ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އުމަރު ޖޭޕީން ވަކިވެވަޑައިގެންފި

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވުމަށް އުމަރު ނަސީރު ޖުމްހޫރީޕާޓީ (ޖޭޕީ) އިން މިއަދު ވަކިވެ ވަޑައިގެންފިއެވެ.

އޭނާ ވިދާޅުވެފައިވަނީ "މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށްޓަކައި ޖުމްހޫރީޕާޓީގެ މެންބަރު ކަމުން މިއަދު އަޅުގަނޑު ވަކިވެއްޖެ ކަމުގައި ދެންނެވީމެވެ."

އުމަރު ނަސީރަކީ ރައީސް ޔާމީން ފިޔަވައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ރަސްމީކޮށް އިއުލާން ކުރެއްވި ފުރަތަމަ ކެންޑިޑޭޓެވެ. އިދިކޮޅު މައި ޕާޓީ އެމްޑީޕީން ގެންދަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ހޮވުމަށް ބާއްވާ ރިޔާސީ ޕްރައިމަރީއަށް ތައްޔާރުވަމުންނެވެ.

އުމަރު ނަސީރު މިހާރު ގެންދަވަނީ ރިޔާސީ މެނިފެސްޓޯ ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތާއި ރައްޔިތުންގެ ޚިޔާލު ހޯއްދަވަމުންނެވެ. އޭނާ ވިދާޅުވެފައިވަނީ އޭނާގެ ވެރިކަމެއްގައި މަތީ ތައުލީމް ހިލޭ ފޯރުކޮށް ދެއްވާނެ ކަމަށެވެ. އެ މީހެއްގެ މުސާރައާ އެކަށީގެންވާ ކުއްޔަކަށް ފުލެޓް ވެސް ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފުލެޓުގެ ކުއްޔަށް ހޭދަކުރަންޖެހެނީ އެމީހެއްގެ މުސާރައިގެ ފަންސަވީސް ޕަސެންޓް. އޭރުން މަދުން ލިބޭ މީހުން ދައްކާނީ މަދުން، ގިނައިން ލިބޭމީހުން ދައްކާނީ ގިނައިން،" އުމަރު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.