
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުން މާދަމާ ހެނދުނަށް އިލެކްޝަނުން ފަސް ކުރައްވައިފިއެވެ.
ކުރިން ހަމަޖެހިފައިވާ އޮތީ މިރޭ 9:30 ގައި ރަސްމީ ނަތީޖާ އިޢުލާން ކުރައްވާ ގޮތަށެވެ. މިހާރު ހަމަޖެހިފައިވަނީ މާދަން ހެނދުނު 10:00 ގައި ރަސްމީ ނަތީޖާ އިޢުލާން ކުރައްވާ ގޮތަކަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރަސްމީ ނަތީޖާ އިޢުލާން ކުރުން ލަސްކުރެއްވީ ބައެއް ޝަކުވާތައް ހުށަހަޅަމުންދާތީއެވެ. އެގޮތުން ބައެއް ދާއިރާތަކުގެ ފޮށިތައް އަލުން ގުނައިދިނުމަށް ބައެއް ކެންޑިޑޭޓުން ދަނީ އެދެމުންނެވެ.
އެގޮތުން ޕީޕީއެމް އަދި ޕީއެންސީ އިން ފޮނަދޫ ދާއިރާ އިނގުރައިދޫ ދާއިރާ އަދި ބާރަށު ދާއިރާގެ ފޮށި ގުނުމަށް ވެސް ވަނީ ޝަކުވާ ހުށަހަޅައިފައެވެ. އެ ޝަކުވާއާ ގުޅިގެން އިސީން ވަނީ ބާރަށު ދާއިރާއި ފޮނަދޫ ދާއިރާގެ ބާތިލް ވޯޓުހުރި ހުރިހާ ފޮއްޓެއް އަލުން ގުނަން ނިންމައިފައެވެ. މިހާރު ވެސް އެ ގުނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މަޖިލީސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީއަށް ވަނީ 65 ގޮނޑި ލިބިފައެވެ. މި އިންތިޚާބުގައި 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.