އެލިޔާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓްގެ ދީލަތި އެހީތެރިކަމާއެކު ދޫނިދޫގައި ޤާއިމްކުރި މެރިން އިންޖީން ސަރވިސް ސެންޓަރު މިއަދު ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.
މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވާހަކަފުޅު ދެއްކެވިއެވެ. އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި މެރިން ޕޮލިސްގެ ފްލީޓަކީ މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށެވެ. މެރިން ޕޮލިސްގެ އުޅަނދުތައް އަބަދުވެސް ބޭނުންކުރެވޭ ގޮތަށް އޮތުމަކީ މުހިންމުކަމެއްކަމަށް ވެސް ވިދާޅުވިއެވެ. އަދި ފުލުހުންނާއި ކޯޕަރޭޓިވް ދާއިރާއާ އޮންނަ ގުޅުމުގެ ތެރެއިން ފުލުހުންގެ މުއައްސަސާގެ މަޤުޞަދުތައް ހާސިލްކުރުމަށް އަމިއްލަ ފަރާތްތަކުން ވެދެއްވާ އެހީތެރިކަން އަބަދުވެސް ފުލުހުން ބަލައިގަންނަކަމަށް ވެސް ވިދަޅުވިއެވެ. މި ސެންޓަރު ޤާއިމްކުރުމަށް އެލިޔާގެ ފަރާތުންނާއި އެހެން ކުންފުނިތަކުން ވެދެއްވި އެހީތެރިކަމަށްޓަކައި ސީޕީ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
އެ ސެންޓަރުގެ ސަބަބުން ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ އޮޕަރޭޝަނަލް ރެޑިނަސްގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ކުރާ މަސައްކަތަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
މެރިން ޕޮލިސްއަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދެމުންދާ ފުލުހުންގެ ޚިދުމަތަކަށްވީތީ މިފަދަ ސެންޓަރެއް ޤާއިމްވެފައިހުރުމަކީ ފުލުހުންގެ މަޤުޞަދުތައް ހާސިލްކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ.
ދޫނިދޫގައި ޤާއިމްކުރި މެރިން އިންޖީން ސަރވިސް ސެންޓަރުން އިންޖީން އޯވަހޯލް ކުރުމުގެ އިތުރުން އިންޖީނުގެ ހުރިހާ މަރާމާތެއް ކުރެވޭނެއެވެ. އަދި ސެންޓަރުގައި ހަރަކާތްތެރިވަމުންދާނީ މެރިން ޕޮލިސްގެ މެރިން އިންޖިނިއަރިންގ ޔުނިޓްގައި މަސައްކަތްކުރާ ފުލުހުންނެވެ. އަދި މި ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަނީ ކަމާގުޅުންހުރި ދާއިރާތަކުން ތަމްރީނުތައް ދީފައެވެ.