
ބިދޭސީއެއްގެ އަތުން ފޭރެން އުޅުނު ދިވެހި ފިރިހެނަކަށް ލިބުނު އަނިޔާތަކުގެ ސަބަބުން އެމީހާއަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ މިރޭ 7:00 ގައެވެ. މިކަން ހިނގާފައިވަނީ ޝަހީދުއަލީ ހިނގުމާއި ފުލޫނިޔާ މަގާ ގުޅޭ ކަންމަތީގައެވެ. ބިދޭސީ މީހާއަތުން ފޭރެން މަސައްކަތްކޮށްފައިވަނީ، ބައިސްކަލެއްގައި އައި ދިވި ފިރިހެނެކެވެ. އޭނާގެ ޢުމުރަކީ 27 އަހަރު ކަމަށް ފުލުހުން ވިދާޅުވިއެވެ. އޭނާ ބިދޭސީ މީހާއަތުން ފޭރެން އުޅުމުން އެތާތިބި ބަޔަކުވަނީ ދިވެހިމީހާއަށް ޙަމަލާދީ މާރާމާރި ހިންގަފައިއެވެ. އޭނާއަށް ހަމަލާދީފައިވަނީ ދިވެހިންކަމެއް ނުވަތަ ބިދޭސީ ބައެއް ކަމެއް ކަށަވަރުވެފައެއް ނުވެއެވެ.
މި މާރާމާރީއަށްފަހު އެމީހާ ހޮސްޕިޓަލަށް ގެންދިޔަސް އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި ބިދޭސީ މީހާއަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މި ކަމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެއްވެސް މީހަކު ގެނެސްފައިވާ ކަމަށް ފުލުހުން ވިދާޅެއް ނުވެއެވެ.