
ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ދޯންޏެއް އަޑިއަށް ހިނގައްޖެ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ "ދުވެލި" ނަމަކަށްކިޔާ މިދޯނި އަޑިއަށް ދިޔައީ ހުޅުމާލެ ކައިރިއަށް ކަމަށެވެ. ދޯނި އަޑިއަށްދިޔަ ކަމުގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 11:34 އެހައިކަންހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ދޯނި އަޑިއަށްދިޔައިރު އޭގައި 4 މީހުން ތިއްބެވެ. އެއީ 3 ބިދޭސީންނާއި ދިވެއްސެކެވެ. އެ 4 މީހުން ވެސް ވަނީ ފަތާފައި ގޮސް ހުޅުމާލެއަށް އަރައިފައެވެ.
އެމްއެންޑީއެފުން މިހާރު ގެންދަނީ ދޯނީގެ ވެރިފަރާތާ ގުޅިގެން ދޯނި ތިލަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.