ކޮރަޕްޝަނާ ދެކޮޅަށް ސުލްހަވެރި ބޮޑު މުޒާހަރާއެއް ކުރަން ތައްޔާރުވާން ފަށައިފިއެވެ. މިއީ ޢާއްމުންގެ ތެރެއިން ބަޔަކު އިސްވެތިބެ ބާއްވާ މުޒާހަރާއެކެވެ.
މުޒާހަރާ އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ މަރިޔަމް ޝުނާނާ ވިދާޅުވީ މުޒާހަރާ އޮންނާނީ ފެބުރުއަރީ 15 ވަނަ ދުވަހު މާލޭގައި ކަމަށެވެ. މިއީ އެންމެނަށް ހުޅުވާލައިގެން ބާއްވާ މުޒާހަރާއެއް ކަމަށްވެސް އޭނާ ވިދާޅިވިއެވެ. "މަގުސަދަކީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ފައިސާ ބޭނުން ކޮށްފައިވާ މެމްބަރުން ހާމަކުރުމަށް ބާރުއެޅުން. މަޖިލިސް އިންތިޚާބު މިހާ ކައިރިވެފައިވާއިރު ކޮރަޕްޓް ބަޔަކަށް ވޯޓުދޭން ރައްޔިތުން ބޭނުން ނުވާނެ. އެހެންވީމާ އެމްއެމްޕީއާރުސީ ފައިސާ ބޭނުކޮށްފައިވާ މެމްބަރުން ރައްޔިތުންނަށް އެނގެންޖެހޭނެ ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ،" ޤާނޫނީ ވަކީލާ ޝުނާނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮރަޕްޓް މީހުންނަށް ވޯޓުދޭން ރައްޔިތުން ބޭނުންނުވާ ކަމަށެވެ. ރައްޔިތުންގެ މުހިންމު މަސްއޫލިއްޔަތުތަކެއް ޙަވާލުކޮށްފައި ރައްޔިތުންގެ މަޖިލީހަށް ފޮނުވާ މީހުންނަކީ ނަޒާހަތްތެރި ބައެއްކަން ކަށަވަރު ކުރަން ރައްޔިތުންބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޝުނާނާ ވިދާޅުވީ ކޮރަޕްޝަނަކީ އޭގެ ޒާތުގައި ޚިޔާނާތްތެރިވުމާއި ރައްޔިތުންގެ ކިބައިން ވައްކަން ކުރުން ކަމަށެވެ. "އެހެންވީމާ އެމްއެމްޕީއާރުސީގެ ފައިސާ ވަދެފައިވާ އެކައުންޓުތައް އެނގެންޖެހޭ. އެފައިސާ ވަދެފައިވާކަން ރައްޔިތުންނަށް އެބައެނގޭ. ނޭނގެނީ އެއީ ކޮންބައެއްކަން. އެމީހުން އެނގިގެން ކެންޑިޑޭޓް ޗޫސްކުރަން އެނގޭނީ،" ޝުނާނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރާއިރު ވޯޓު ދެވެނީ ރަނގަޅު މީހާއަށްތޯ ކަށަވަރު ކުރުމަކީ ރައްޔިތުން ކަށަވަރު ކުރަންޖެހޭ ކަމެއްކަމަށެވެ. އެހެންވީމާ އެމްއެމްޕީއާރުސީ ފައިސާ ވަދެފައިވާ އެކައުންޓުތައް ރައްޔިތުންނަށް އެނގުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
އަހެރެމެން ނުކުންނާނަން ލާދީނާ ދެކޮޅަށް