
"އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު" އުވާލުމުގެ ބިލު ތަޞްދީޤު ކުރައްވައިފިއެވެ.
ޤާނޫނު އަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މި ބިލް ތަޞްދީޤު ކުރެއްވީ މިއަދުއެވެ.
ޤާނޫނު ނަންބަރު 2016/15، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމުގެ ބިލު، ފާސްކުރައްވާފައިވަނީ 14 ނޮވެންބަރު 2018 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ.
އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.
މިއީ ރައީސް އިބްރާހީމް ވެރިކަމަށް ވަޑައިގެންނެވި ފަހުން ތަޞްދީޤު ކުރެއްވި ފުރަތަމަ ބިލެވެ.