ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން 3 ދުވަހަށް ވީއެވެ. ކެމްޕޭން ފޯރީ ހައްތާ ވެސް ދަނީ ގަދަވަމުންނެވެ. ކެންޑިޑޭޓުންގެ ވަޢުދުތައް ދަނީ ފުލުފުލުގައި ކުރަމުންނެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފަރެސްމާތޮޑާ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީގެ ޓިކެޓުގައި އެދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު ނަމްބަރު އެކެއް ޢަލީ ނަޖީބު ވިދާޅުވަނީ އޭނާ މަޖިލީހަށް ހޮވައިދެއްވައިފި ނަމަ ދާއިރާގެ ރައްޔިތުންނަށް ފަހި ވެގެންދާނެ އެތައް ކަމެއް ކޮށްދެއްވާނެ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ފަރެސްމާތޮޑާ ދާއިރާއަށް ކުރިމަތިލާން ނިންމީ ފަރެސްމާތޮޑާއަށް އުފަން ފަރެސްމާތޮޑާގައި އާއިލާއޮތް މީހަކަށް ވެފައި އެދާއިރާގެ ރަށްރަށުގެ ރައްޔިތުންނަށް އިޚުލާސްތެރި ޚިދުމަތެއް ކޮށްދޭން ބޭނުންވާތީ. އިރާދަ ކުރެއްވިއްޔާ އަޅުގަނޑު މެމްބަރަކަށް އިންތިޚާބު ކޮށްދެއްވައިފިނަމަ ރައްޔިތުންގެ އުންމީދުތަކަށް ނިމުން ގެނެސްދީ ބޭނުންވާ ކަންކަން ކޮށްދޭނަން،" ނަޖީބު ވިދާޅުވިއެވެ.
ނަޖީބު ވިދާޅުވީ އޭނާގެ ހުރިހާ ވިސްނުމެއްހުރީ ދާއިރާގެ ތަރައްޤީއަށް ކަމަށެވެ. ދާއިރާގެ ތަރައްޤީއަށް މިހާރު ބޭނުންވެފައިވާ ހުރިހާކަމެއް ސަރުކާރާ ގުޅިގެން ކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް އެނާ ވިދާޅުވިއެވެ. އެގޮތުން ފަރެސްމާތޮޑާގައި ތަރައްޤީ ކުރަމުންދާ އެއާޕޯޓުގެ މަސައްކަތް ހުއްޓުނަ ނުދީ އެމަސައްކަތް އަވަސް ކުރުމަކީ އެންމެ އިސް އެއްކަންތަކެވެ.
ދާއިރާއަށް ބޭނުންވެފައިވާ ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކޮށް ދެއްވިމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެއެވެ. "އަޅުގަނޑަށް މަޖިލީހުން ފުރުސަތު ދެއްވައިފިނަމަ ދާއިރާގެ ތަރައްޤީއަށް ކޮށްދޭންޖެހޭ ހުރިހާ މަސައްކަތެއް ކޮށްދޭނަން. އެގޮތުން އެއާޕޯޓާއި ނަރުދަމާއި ފެނުގެ ޚިދުމަތްތައް ދާއިރާގެ ރަށްރަށަށް ސަރުކާރު ތެރެއިން މަސައްކަތްކޮށްގެން ދެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް. އެކަންތައް ކުރެވޭނެ. އޭގެ އިތުރަށް ދާއިރާއަށް އިންވެސްޓަރުން ހޯދައިގެން ޓޫރިޒަމް ތަރައްގީކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް. އެކަންތައް ކޮށްދިނުމަށްޓަށްޓަކައި އަޅުގަނޑު މިހުރީ ރައްޔިތުން ގާތަށް އައިސް،" އޭނާ ވިދާޅުވިއެވެ.
މަސްތުވާތަކެތީގެ ވަބާއިން ދާއިރާއާއި މުޅި ރާއްޖެ ސަލާމަތްކުރުމަށް ވަރުގަދަ މަސައްކަތްތަކެއް މަޖިލީސް ތެރެއިން ކުރުމަކީ އޭނާގެ ވަރަށް ވަރުގަދަ ޢަޒުމެކެވެ. ރާއްޖެއަށް ބަޑި ބޭސް އެތެރެ ނުކުރެވޭ ފަދައިން މަސްތުވާތަކެތި އެތެރެ ނުކުރެވޭނެ ފަދަ ޤާނޫނެއް ހެދުމަކީ އޭނާ މަޖިލީހަށް ވަޑައިގަންނަވާ މައިގަނޑު އެއް ބޭނުމެވެ.
"ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ނުކުރެވޭނެ ވަރުގެ ޤާނޫނެއް ހެދުމަށް އިރާދަ ކުރެއްވިއްޔާ މަޖިލީހަށް ބިލެއް ހުށަހަޅާނަން. އޭގެ ތެރެއިން ރާއްޖެއަށް ބަޑިބޭސް އެތެރެ ނުކުރެވޭ ފަދައިން މަތުވާތަކެތި ވެސް އެތެރެވިޔަ ނުދިނުމަށް ވަރުގަދައަށް މަސައްކަތް ކުރެވޭނެ. ސަރުކާރު ތެރެއިންނާއި އަމިއްލަގޮތުންނާއި ޤާނޫނީ ގޮތުން ވެސް އެކަމަށް މަސައްކަތްކުރާނަން،" އޭނާ ވިދާޅުވިއެވެ.
ނަޖީބު ވިދާޅުވީ ޑްރަގަކީ ރާއްޖެއަށް އެތެރެކުރުން މަނާއެއްޗަކަށް ވިޔަސް އެކަމަށް ހުއްޓުމެއް ނާންނަ ކަމަށެވެ. ހުއްޓުމެއް ނާންނަ ކަމަށްވާނަމަ އެކަން އެހެންވާ ސަބަބު ހޯދައިގެން އެކަމަށް މަސައްކަތް ކުރައްވާނެ އެވެ. "ޑްރަގު ގެންގުޅޭ މީހާ ވަކި ޢަދަދަކަށް ގެންގުޅުނީމާ ކުށްވެރިއެއް ނުވޭ. ރިހިބިލިޓޭޝަން ސެންޓަރަކަށް ގެންގޮސް ފަރުވާދީގެން އަލުން މުޖުތަމަޢަށް ނެރޭއިރަށް އަނެއްކާވެސް އޭނާ އެކަމުގެ ތެރޭގައި އުޅެމުންދާތަން އެބަފެނޭ. އެހެންވީމާ އެއީ އެކަން ހުއްޓުވެނީއެއްނޫން،" އޭނާ ވިދާޅުވިއެވެ.
ނަޖީބު ޤަބޫލުކުރައްވާ ގޮތުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަ ކުރުމަށް ބޭނުންވާ މާގިނަ ޤާނޫނު ތަކެއް ހެދިފައެއް ނެތެވެ. މިހާތަނަށް ހެދިފައިވަނީ އެފަދަ ތިން ޤާނޫނެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ޕެންޝަން ފަންޑުން ޙައްޖަށް ދެވޭނެގޮތް ހެދުމާއި، އެކަނިވެރި މައިންނަށް ފައިސާ ދިނުމާއި ޢުމުރުން 65 އަހަރުން މަތީގެ މީހުންނަށް ފައިސާ ލިބޭނެ ގޮތަށް ފަސްކުރުމެވެ. މިފަދަ އެތައް ކަމެއް އަދި ވެސް ރައްޔިތުންނަށްޓަކައި ކޮށްދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަންކުރެވޭނީ އެކަންކަމަށް ބޭނުންވާ ޤާނޫނުތައް ހެދިގެންނެވެ. "ބައިވަރު ބިލުތައް އެބަހުރި މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަންޖެހޭ. މެމްބަރަކު ވެސް އަދި ޕާޓީއަކުން ވެސް ނެތް އެފަދަ ބިލެއް ވައްދާފައި އެކަމަކު އަޅުގަނޑު ވައްދާނަން،" އޭނާ ވިދާޅުވިއެވެ.
ރައްޔިތުންނަށް ފަސޭހައިން ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް ގާއިމް ކުރެއްވުމަކީ އޭނާ ބޭނުންވާ ކަމެކެވެ. އެކަން ކުރުމަށް މިހާރަށްވުރެ ބޮޑަށް އާސަންދައިގެ ޚިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށް މަޖީސް ތެރެއިން މަސައްކަތް އޭނާ ކުރައްވާނެއެވެ.
"މަޖިލީހަށް ހޮވިއްޖެނަމަ ހިލޭ ބޭސްފަރުވާ ޤާނޫނުގެ ތެރެއިން ކަށަވަރުވެގެންދާނީ އައިޑީކާޑު ނަމްބަރ ބުނުމުން ބަލިމީހާއަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބިދޭންޖެހޭ ފަރުވާ ލިބޭނެގޮތަށް. އެކަން އެގޮތަށް ހަމަޖެހި ހިތްހަމަޖެހުމާއެކީ ގެއަށް އައުމުގެ މަގު ފަހިކުރާނަން،" އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެމީހެއްގެ ދާއިރާއަށް ޒިންމާދާރު ކުރުވުމުގެ މަސައްކަތް ވެސް އޭނާ ކުރައްވާނެއެވެ. އެކަން ކުރުމަށްޓަކައި މަޖިލީހަށް ބިލެއް ހުށަހަޅައިގެން ދާއިރާގެ ރައްޔިތުން ބޭނުންވެއްޖެ ކަމަށްވާނަމަ އެ މެމްބަރެއްގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގޭގޮތް ހެދިގެންދާނެއެވެ. "ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެމީހެއްގެ ދާއިރާއަށް ޒިންމާ ދާރުކުރުވުމުގެ ބިލެއް ހުށަހަޅާނަން. އެ ޤާނޫނުގައި އެ މެމްބަރަކު އެދާއިރާގެ މެމްބަރުން ބޭނުންވެއްޖެ ޙާލަތެއްގައި ވަކި ވަރަކަށް މީހުން ސޮއިކޮށްފައި އިލެކްޝަނަށް ފޮނުވުމުން ނޯކޮންފިޑެންސް ވޯޓެއް ނޭގެ ގޮތަށް ހަމަޖެހޭނެ. މިކަންކަން ކޮށްދެވޭނެ ކަމުގެ ޔަޤީން ކަމާއެކު މަޖިލީހަށް ކުރިމަތިލީ،" އޭނާ ވިދާޅުވިއެވެ.
ފަރެސްމާތޮޑާގެ ރައްޔިތުންނޭވެ. ކެންޑިޑޭޓު ނަމްބަރ އެކެއް ޢަލީ ނަޖީބު އެ އޮތީ އޭނާގެ ބަސް އިއްވައިފައެވެ. އެ ބަސްތަކުގެ މައްޗަށް ނުވަތަ އެވަޢުދުތަކުގެ މައްޗަށް ބިނާކޮށް ވޯޓު ދެއްވުމުގެ ހުރީހާ އިޚްތިޔާރެއް އޮތީ ދާއިރާގެ ރައްޔިތުންގެ އަތްމަތީއެވެ.