
މާލޭގައި މާރާމާރީ ހިންގުމަށްފަހު ފިލައިގެންގޮސް އަތޮޅުތެރޭގައި ތިއްބައި 2 މީހުން ހޯދައި ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ޢުމުރުން 20 އަހަރުގެ، ދިވެހި 2 ފިރިހެނުންނެވެ.
ފުލުހުންގެ އިންޓެލިޖެންސާއި، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ޙިއްސާކުރި މަޢުލޫމާތާއެކު އެ 2 މީހުން ހައްޔަރުކޮށްފައިވަނީ ތ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ތ. ގުރައިދޫ ގެއެއްގެ ތެރޭގައި ތިއްބައި ކޯޓު އަމުރެއްގެ ދަށުންނެވެ.
ތ. ގުރައިދޫގައި މަސައްކަތްކުރާ ފުލުހުންނާއި ވޭމަޑޫގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން ތ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮަޕަރޭޝަނެއްގައި 2 މީހުން ހައްޔަރުކޮށްފައިވަނީ 2016 ޖޫން 21 ވަނަ ދުވަހުގެރޭގެ ދަންވަރުގެ ވަގުތެއްގައެވެ.
އެ 2 މީހުން ހައްޔަރު ކުރުމަށްފަހު އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަޙްޤީޤު ކުރިޔަށް ގެންދަން ކޮންމެ މީހަކަށް 15 ދުވަހުގެ ބަންދުގެ މުއްދަތު ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ދެއްވާފައެވެ.
މި 2 މީހުންނަކީ 2016 ޖޫން 14 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި ޖަނަވަރީމަގު ސޮނީ ސްޕޯޓްސް ކައިރީގައި މާރާމާރީ ހިންގައި މީހަކަށް ތޫނު އެއްޗަކުން ޙަމަލާދީ ޒަޚަމް ކޮށްލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން ހޯދަމުންދިޔަ 2 މީހުންނެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.