މިނިސްޓަރު ކަމަށްވުރެ ބޮޑަށް އިސްކަން ދެއްވީ ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ވަންނަވަން ކަމަށް މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ މެމްބަރު އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މިނިސްޓަރަކަށް ވެވަޑައިގެންނެވުމުގެ ފުރުސަތު ލިބިވަޑައިގެންނެވުމުން އެ ފުރުސަތު ދޫކޮށްލެއްވީ މަޖިލީސް ތެރެއިން ރައްޔިތުންނަށް ޚިދުމަތް ކޮށް ދެއްވަން ކަމަށެވެ.
އެނިޔަތުގައި އޭނާ ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައީސް މައުމޫނުގެ ތާއީދާއެކު ގަލޮޅު ދެކުނު ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވައިފައެވެ. އެހެންނަމަވެސް މިފަހަރު ކާމިޔާބުވާ ގޮތެއް ނުވިއެވެ. "އެއީ ރައްޔިތުންގެ ނިންމުން. ރައްޔިތުން ބޭނުންވި ކެންޑިޑޭޓު އެވަނީ އެ ގޮނޑީއަށް އިންތިޚާބު ކުރައްވާފައި. އެކަމަށް އިހުތިރާމް ކުރަންޖެހޭނެ. އެއީ ޑިމޮކްރަސީއަކީ،" އޭނާ ވިދާޅުވިއެވެ.
ނާދީރާ އަދިވެސް ހުންނެވީ ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވުމަށް ތައްޔާރަކަށެވެ. ރައްޔިތުންގެ މަޖިލީސްތެރެއިން ނޫނަސް ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވަން އޭނާ އަދިވެސް ތައްޔާރު ކަމަށް ވިދާޅުވިއެވެ.
ނާދިރާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ އެންމެ ބޮޑަށް ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ލިބިގެންދާނެ އެންމެ ރަނގަޅު ޕުލެޓުފޯމް ކަމަށެވެ. އެހެންނަމަވެސް އަދިވެސް ނިކަމެތީންގެ ކަންކަމުގައި އެތަނުގައި ވަކާލާތު ކުރެވޭ މިންވަރު ވަރަށް މަދުކަމަށް އޭނާ ވިދާޅުވިއެވެ. "މިސާލަކަށް ކުދިންގެ ޚަރަދުބަރަދު ނުލިބުމާއި ގެވެށި އަނިޔާފަދަ މައްސަލަތަކަކީ އަޅުގަނޑުގެ ހިތާ ވަރަށް ކައިރި މައްސަލަތައް. މި ކަންކަމަށް ރަނގަޅު ޙައްލެއް މިހާތަނަށް ވެސް ލިބިފައިނުވާ ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ. ރައީސް މައުމޫންގެ ވެރިކަމުގައި ދަރިންނަށް ޚަރަދު ނުދޭ ބަފައިންގެ މުސާރައިން އެ ފައިސާ ކަނޑާފައި ޖަމާކޮށްދެއްވާފައި އެބަހުރި. މިހާރަކު ނެތް އެކަހަލަ ކަމެއްވެސް،" ނާދިރާ ވިދާޅުވިއެވެ.
ނާދިޔާ ވިދާޅުވީ ސަރުކާރުން ކަންކަން ރަނގަޅަށް ގެންގޮސްފި ކަމަށްވާނަމަ ހުރިހާކަމެއްވެސް ދާނީ ރަނގަޅަށް ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެނޫން ގޮތަކަށް ކަންކަންދާ ކަމަށްވާނަމަ އިސްލާޙަށް ގޮވައިލައްވައި ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.