ދުނިޔޭގައި އިންހާ ދުވަހަކު އިންނާނީ އުފަލުން

ދެހާސް ބާރަވަނަ އަހަރު ސިޔާސީ މައިދާނަށް ތަޢާރާފްވެ ވަޑައިގެންނެވި އާމިނަތު ނާދިރާގެ ބަސް ވަރަށް ތަފާތެވެ. އޭނާގެ ޒާތީ ކަންބޮޑުވުންތައް ވަރަށްމަދެވެ. ދިރިއުޅުން ހަމަޖެހެއެވެ. އޭނާ ވިދާޅުވީ ދުނިޔޭގައި އިންނެވިހާ ދުވަހަކު އިންނަވާނީ އުފަލުން ކަމަށެވެ.

އޭނާއަކީ އެމްއާރުއެމްގެ އިސް ބޭފުޅެކެވެ. ސިޔާސީ ދާއިރާއަށް ނުކުމެ ވަޑައިގެންނެވުމަށްފަހު ލައްކަކަންކަމެއް ފެނިވަޑައިގެންނެވިއެވެ. މީހުން އުޅެމުންދާ ދަތިޙާލު ވަރަށް ގާތުން ފެނިވަޑައިގެންނެވިއެވެ. އެތައްރަށަކަށް ވަޑައިގެން އެތައް ބަޔަކާ ބައްދަލުވެ ވާހަކަތައް ބަދަލު ކުރެވިފައިވެއެވެ.

މީހުންނަށް ދިމާވާ މައްސަލަތަކަށް ޙައްލު ޙޯއްދަވައި ދެއްވޭނީ ރައްޔިތުންގެ މަޖިލީހުން ކަމަށް އޭނާ ދެކެވަޑައިގެންނަވައެވެ. އެ މައްސަލަތައް މަޖީހުން ބައްލަވައި ޙައްލުކޮށް ދެއްވުމަކީ އޭނާގެ ވަރަށްބޮޑު އެދިވަޑައިގަތުމެވެ. މިއީ ނާދިރާގެ ރަސްމީ ޙައިޔަތުން ވަރަށްބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އޭނާއަކީ އަބަދުވެސް ޙައްގުތަކަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. ސްކޫލް ނިންމެވުމަށްފަހު އެންމެ ފުރަތަމަ ވަޒީފާއަކަށް ވަޑައިގެންނެވިއެވެ. އެއާމޯލްޑިވްސްގެ ކެބިން ކުރޫއަކަށެވެ. އެދުވަސްވަރު ވެސް އޭނާވާނީ ޙައްޤު ބަސް ވިދާޚުވެފައެވެ. ނާތީޖާއަކަށްވީ އޭނާ މަސައްކަތް ކުރެއްވި ޑީޕާޓްމަންޓުން އެހެންތަނަކަށް ދެފަހަރެއްގެ މަތީން ބަދަލު ކުރެއްވުމެވެ. އޭނާގެ ވާހަކައަކީ މިއެވެ. އެމީހަކަށް ފެންނަ އެއްޗެއް ހާމަކޮށްގެން އެމީހަކަށް އެއްވެސް ވަރެއްގެ އަދަބެއް ދެވިގެންނުވާނެއެވެ.

ސިޔާސީ ޕޯޑިއަމްތަކުގައި ނާދިރާ ކިތަންމެ ސީރިއަސްކޮށް ފެނުނަސް އޭނާގެ ރައްޓެހީން ބުނާގޮތުގައި އެއީ ވަރަށް ހިތްހެޔޮ ވަރަށް ސަމާސާ ކުރައްވާ ރަނގަޅު ރަޙުމަތްތެރިއެއް ކަމަށެވެ. ނާދިރާ ވެސް އެކަމާ ދެކޮޅެއް ނުހައްދަވައެވެ. "އަޅުގަނޑުގެ ރައްޓެހިން ބުނާނެ އަޅުގަނޑު ހުރިއްޔާ ތިމަންނަމެން ތިބޭނީ ސަލާމަތްވެފައޭ،" އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުގެ ރައްޓެހިން އަޅުގަނޑާ މެދު ދޭކެނީ ވަރަށް ގާތްކޮށް. ހައެއްކަ އަހަރުކޮށްފައި ނުވަތަ ދިހައަހަރު ކޮށްފައި ފެނުނަސް ރައްޓެއްސަކު ނުބުނާނެ އަޅުގަނޑަކީ ދުރުމީހެކޭ. ނުފެނި ދުވަސްވެދާނެ. އެކަމަކު ދިމާވެއްޖެއްޔާ އެމީހަކު އަޅުގަނޑަށްވާނީ ހަމައެމީހަކަށް. އެގާތްކަން އޮންނާނެ،" ނާދިރާ ވިދާޅުވިއެވެ.

މިއީ ރޯދަމަހުގެ ތިންވަނަ ދުވަހެވެ. ރޯދައަށް ޢާއްމުކޮށް ކައްކާ އެއްޗެއްސާ ބެހޭ ގޮތުން ސުވާލު ކުރުމުން ނާދިރާ ދެއްވީ އާދައިގެ ޖަވާބެއް ނޫނެވެ. ސަމާސާ ކުރައްވަމުން ވިދާޅުވީ ކައްކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. މިއީ އަޖައިބެއް ނޫންހެއްޔެވެ؟  އެކަމަކު އެއީ ހަމަ ޙަގީގަތެއް ބާއްވައެވެ. އޭނާ ޤަބޫލު ކުރައްވާ ގޮތުގައި އަންހެނަކަށް ވީތީ ކައްކަން އެނގޭކަށް ނުޖެހެއެވެ. ޚާއްސަކޮށް މީރުކޮށް ކައްކައްކަން އެނގެން ނުޖެހެއެވެ. އެހެންވީމާ ނާދީރާ އެވިދާޅުވީ މީރުކޮށް ކައްކަން އެނގިވަޑައި ނުގަންނަވާ ވާހަކަ ކަމަށް ވެދާނެއެވެ.

ނާދިރާ އެންމެ ތުއްޕުޅުއިރުން ފެށިގެން ހުރިހާކަމެއް ކޮށްދެއްވީ މަންމައެވެ. ސްކޫލް ދައުރުގައި ޔުނީފޯމް އިސްތިރި ކުރެއްވުން ފިޔަވައެވެ. ކެއްކުމާއި ގޭތެރޭގައި ކަންކަމުގައި ނާދިރާ ނޫޅުއްވައެވެ.

ނާދިރާގެ ދިރިއުޅުއްވުމުގައި އޭނާގެ އުންމީދުތައް ވަރަށްގިނައެވެ. އެންމެބޮޑު އުންމީދަކީ އޭނާގެ ތިން ބޭފުޅުންނެވެ. ދެ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅަކު ތިއްބެވި އިރު ތިން ބޭފުޅުންނާމެދު ވެސް ކުރައްވާ އުންމީދު ވަރަށް ފޮންޏެއެވެ. ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރެއްވުމަށް ކުރެވެންއޮތްހާ މަސައްކަތް އޭނާ ކުރައްވައެވެ. މުސްތަގުބަލުގައި ވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އޭނާގެ މިހާރުގެ މަސައްކަތަކީ ސިޔާސީ މަސައްކަތެކެވެ. ސިޔާސީ ހުރިހާ ދިމާއަކުން އަންހެނުންނަށް ގޮންޖެހުންތައް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮންޖެހުންތަކާ ކުރިމަތި ލެއްވުމުގެ ހިތްވަރާއި ޢަޒުމާއި ކެރުންތެރިކަން ނާދިރާ އެގެންދަވަނީ ދައްކަވަމުންނެވެ. ހުރިހާ ދިމާއަކުންނެވެ. ސިޔާސީ ޕޯޑިއަމެއްގައި ކޮންމެ ވާހަކައެއް ދެއްކެވިޔަސް އެއްވެސް ބޭފުޅަކާމެދު ޒާތީ ކަމެއް އޭނާ ނުގެންގުޅުއްވައެވެ.

އުންމީދު ކުރަނީ ނާދިރާއަކީ ކާމިޔާބު ލީޑަރަކަށް ވުމެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.