
ރައްޔިތުންނަށް ބޭނުންވާ ފިޔާ، ބިސް، އަލުވި މިރޯދަމަހު އެއްވެސް ތާށިކަމެއްނެތި ލިބޭނެ ކަމަށް އެސްޓީއޯ އިން ވިދާޅުވެއްޖެއެވެ.
އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ޢަމްރު އާފަތިހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއަދުން ފެށިގެން އެކުންފުނިންވަނީ އެ ބާވަތްތައް ވިއްކަން ފަށައިފައި ކަމަށެވެ. "އަޅުގަނޑުމެން ރޯދައަށް ޚާއްސަކޮށްގެން މިގެނައީ ބިހާއި، އަލުއްވާއި ފިޔައި. ބާޒާރުގައި މިހާރު ހުރިއަގުތަކަށްވުރެ އަގުހެޔޮކޮށް އެސްޓީއޯއިން ވިއްކާނީ،" ޢަމްރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކުންފުނިން ޕްލޭންކޮށްފައިވަނީ ރޯދަމަހު އެއްވެސް ދަތިކަމެއްނެތި އެބާވަތްތައް ޢާއްމުންނަށް ލިބޭނެ ގޮތަށް ކަމަށް ވެސް ވިދާޅުވިއެވެ.
އެބާވަތްތައް ގެނެސް މިއަދުން ފެށިގެން ގެންދަނީ ހޯލްސޭލްކޮށްނާއި ރީޓޭލްކޮށް ވިއްކަމުންނެވެ. އެސްޓީއޯއިން ފިޔާ ކިލޯއެއް ވިއްކަނީ 7 ރުފިޔާއަށެވެ. އަލުވި ކިލޯއެއް 8.50 ރުފިޔާއަށެވެ. ބިހެއް ވިއްކާނީ 1.50 ރުފިޔާއަށެވެ. ފިޔާ ބަސްތާއެއް ވިއްކަނީ 140 ރުފިޔާއަށެވެ. އަލުވި ބަސްތާއެއް 180 ރުފިޔާއެވެ. ބިސްކޭހެއް ވިއްކަނީ 270 ރުފިޔާއަށެވެ.