ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް ފަރެސްމާތޮޑާ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލައްވައިފައިވާ އާޤިސާ މޫސާއަކީ ބުނަންބޭނުންވާ އެއްޗެއް ބުނަންޖެހޭ ޙާލަތްތަކުގައި ޖެހިލުމެއް ނެތި ބުނަމުން އަންނަ ކަނބަލެކެވެ. އަދި ވަކި މީހެއްގެ މަސްލަހަތަށްވުރެ ބޮޑަށް ޤައުމީ މަސްލަހަތު އަބަދުވެސް އިސްކުރައްވާ ބޭފުޅެއްކަން އަދާ ހަމައަށް ވަނީ ފާހަގަވެފައެވެ. އޭނާއަކީ ސަރުކާރާއި އަދި އަމިއްލަ ފަރާތްކަކުގައި 30 އަހަރަށްވުރެ ގިނަދުވަހު މަސައްކަތްކޮށްފައިވާ ޚިދުމަތްތެރިއެކެވެ.
މިހާރު އޭނާ އަންނަނޯ މަތީ ތައުލީމްދޭ މަރުކަޒު ތަކުގައި ކިޔަވައިދެއްވަމުންނެވެ. އާޤިސާއަކީ މިޒާޖްގެ ގޮތުން މީހުންނާ ގުޅޭ، ހިތް ތިރި، ހަރަކާތްތެރި ކަނބަލެކެވެ. އާޤިސާ މޫސާ ވިދާޅުވާގޮތުގައި މި އިންތިޚާބަށް ކުރިމަތިލެއްވީ ދާއިރާއަށް މުހިންމު ބޮޑެތި ބަދަލުތަކެއް ގެންނަން މަޖްބޫރުވެފައިވާ ކަމަށް ވިސްނިވަޑައިގެންނެވި ހިސާބުން ކަމަށެވެ.
ޢާޤިސާ މޫސާއަކީ ކާކު؟
ގދ. ފަރެސް މާތޮޑާ، ފަރެސް އަވަށަށް އުފަން ޢާޤިސާ މޫސާ އަކީ ފަރެސް ދޫރިޔާގެ އާމިނަތު ރަޝީދާ އަދި މާތޮޑާ އަވަށު އަބްލަޢީގެ މޫސާ މުޙައްމަދުގެ ދަރިއެކެވެ. ރަށު ސްކޫލް ގްރޭޑް 5 ނިންމުމަށްފަހު މާލޭގައި އީޕީ.އެސް.އެސްގައި ގެރޭޑް 7 ނިންމާ ޖޭ.ސީ.އީ އާ ހަމައަށް ތަޢުލީމް ޙާސިލްކުރެއްވިއެވެ. އަދި އެއަށް ފަހު ވަޒީފާ ހޯދުމަށްޓަކައި ތަޢުލީމީ ޙަޔާތް މެދުކަނޑާލިނަމަވެސް އޭގެ 10 އަހަރު ފަހުން މިހާރުގެ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގައި ފައުންޑޭޝަން ފޮރ މެނޭޖްމެންޓް އަދި އައިޓީ ޕްރޮގްރާމް ނިންމުމަށްފަހު، އެޑްވާންސްޑް ސަރޓްފިކެޓް އިން މެނޭޖެމެންޓް، ޑިޕްލޮމާ އިން މެނޭޖްމެންޓް ހެއްދެވުމަށްފަހު 2005 އިން 2008 އަށް ބެޗެލަރ އޮފް ބިޒްނަސް އަށް ކިޔަވާފައިވަނީވެސް އެމް.އެން.ޔޫ ބިޒްނަސް ސްކޫލްގައެވެ.
ޢާޤިސާ ޚާއްސަ ވެފައިވަނީ މެނޭޖްމެންޓް އަދި މާރކެޓިންގް ދާއިރާއިންނެވެ. އޭގެ ފަހުން 2011 އިން 2014 އަށް މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީގެ މާސްޓަރޒް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހެއްދެވިއެވެ. އެމް.ބީއޭ ގައި ޚާއްސަވެފައިވަނީ ފައިނޭންސް ދާއިރާއަށެވެ. އޭގެ ފަހުން 2016 އިން 2018 އަށް ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލެންޑްގެ މާސްޓަރސް އޮފް އާރޓްސް އެޑިއުކޭޝަން ހައްދަވާފައިވެއެވެ. މީގެ އިތުރުން ތަފާތު ދާއިރާތަކުން ތަމްރީނު ހޯއްދަވައިފައިވެއެވެ. ޢާޤިސާ މޫސާއަކީ، އިންސްޓިޓިއުޓް އޮފް ކޯރޕެރޭޓް ޑައިރެކްޓަރސް އެންޑް ސެކްރެޓްރިއޭޓެގެ ފަރާތުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ކޯޕަރޭޓް ޑައިރެކްޓަރސް ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވެ އޭގެ ޓެސްޓުން ފާސްވެފައިވާ ސެޓިފައިޑް ކޯޕަރޭޓް ޑައިރެކްޓަރއެކެވެ.
އަދާ ކުރެއްވި ވަޒީތަކާއި ކުރެއްވި އަދި ކުރައްވާ ބައެއް މަސައްކަތް
ޢާޤިސާ މޫސާއަކީ ކުޑައިރުއްސުރެ ދިރިއުޅުމަށް މަސައްކަތްކުރަމުން އައި ފަރާތެކެވެ. މިގޮތުން ބޮލި ހިލުމާއި ރޯނުވެށުން ފަދަ މަސައްކަތް އުމުރުން އެންމެ 5 އަހަރުން ފެށިގެން ރަށުގައި އުޅުއްވި ދުވަސްތަކުގައި ކުރައްވައިފައިވެއެވެ. 1989 ވަނައަހަރު ސިފައިންގެ ވަޒީފާއަށް ފުރަތަމަ ވެއްދި އަންހެން ސިފައިންގެ ބެޗާއެކު ތަމްރީނުހަދައި 1 މާރޗް 1989 ގައި ސިފައިނެގެ ވަޒީފާގެ ހުވައިކުރެއްވިއެވެ. އަދި އެ ވަޒީފާގައި 1998 ވަނަ އަހަރު ނޮވެމްބަރާ ހަމައަށް މަސައްކަތް ކުރެއްވިއެވެ. ސިފައިންގޭގައި މަސައްކަތްކުރެއްވި ދުވަސްތަކުގައި މިނިސްޓްރީ އޮފް ޑިފެންސާއި، ފުލުހުންގެ ތެރޭގައިވެސް މަސައްކަތް ކުރެއްވިއެވެ. ސިފައިންގެއިން ވަކިވިއިރު އިންނެވީ ލާންސް ކޯޕްރަލްގެ މަޤާމުގައެވެ. ސިފައިންގެއިން ވަކިވުމަށްފަހު 1999 އިން ފެށިގެން 2008 އާ ހަމައަށް މަސައްކަތް ކުރައްވައިފައިވަނީ މޯލްޑިވެސް ކަސްޓަމްސް ސާރވިސްގައެވެ. ކަސްޓަމްސް އޮފިސަރ 2 ގެ މަޤާމުގައި މަސައްކަތްކުރައްވަން ފެއްޓެވި ނަމަވެސް ކަސްޓަމްސްގެ ވަޒީފާއިން ވަކިވެޑައިގަތް އިރު އިންނެވީ ޗީފް ކަސްޓަމްސް އޮފިސަރގެ މަޤާމުގައެވެ. އަދި އޭގެ ފަހުން ހިއުމަން ރައިޓްސް ކޮމިޝަނުގައި ޑިރެކްޓަރ މެނޭޖްމެންޓް އެންޑް ފައިނޭންސްގެ މަޤާމުގައި މަސައްކަތްކުރެއްވިއެވެ. 2009 ވަނައަހަރާއި 2010 ވަނައަހަރުން ބައެއްގައި މަންދުކޮލެޖްގައި މާކެޓިންގް މެނޭޖަރއެއްގެ މަޤާމުގައި މަސައްކަތް ކުރައްވަމުން ކޮލެޖްގެ ކޯސްތކުގައި ކިޔަވައި ދެއްވަން ފެއްޓެވިއެވެ. އެގޮތުން އެންމެ ފުރަތަމަ ކިޔަވައިދެއްވީ އޭރު މަންދު ކޮލެޖުން ހިންގި ސިންގަޕޯރގެ އިންފޮރމެޓިކްސްގެ ފައުންޑޭޝަން ޕްރޮގްރާމެއްގައި ލާރނިން ސްކިލްސްއެވެ. 2010 ގައި މަންދުކޮލެޖުން ވަކިވުމަށްފަހު 2012 ވަނައަހަރު ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ޑިރެކްޓަރ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސްގެ މަޤާމަށް ވަޑައިގެންނެވުމާ ހަމައަށް ޓޯޓަލް ސްކިލްސް ސޮލިއުޝަންގެ ޖޫނިއަރ ކޮންސަލްޓެންޓެއްގެ ގޮތުގައި ހިއުމަން ރިސޯސް ޕްރޮޖެކްޓެއްގެ މަސައްކަތް ކުރައްވައިފައިވެއެވެ. އަދި މިހާރުގެ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެޑިއުކޭޝަން( އެމް.އައި.ޓީ)ގައި ޓްރެއިނަރއެއްގެ ގޮތުގައި އޭނާ ވަޑައިގަންނަވަނީ މަސައްކަތް ކުރައްވަމުންނެވެ. 2010 ވަނައަހަރު މަންދުކޮލެޖްގައި ކިޔަވައިދެއްވުމާއި މީހުން ތަމްރީނު ކުރުމުގެ ތެރެއަށް ވަދެވަޑައިގެންނެވުމާއެކު އެދާއިރާގައި މިއަދާ ހަމައަށްވެސް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި މިހާރު ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ލެވެލްގެ ކޯސްތަކަށް އެކިކޮލެޖްތަކުގައާއި، ނެޝެނަލް ޔުނިވަރސިޓީގައި ވިޒިޓިންގް ލެކްޗަރާއެއްގެ ގޮތުގައި އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.
ސިޔާސީ މަސައްކަތް
ޢާޤިސާ ވިދާޅުވި ގޮތުގައި އޭނާ އެންމެ ފުރަތަމަ ސިޔާސީ މަސައްކަތެއް ކުރެއްވީ 2008 ވަނައަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓެއް ކަމަށްވާ ޑޮކްޓަރ ޙަސަން ސަޢީދުގެ އަރިހު އެ ކެމްޕޭނުގައެވެ. އަދި އޭގެ ފަހުން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓިގެ މެމްބަރެއްގެ ގޮތުގައި އެޕާޓީއަށް އެކިއެކި އިންތިޚާތަކުގައި މަސައްކަތްކޮށް ދެއްވިއެވެ. އެގޮތުން އެމް.ޑީ.ޕީގެ އެތެރޭގެ އިލްކެޝަނެއްގައި އޭރުގެ ހައުސިންގް މިނިސްޓަރ މުހައްމަދު އަސްލަމަށް މަސައްކަތް ކޮށްދެއްވުމުގެ އިތުރަށް 2014 ވަނައަހަރުގެ ޢާންމު އިންތިޚާބުގައި އެމް.ޑީ.ޕީގެ ކެންޑިޑޭޓް ޙުސައިން އަމްރުގެ ކެމްޕެއިންގައި މަސައްކަތްކުރެއްވިއެވެ. 2018 ވަނައަހަރުގެ ރިޔާސީ އިންތިޚަބަށް މަސައްކަތްކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ވަކިވެ ސޯޝަލް މީޑިއާގައި ސިޔާސީ މަސައްކަތްކުރައްވަފައިވެއެވެ. އާޤިސާ މޫސާއަކީ އެމް.ޑީ.ޕީގެ ޢާންމު މެމްބަރެކެވެ.
އިޖުތިމާޢީ މަސައްކަތް
އިޖްތިމާއީ މަސައްކަތްތަކުގެ ތެރޭގައި މޯލްޑިވްސް ރެޑް ކްރެސެންޓްގެ ފުރަތަމަ ޖެނެރަލް އެސެމްބްލީއިން އިލެކްޓްވި ކޮމްޕްލެއިންޓްސް ކޮމިޓީގައި ހިމެނުމާއި، އަދި އޭގެ ފަހުން ރެޑް ކްރެސެންޓްގެ ނެޝަނަލް އެޑްވައިޒަރީ ކޮމިޓީގައި މަސައްކަތް ކުރައްވައިފައިވެއެވެ. އަމީނިއްޔާ ސްކޫލް ބޯޑަށް ސަރުކާރުން އައްޔަންކުރެއްވި މެމެބަރެއްގެ ގޮތުގައި 2 އަހަރު މަސައްކަތް ކުރައްވާފައިވެއެވެ. އޭގެއިތުރުން ދިވެހި އެފް.އެމްގައި ރިލޭޝަންޝިޕް އެޑްވައިޒަރެއްގެ ގޮތުގައި 2011 އިން ފެށިގެން އެކި ޕްރޮގްރާމްތަކުގައި( ވިޔަސް ނުވިޔަސް، ހިތުގެ ވިންދު) އަދި ފަހުން "ހެލްޕް ލައިން" ޕްރޮގްރާމުގައި ވަރަށް ގިނަ ފަރާތްތަކަށް ދިރިއުޅުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވެދީފައިވެއެވެ. މިހުރިހާ މަސައްކަތްތަކަކީވެސް ހިލޭ ސާބަހަށް ކުރެއްވި މަސައްކަތްތަކެކެވެ.
ޢާޤިސާ މޫސާ ޤަބޫލުކުރައްވާ ގޮތުގައި ޤާނޫނު ހަދާ މަޖިލިހަށް ތަޢުލީމީ މީހުން ވަންނަން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ޤާނޫނުތައް ހަދަނީ އަދި ހަދަންޖެހެނީ ޤައުމުގެ އިޖްތިމާއީ އަދި އިގްތިސާދު ރަނގަޅު ގޮތެއްގައި ބައްޓަންކުރެއްވުމެވެ. "އެމަސައްކަތްތަކަކީ "ސްޓްރީޓް ބޯއީޒް" އަށް ރަނގަޅަށް ކުރެވިދާނެ ކަމެއްނޫން. ހަމަ އެއާއެކު ޤައުމެއްގެ އިޖްތިމާއީ އަދި އިގްތިސާދީ ސިޔާސަތު ބައްޓަން ކުރަން ހަވާލުކުރަންވާނީ ޢިލްމީ ގޮތުން ޤާބިލް ، ހައްގު ބަސް ބުނަން ކެރޭ ޢާންމު މީހާގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރަން ބޭނުންވާ މީހުން،" ޢާޤިސާ ވިދާޅުވިއެވެ.
އާޤީސީ ވިދާޅުވީ އޭނާގެ ވަނަވަރު ހާމަކުރެއްވިއްޖެ ކަމަށެވެ. އެއިން އޭނާއަށް ވޯޓު ދޭންޖެހޭ ސަބަބު ވަރަށް ސާފުކޮށް އެނގެން އޮންނާނެ ކަމަށެވެ. އެހެންވީމާ ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް ޢާޤީސާ ނުހޮވަން ވީ އެއްވެސް ސަބަބެއް އޮތް ކަމަށް އޭނާ ޤާބޫލެއް ނުކުރެއެވެ.