
ހުޅުމާލޭގައި ހަދަމުންދާ ޢިމާރާތެއްގެ 5 ވަނަ ބުރިން ވެއްޓުނު ގަލަކުން ޖެހި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މި ހާދިސާގައި ނިޔާވެފައިވަނީ ޢުމުރުން 44 އަހަރުގެ މީހެއް ކަމަށެވެ. އޭނާއަކީ ރާއްޖޭގައި މަސައްކަތްކުރާ ބަނގްލަދޭޝްގެ ފިރިހެނެކެވެ. ގަލުން ޖެހުމުން އޭނާގެ ބޮލަށް ލިބުނު އަނިޔާއަށް ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރު އޭނާ ވަނީ ނިޔާވެފައި ކަމަށް ހޮސްޕިޓަލުންވަނީ ވިދާޅުވެފައެވެ.
މިޙާދިސާ ހިނގާފައިވަނީ ފެބުރުވަރީ 17 ވަނަ ދުވަހުގެރޭ 19:50 ގައި ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެކަމާ ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން ނުދެއްވައެވެ. އެހެންނަމަވެސް މައްސަލަ ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.
ދެހާސް އަށާރަވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ މާލޭގައި ހަދަމުންދިޔަ ގެއަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ބަނގްލަދޭޝްގެ ކުޑަ އަންހެން ކުއްޖަކު ނިޔާވެފައެވެ.