މިނިވަންކަމާއި ނަޒާހާތްތެރިކަމާއެކު އިންސާފު ގާއިމުކޮށްދޭނެ ފަނޑިޔާރު ގެއެއް ކަށަވަރުކޮށްދެއްވާ: ނައިބު ރައީސް

ފަނޑިޔާރުގެ އިސްލާހުކޮށް ތަރައްޤީ ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަނީ ފަނޑިޔާރުގެއިން ކަމަށްވީ ހިނދު، އެކަމުގެ މަސްޢޫލިއްޔަތު އެންމެ ފުރިހަމަގޮތުގައި އަދާކޮށް ދެއްވުމަށާއި، މިނިވަން ކަމާއި ނަޒާހާތްތެރި ކަމާއެކު، ހަރުދަނާ، ޢިލްމީ އަސާސްތަކުގެ މައްޗަށް ޢަދުލުއިންޞާފު ޤާއިމުކޮށްދޭނޭ ފަނޑިޔާރުގެއެއް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.

ނައިބު ރައީސް މިކަމަށް އެދިވަޑައިގެންނެވީ "ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް" ގެ ނަމުގައި މިއަދު ދަރުބާރުގޭގައި ބޭއްވި ކޮންފަރެންސް ފެށުމުގެ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ، ޤާނޫނު އަސާސީން، ޖުޑިޝަރީގެ އެންމެ އިސްފަރާތްކަމުގައި ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓްކަމަށާއި އެހެންކަމުން، ޝަރުޢީ ދާއިރާ ހަރުދަނާކުރައްވައި، ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރައްވައި، ފަނޑިޔާރުގެއަކީ ޢަދުލު އިންސާފު ނެގެހެއްޓުމުގައި ޤާބިލުކަމާއެކު، މަސައްކަތްކުރާ އަދި ރައްޔިތުން އިތުބާރުކުރާ ތަނެއްގެ ގޮތުގައި ބައްޓަންކުރަންޖެހޭ ފަރާތަކީ އެއީ ކަމުގައެވެ. އަދި އެގޮތަށް ކަންކަން ބައްޓަންވެގެން ދިއުމަކީ، އެންމެހާ ދިވެހީންގެ ވެސް ވަރަށް ބޮޑު އުންމީދެއްކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިތުރަށްދެއްކެވި ވާހަކަފުޅުގައި މި ފަދަ ކޮންފަރެންސްތަކަކީ މުޅި ނިޒާމު ހަރުދަނާކޮށް ތަރައްޤީކުރުމަށް ޓަކައި ކުރެވެމުންދާ ވަރަށްވެސް ބޮޑު، މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި، އަދި ސްޕްރީމް ކޯޓުގެ ދަށުން ހިންގަވާ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން ކުރަމުންދާ މަސައްކަތްތައް ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިގޮތުގައި، އަދުލުވެރިކަން ނެތް މުޖުތަމަޢެއްގައި ދުވަހަކުވެސް ހަމަޖެހުމެއް ޤާއިމުވެގެން ނުދާނެކަމަށާއި، އިންސާފަކީ، ވަކި މީހަކަށް ލިބޭ އެއްޗެއް ގޮތުގައި އޮތްހައި ހިނދަކު ޤައުމެއްގައި ސުލްޙަ މަސަލަސްކަން ޤާއިމުވެގެން ނުދާނެ ކަމުގައެވެ. އަދި، މިއިން ކޮންމެ ކަމަކުންވެސް، އަޅުގަނޑުމެންނަށް އެނގިގެންދަނީ ފަނޑިޔާރުންގެ މަސްޢޫލިއްޔަތުގެ މަތިވެރިކަމާއި ޢަދުލުވެރިކަމުގެ މުހިންމުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފާހަގަކުރައްވާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.