ޝުނާނާގެ މެސެޖު: އިންސާނީ ހައްގުތައް ލިބޭނެ ހަރުދަނާ ނިޒާމެއް ގާއިމް ކުރަންޖެހޭ

ގިނަމީހުންނަށް އޭނާ މަޝްހޫރުވެފައިވަނީ ކެރިގެން ކުރިމަތިލާ ގާނޫނީ ވަކީލެއްގެ ގޮތުގައެވެ. އެހެން މީހުންގެ އިންސާނީ ކަރާމާތް ރައްކާތެރިކޮށް ހައްގުތައް ހޯދައި ދިނުމަކީ އޭނާ އެންމެކުރާހިތުން ކުރާނެ އެއްކަމެވެ.

މިދައްކަނީ އެއްކަލަ މަރިޔަމް ޝުނާނާގެ ވާހަކައެވެ. ތިޔަ ހީކުރީ ރަނގަޅަށެވެ. އެޓަރނީޖެނެރަލް އޮފީހުގެ ސްޓޭޓު ކައުންސެލްގެ މަގާމެއްގައި އިންނެވުމަށްފަހު އަމިއްލައަށް އިސްތުއުފާ ދިން ޝުނާނާއެވެ.

އޭނާ މިހާރު ކޮބައި ހެއްޔެވެ؟ ޝުނާނާ ބުނީ އޭނާ މިހާރު މަސައްކަތް ކުރަނީ "ލިޓިކާ ލޯ އެސޯސިއޭޓްސް" ގައި ކަމަށެވެ. އެއީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒުމިރަލްދާ ޒާހިރާއި، އޭޖީ އޮފީހުގައި ކުރިން މަސައްކަތް ކުރެއްވި މޫސާ އާލީމާއި ޝުނާނާ ގުޅިގެން އުފައްދައިފައިވާ ތަނެކެވެ.

އޭޖީ އޮފީހުން އިސްތުއުފާ ދެއްވުމަށްފަހު ވެސް އޭނާ އުޅެމުން އަންނަނީ އުފާވެރި ދިރިއުޅުމެކެވެ. އެހެންނަމަވެސް ކުރިއަށްވުރެ ލުއިފަސޭހަ ދިރިއުޅުމެކެވެ. އިރާދަ ކުރެއްވިއްޔާ ދިރިއުޅުމުގެ ހުރިހާކަމެއްވެސް ދަނީ ރަނގަޅަށް ކަމަށް އޭނާ ބުންޏެވެ.

ޝުނާނާއަކީ އޭނާގެ ބައްޕަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. އެހެން ކަމުން އޭނާއަށް ލިބިފައިވާނެ ޚާއްސަ އިނާޔަތްތަކެއްވެސް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އެވާހަކަ ބާއްވަމާ ހިނގާށެވެ.

ޝުނާނާ އޭނާގެ ރަސްމީ މަސައްކަތަށްފަހު މުނިފޫހި ފިލުވައިލުމުގެ ގޮތުން ކުރަނީ ކޮންކަމެއް ހެއްޔެވެ؟ ނުވަތަ ހޮބީއެއްގެ ގޮތުގައި ކުރަނީ ކޮންކަމެއް ހެއްޔެވެ؟ ކޮންމެވެސް ވަރަކަށް ލަވަކިޔުމާއި ގިޓާ ކުޅުމަކީ އެނާ ހުސްވަގުތުގައި ދޭތެރެ ދޭތެރެއިން ކޮށްލާ ކަމެކެވެ. އެކަމަކު އޭނާ އެންމެ ގިނައިން ކިޔާ ހިތްވަނީ ސްޕެނިޝް ލަވައެވެ. ހަމަ އޭނާއަށް ސްޕެނިޝް ލަވަ ރީތީއެވެ. އެބަސް ކޮންމެހެން އެހާ ވަރަށް އެނގޭތީ އެއްވެސް ނޫނެވެ. ހަމަ ރީތިކަމުންނެވެ. ގިޓާ ކުޅުނަސް އެކަންވެސް އޭނާ އަދި ދަސްކުރަނީއެވެ. އެހާ ބޮޑަށް އެނގެނީ އެއްވެސް ނޫނެވެ.

"އެންމެ ކުޑައިރުން ފެށިގެން ލަވަކިޔަން. އެއީ ހޮބީއެއްގެ ގޮތުގައިކުރާ ކަމެއް. އެކަމަކު އެހާ ރީއްޗަށް ލަވައެއްނުކިޔޭ،" ޝުނާނާ ބުންޏެވެ.
ލަވަޔާއި މިޔުޒިކުގެ ވާހަކަ ބާއްވަމާ ހިނގާށެވެ. އެއީ އޭނާ ހޮބީއަކަށް ކުރާ ކަމަކަށްވާތީއެވެ.

އޭނާ އަކީ ވަރަށް މީރުކޮށް ކައްކާ ހިތްވާ ޒުވާނެކެވެ. އެކަން ފުރިހަމައަށް ދަސްކުރުމަށްޓަކައި މިރޯދަމަހުވެސް ތަފާތު އެއްޗެހި އެކިރަހަ ލައްވައިގެން ތައްޔާރު ކުރުމުގެ މަސައްކަތް އޭނާ ކުރެއެވެ. "ރޯދަމަހު ދެދުވަހުން އެއްދުވަހަކު ކަހަލަ ގޮތަކަށް ކޮންމެވެސް އެއްޗެއް ތަޖުރިބާ ކުރެވޭތޯ ބަލަން. އެއިން މީރު ރަހައެއް ނެރެން ވަރަށް މަސައްކަތްކުރަން. އެއްބައިދުވަހު ވަރަށް މީރުވެސްވާނެ. އަނެއްބައިދުވަހު މީރު ނުވެވެސްދާނެ،" ފިސާރި ހިނިގަނޑެއް ޖަހައިލަމުން އޭނާ ބުންޏެވެ. ކޮންމެ ގޮތެއް ވިޔަސް ޝުނާނާ ތައްޔާރުކުރާ ކާއެއްޗެހި އޭނާގެ ފިރިމީހާއަށް ވަރަށް މީރެވެ. އެހިސާބުން އެވާހަކަވެސް ނިމުނީއެވެ.

ޝުނާނާ އަކީ ގާނޫނީ ދާއިރާއިން ފަސްޓް ކްލާސް ހޮނަރސް ޑިގްރީގެ އިތުރުން އެމެރިކާގެ ނިޔުޔޯކް ޔުނިވަރސިޓީއިން ކޯޕަރޭޓް ލޯ އިން މާރސްޓަސް ޑިގްރީ ހާސިލް ކުރައްވާފައިވާ ޒުވާނެކެވެ. އަދި އޭނާއަކީ މާރސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ވަރަށް ތައުލީމީ ޒުވާނެކެވެ. އޭނާގެ ލީޑަރޝިޕް ހުނަރަކީ ހޯދައިފައިވާ ތައުލީމުން ލިބިފައިވާ އެއްޗެއް ކަމަށް ވެދާނެއެވެ.

ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރަމުންދާތީ ލައްކަ ގިނަ މީހުންނާވެސް ދިމާވެފައި ހުންނާނެތާއެވެ.

ރާއްޖޭގެ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ކިހާވަރެއްގެ ތަފާތެއް އެބައޮތް ކަމަށް އޭނާ ގަބޫލު ކުރޭހެއްޔެވެ؟ "ވަރަށް ބޮޑު ތަފާތެއް އެބައޮތް. އަންހެނުނަށް ސިޔާސީ މައިދާނުގައިވެސް ނުވަތަ ވަޒީފާގެ މައިދާނުގައިވެސް ވަރަށް ގޮންޖެހުންތައް ގިނަ. އެގޮތުން، ބައެއް ފަހަރު ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާއިރު، ޚާއްސަ ގޮތެއްގައި އަންހެނުންނަށް އަމާޒުކޮށް ވަރަށް ހަޑި ބޭ އަދަބީ ބަސްތައް ބޭނުންކުރޭ ބައެއް މީހުން. މިކަން ހުޓުވަން ހުރިހާ އެންމެންވެސް މަސައްކަތްކުރަންޖެހޭ،" އޭނާ ބުންނެވެ.

ޝުނާނާއަކީ އެހެން މީހުންނާ ވަރަށްގުޅޭ ޒުވާނެކެވެ. އެހެން މީހުންގެ އިހުސާސްތަކަށް އިހުތިރާމްކުރާ ޒުވާނެކެވެ. އޭނާ ބޭނުންވަނީ އަންހެނުންނަށް ލިބެންވާ ހުރިހާ ހައްގެއް އެންމެ ފުރިހަމަ ގޮތުގައި އެންމެހާ އަންހެނުންނަށް ލިބުމަށެވެ. އޭނާއަކީ ކިތަންމެ ހިތްހެޔޮ އަދި މީހުންނާ ގުޅޭ މިޒާޖެއްގެ ޒުވާނަކަށް ވިޔަސް އޭނާއަށް ކެތްނުކުރެވޭނެ އެއް ކަމެއް އެބައޮތެވެ. އެއީ އެހެން މީހެއްގެ އިންސާނީ ހައްގެއް ގެއްލިގެންދާތަން ދުށުމެވެ.

"އެފަދަ ހާލަތުގައި ވަރަށް އުނދަގޫވާނެ. ވަރަށް ރުޅި ގަދަވޭ. އެމީހަކަށް އެހައްގެއް ހޯދައި ދިނުމަށް ކުރެވެންއޮތްހާ މަސައްކަތެއް ކުރުމަށް ފުރުސަތު ލިބިއްޖެނަމަ އެކަމެއް ކޮށްދޭނަން،" ޝުނާނާ ބުންޏެވެ.

މާލީ ތަނަވަސްކަން ނެތް ވަރަށް ގިނަ މީހުންނަށް ވަޒީފާގެ މައްސަލަތަކުގައި ޝުނާނާ ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ޝުނާނާ ބުނިގޮތުގައި، "ގާނޫނާ ޚިލާފަށް މުވައްޒަފު ވަކިކުރީމަ ގިނަ ފަހަރަށް އެ ނިގުޅައިގަނެވެނީ ހަމައެކަނި އެ މުވައްޒަފުގެ ހައްގުތަކެއްނޫން. އެ ނިގުޅައިގަނެވެނީ އެނާ ބަލަންޖެހިފައިވާ އެހެން މީހުންގެ ހައްގުތައްވެސްމެ. ކުލި ދެއްކުމާއި އެހެންވެސް ކަންކަމުގައި އޭނާގެ މައްޗަށް ބަރޯސާވާ މުޅި އާއިލާގެ ހައްގުތައް ވެސް އެދަނީ ގެއްލިގެން. އަދި ބައެއް ފަހަރު ވަޒީފާ ގެއްލުނީމައި، ކުލި ނުދެއްކިގެން ކުދިން ގޮވައިގެން ރަށަށް ދާންޖެހޭ ހާލަތުވެސް އެބައާދޭ. ކުދިންގެ ކިޔެވުމަށް އަސަރުކޮށް ކުދިންނަށްވެސް ލިބޭ އަނިޔާއެއް އެއީ. މިއީ ވަރަށް ބޮޑު މައްސަލައެއް،"

އޭނާ ގަބޫލުކުރާ ގޮތުގައި ރާއްޖެ ފަދަ ގައުމެއްގައިވެސް ވަރަށްގިނަ ކަންކަން ބަދަލުވެ ޑިމޮކްރަޓީކް ފުރިހަމަ ވެއްޓެއް ގާއިމް ކުރަންޖެހެއެވެ. އެކަން ކުރުމަށްޓަކައި މަސައްކަތްތަކެއްވެސް ކުރަންޖެހެއެވެ. އެކަން ކުރެވޭނީ މީހުން އެފަދަ ކަންކަމަށް ހޭލުންތެރި ކުރެވިގެން ކަމަށްވެސް އޭނާ ބުންޏެވެ. އޭނާއަށް ލިބިފައިވާ ތައުލީމު ކޮންމެވެސް ވަރަކަށް އެހެން މީހުންނާ ހިއްސާކުރެވޭނެތޯ އޭނާ ބަލާނެ ކަމަށްވެސް ބުންޏެވެ. އެގޮތުން، އަންހެނުން ކުރިއެރުވުމަށާއި، މީހުން ގާނޫނީ ކަންކަމަށް ހޭލުންތެރިކުރުމަށް މި ރޯދަ މަސް ނިމުމުން ޓްރެއިނިންގ ޕްރޮގްރާމްތަކެއް ހިނގާނެކަމަށް ވެސް އޭނާ ބުންޏެވެ.

ޝުނާނާ ގަބޫލުކުރާ ގޮތުގައި ކަންކަން އެންމެ ރަނގަޅަށް ގެންދިޔުމަށްޓަކައި ރާއްޖޭގައި މިހާރު މިއޮތް ސިސްޓަމްވެސް ބަދަލުވާންޖެހެއެވެ. މިއީ އޭނާ އެހެން މީހުންނަށް ދޭން ބޭނުންވާ މެސެޖެވެ.

"ރާއްޖޭގައި މިހާރު މިއޮތް ސިސްޓަމަށް ޗޭންޖެއް ގެންނަން އެބަޖެހެޔޭ. އެފަދަ ޗޭންޖެއް ގެނެވޭނީ ބިރުފަހަނަޅާ ގޮސްގެން އަދި ކޮރަޕްޝަނާވެސް ދުރުވެގެން. ތިމާ ތަމްސީލް ކުރަން އައްޔަންކުރާ ލީޑަރުން ނުވަތަ މަޖލިސް މެންބަރުން އިންތިޚާބުކުރާއިރު ވިސްނާށޭ އެމީހެއްގެ ޒަމީރު ވިއްކާނުލާ ނޫނީ އެމީހެއްގެ ފިކުރު ވިއްކާނުލާ މުޅި މުޖުތަމައަށް ފައިދާވާނެ ގޮތަކަށް ނުވަތަ އެމީހެއްގެ ސަބަބުން މުޖުތަމައަށް ފައިދާވާނެ ކަހަލަ މީހަކު އިންތިޚާބު ކުރަން. އެހެންނޫނީ އާޚިރު ނަތީޖާއަކީ މުޅި ސިސްޓަމަށް އޭގެ ނޭދެވޭ އަސަރުކޮށް ގައުމު ހަލާކުވުން،" ޝުނާނާ ބުންޏެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.