ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދީ، ޢަދުލު އިންޞާފު ލިބޭނެކަން ޔަޤީންކޮށްދިނުމަށްޓަކައި، ޝަރުޢީ ދާއިރާ އިޞްލާޙް ކުރުމަކީ މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަންތައްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހަށް މިއަދު ރިޔާސީބަޔާން އިއްވަވަމުންނެވެ. ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯޓުތަކާއި ފަނޑިޔާރުން އިޞްލާޙުގެ މަގަށް ރުޖޫޢަވެގެން ނޫނީ، މިޤައުމުގެ އެއްވެސް ކަމަކަށް ހަމަޖެހުމެއް ނާންނާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދައުލަތުގެ ޤާނޫނީ އޮނިގަނޑު އިޞްލާޙު ކުރުމުގެ މަސައްކަތުގެ ދަށުން، ސަރުކާރުން މިހާރު ވާނީ، މިވަގުތަށް އެންމެ ބޭނުންތެރި ޤާނޫނުތަކުގެ ދެލިކޮޕީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައި ކަމަށެވެ. އަދި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމާއި، ކޮރަޕްޝަން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން، ޤާނޫނުލްޢުޤޫބާތަށް އެ ކުށް އިތުރުކުރުމުގެ ބިލް، ވެސް މިހާރު މަޖިލީހަށް ފޮނުއްވާފައިވާނެ ކަމުގައި އެމަނިކުފާނުގެ ޚިތާބުގައި ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމުވެސް، ތަހުޒީބީ ޑިމޮކްރެޓިކް މުޖަތަމަޢުތަކުގައި އޮންނަ ފަދަ ލުއިފަސޭހަ ހަރުދަނާ އުޞޫލަކަށް ބަދަލުކުރުމަށްޓަކައި، މަދަނީ އިޖުރާޢާތުގެ ބިލެއް އެކުލަވައިލައި، މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ގަސްތުކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.
މިސަރުކާރުގެ ފުރަތަމަ ރިޔާސީ ބާޔާނުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވީ ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަށް، މި ސަރުކާރުން އެއްވެސް ޖާގައެއް ނުދެއްވާނެ ކަމަށެވެ. އަދި މި ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ "ޒީރޯ ޓޮލަރެންސް" ކަމަށް ވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ ވެރިކަމެއް ކުރާއިރު، ދައުލަތުގެ ކަންކަން ހަމަ މަގަށް އަޅުވައިދިނުމުގެ އެންމެ މުހިންމު ބައިވެރިޔަކީ، މަދަނީ ޖަމުޢިއްޔާތަކާއި ޖަމާޢަތްތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ކަމުން މަދަނީ ޖަމުޢިއްޔާތަކުގެ ބިލު އެކުލަވާލައި މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުއްވުމަށް ތައްޔާރުވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، މިނިވަން މުއައްސަސާތަކުގެ ޤާނޫނުތައް މުރާޖަޢާކުރެއްވުމުގެ މަސައްކަތްވެސް މިހާރު ފަށްޓަވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.