
ގދ. ތިނަދޫގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާވެގެން ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ސައިކަލް ދުއްވަން އިން 20 އަހަރުގެ ޒުވާނަކަށާއި 22 އަހަރުގެ ޒުވާނަކަށެވެ. އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. އަދި ކާނާތު ފައިގެ ފަލަމަސްގަނޑާ ދިމާއިން ބިންދައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވާފައިވެއެވެ. ފަހަތުގައި އިން މީހާގެ މޫނުމަތި ވަނީ މަށައިގެން ގޮސްފައެވެ.
މި އެކްސިޑެންޓު ހިނގީ ޕާކުކޮށްފައި އޮތް ޕިކަޕެއް ދުއްވާލި ވަގުތު އެރަށު ޗާންދަނީ މަގުގެ އުތުރުން ދެކުށް ދުއްވާފައި ދިޔަ ސައިކަލެއް ޕިކަޕްގެ ފުރޮޅުގައި ޖެހި ކޮންޓްރޯލް ނުވެގޮސް ފާރެއްގައި ޖެހިންގެނެވެ. ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ބަލަމުންނެވެ.