
ޑެންގޫއަށް ޕޮޒިޓިވް ވެގެން ފ. ފީއަލީން ރޭ މާލެ ގެނައި 6 ކުދިންގެ ތެރެއިން އެއް ކުއްޖަކަށް އިތުރުފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު) އިން ވިދާޅުވެއްޖެއެވެ.
އައިޖީއެމްއެޗުގެ މީޑިއާ ކޯޑިނޭޓަރު މުޙައްމަދު މުފީދު ވިދާޅުވީ ޙާލު ދެރަވެ ރާއްޖެއިން ބޭރަށް ފޮނުވަން ތައްޔާރުވަމުންދާ ކުއްޖާ މިހާރު އޮތީ އައީސީޔޫގައި ކަމަށެވެ. އެކުއްޖާ ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް މިހާރު ދަނީ ތައްޔާރު ކުރަމުން ކަމަށް މުފީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރޭ ގެނައި 6 ކުދިންގެ ތެރެއިން ދެ ކުއްޖަކަށް ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލައިފައި ކަމަށެވެ. އިތުރު ތިން ކުއްޖަކަށް ހޮސްޕިޓަލުގައި މިހާރުވެސް ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރަށް އައްޑޫސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެނެސްފައިވާ ކުޑަކުއްޖާގެ ޙާލުވެސް މިހާރު ރަނގަޅު ކަމަށް ޑޮކްޓަރުންނާ ޙަވާލާދީ މުފީދު ވިދާޅުވިއެވެ.