސިޑެންޓުގައި ޒަޚަމްވި އެއަތޮޅު ވަންދޫ ޒުލޭޚާ ޢަބްދުލް ޣަނީ ރޭ ނިޔާވެއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އޭނާ ނިޔާވެފައިވަނީ އެކްސިޑެންޓަށްފަހު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ސްރީލަންކާއަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ނިޔާއިރުވެސް އޮތީ ކޯމާއެއްގައެވެ. އޭނާ ނިޔާވެފައިވަނީ ރޭ ދަންވަރު 1:20 އެހައިކަންހާއިރު ކަމަށް ޢާއިލާއަ ޙަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
އެކްސިޑެންޓުގައި ލިބުނު އަނިޔާއިން ސަލާމަތްވޭތޯ ޑޮކްޓަރުން ވަނީ އޭނާގެ ސިކުނޑީގެ ތިން އޮޕަރޭޝަނެއް ވެސް ކޮށްފައެވެ. މިއެކްސިޑެންޓު ހިނގީ މާލެއިން ތިމަރަފުށްޓަށް އައި އޭނާގެ ދަރިއަކު ބަލައި ތިމަރަފުށީ އެއާޕޯޓަށް ދިޔަ މަގުމަތީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ވެހިކަލެއް އޭނާގެ ގައިޖެހިގެންނެވެ. އެކްސިޑެންޓުގައި އޭނާގެ ބޮލަށް އަނިޔާވިއެވެ. އަދި މޭކަށިގަނޑުގެ ކަށިތަކެއްގެ އިތުރަށް ތިން ދަތްވެސް ބިންދައިގެން ދިޔައެވެ.
މި އެކްސިޑެންޓުގެ ތަޙުޤީޤު ނިންމެވުމަށްފަހު ފުލުހުންވަނީ ތ. އަތޮޅުގައި ހުންނަ ޕީޖީ އޮފީހާ ޙަވާލުކޮށްފައެވެ. ދަޢުވާ ކުރުމުގެ މަރުޙަލާ މިހާރު ކުރިއަށްދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުންވަނީ އެކްސިޑެންޓުގައި ވޭން ދުއްވަން އިންމީހާގެ ލައިސަންސް 2 އަހަރަށް ހިފަހައްޓައިފައެވެ.