އެސްއެމްއީ ލޯން އާބާދީގެ ތިންބައިކުޅަ ދެބަޔަށް އެހީތެރިވެދޭނެ: ރައީސް

އެސްއެމްއީ ލޯނަކީ، މުޅި ޤައުމުގެ ތިން ބައިކުޅަ ދެބަޔަށް ވުރެ ވެސް ގިނަ މީހުންނަށް އެހީތެރިވެދޭނެ ލޯން ސްކީމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސް.ޑީ.އެފް.ސީ) އިފްތިތާޙުކުރެއްވުމަށް މިއަދު ހެނދުނު ނެޝަނަލް އާރޓް ގެލެރީގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެސްއެމްއީ ބޭންކުގެ ޚިދުމަތާއެކު، ޒުވާން އެތައް ވިޔަފާރިވެރިންނެއް އުފެދިގެންދާނެކަމަށެވެ. ދިވެހި އަންހެނުންގެ ހުނަރުވެރި އުފެއްދުންތަކުން، ޤައުމީ އިޤްތިޞާދަށް އިންޤިލާބީ ބަދަލުތަކެއް ގެނުވައި، ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ މީހުންނަށްވެސް މިކަމުގެ ސަބަބުން އެހީތެރިކަން ލިބޭނެ ކަމަށް ވެސް އެމަނިކުފާނު މިއަދު ވިދާޅުވިއެވެ.

"މި ސަބަބަށްޓަކައި، އެސްއެމްއީ ލޯންގެ ވަކި ބައެއް އަޅުގަނޑުމެން ޚާއްޞަކޮށްފައިވާނީ، އަންހެނުންނަށާއި ޒުވާނުންނަށް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް. އެހެންކަމުން، އެސްއެމްއީ ލޯނަކީ، މުޅި ޤައުމުގެ ތިން ބައިކުޅަ ދެބަޔަށް ވުރެ ވެސް ގިނަ މީހުންނަށް އެހީތެރިވެދޭނެ ލޯން ސްކީމެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤައުމުގެ މިހާރުގެ ޙާލަތަށް ބަލާއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް މިހާރަށް ވުރެ ގިނަވެ، މިހާރަށް ވުރެ ހަލުވި ދުވެއްޔެއްގައި ހިނގައިގަނެގެން މެނުވީ، ޖަޒީރާ ރާއްޖެއަކަށް ބޭނުންވާ ތަރައްޤީއާއި ކުރިއެރުން ހޯދުން ދަތިވާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން އެސްއެމްއީ ބޭންކެއް އުފެއްދީ އެފަދަ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ ގޮތެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެސް.އެމް.އީ ލޯނު ދޫކުރަން ފަށާއިރު މިވަގުތަށް ނިންމާފައި އޮތީ މައިގަނޑު ހަތަރު ދާއިރާއަކުން ލޯން ދޫކުރުމަށްކަމަށެވެ. އެއީ ރަށު ފަތުރުގެ ލޯނާއި، ވިޔަފާރި އެހީގެ ލޯނާއި، ދަނޑުވެރި ނަފާގެ ލޯނާއި، ހަރުމުދާ ލޯނެވެ.

"މި ދެންނެވި ލޯންތައް އަޅުގަނޑުމެން ދޫކުރާނީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެކަށީގެންވާ ވަރުގެ ކުޑަ އިންޓްރެސްޓެއްގައި. އަޅުގަނޑުމެންގެ އަމާޒަކީ ކުރިމަގުގައި ދޫކުރާ މިފަދަ ލޯންތަކުގެ އިންޓްރެސްޓް މިހާރަށްވުރެ ވެސް ކުޑަކުރުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދަނޑުވެރިކަމުން ލިބޭ އިޤްތިޞާދީ ނަފާ އިތުރުކޮށް، ދެމެހެއްޓެނިވި ޞިނާޢަތަކަށް އެސްއެމްއީ ބޭންކުގެ ޚިދުމަތާއެކު، ސަރުކާރުން މިއަދު މި ފަށާ، "ދަނޑުވެރި ނަފާ" ލޯން ސްކީމްގެ ސަބަބުން، ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުވެ، އުފައްދާ ތަކެތީގެ ފެންވަރު ރަނގަޅުވެގެން ދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ފައިދާ ހުރި ކާނާ ލިބުމަށް މަގުފަހިވެ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާވުމަކީ "ދަނޑުވެރި ނަފާ" ލޯންގެ އެންމެ މުހިންމު އެއް މަޤްޞަދުކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިފަދަ ފުރުޞަތުތައް ފަހިކޮށްދޭއިރު، އެ ފުރުޞަތުގެ ބޭނުން ހިފާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައި. ވަކިން ޚާއްޞަކޮށް ދިވެހި އައު އުފެއްދުންތަކަށް ހިތްވަރު ދިނުމުގެ ގޮތުން، ކަނޑައެޅިފައި އޮންނަ އުސޫލާ އެއްގޮތަށް، ކުދި އަދި މެދު ފަންތީގެ އުފެއްދުންތެރިކަމުގެ އެވޯޑެއް ދިނުމަށް ވެސް އަޅުގަނޑުމެން ވާނީ ކަނޑައަޅާފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެސް.އެމް.އީ ބޭންކުގެ ޚިދުމަތާއި "ދަނޑުވެރި ނަފާ" ލޯނުގެ ޚިދުމަތަކީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރަށް އެފަދަ ވިޔަފާރިތައް ހަރުދަނާވެ، ދެމެހެއްޓެނިވި ގޮތެއްގައި ހިނގަމުން ދިޔުމަކީ، ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން އެސް.އެމް.އީ ބޭންކެއްގެ ޚިދުމަތް ފެށުމާއި، ދަނޑުވެރިކަން ކުރާ އަމިއްލަ ފަރާތްތަކަށް، މާލީ އިދާރާތަކާއި ބޭންކުތަކުގެ ލޯނާއި ކްރެޑިޓް ސްކީމްތަކުގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ވެސް، އެ މަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅި ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"މި ދެ ކަންތައް ވެސް އަޅުގަނޑުމެން ކުރަން ނިންމީ، ރައްޔިތުން ބާރުވެރި ކުރުވައި، ޤައުމީ އާމްދަނީން، ސީދާ ރައްޔިތު މީހާގެ ޖީބަށް ވަންނަ މިންވަރު އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން. އެ ސިޔާސަތުގެ އަމާޒަކީ، ރައްޔިތު މީހާގެ އަތްމަތި ތަނަވަސްކޮށްދީގެން ޤައުމުގެ އިޤްތިޞާދު ވަރުގަދަ ކުރުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.