އެންމް ގިނަ ޑާޓާ ލިބޭ ޕޯސްޓްޕެއިޑް ޕެކޭޖް 15ޖީބީ އާއިއެކު ދިރާގުން ތައާރަފްކޮށްފި

index

ދިރާގުން 15 ޖީބީގެ ޑާޓާއާއިއެކު ސްމާޓްޕްރިމިއަމް ޕްލަސްގެ ނަމުގައި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ، މުޅިން އާ ޕެކޭޖެއް ތަޢާރަފްކޮށްފިއެވެ.

ދިރާގުން މިއަދު އަލަށް ތަޢާރަފް ކުރި މި ޕެކޭޖުގައި 15 ޖީބީގެ ޑާޓާ ހިމެނޭއިރު، ހުރިހާ ނެޓްވޯކެއްގެ ނަންބަރުތަކަށް ގުޅުމަށް 5000 ހިލޭ މިނެޓާއިއެކު ކަސްޓަމަރު ހިޔާރުކުރައްވާ 3 ނަންބަރަކަށް ހިލޭ ގުޅާލުމަށް ޖުމްލަ 8600 މިނެޓުގެ ޓޯކްޓައިމް ލިބިވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން މި ޕެކޭޖުގައި 3000 އެސްއެމްއެސް އާއި އެކު ކަސްޓަމަރު ހިޔާރު ކުރައްވާ ކޮންމެވެސް 1 ޤައުމަކަށް %50 ޑިސްކައުންޓާއިއެކު ގުޅުއްވޭނެއެވެ.

މި ޕެކޭޖުގެ މަހުފީ އެއްގެ ގޮތުގައި ދިރާގުން ކަނޑައަޅާފައިވަނީ 999 ރުފިޔާއެވެ. އަދި މިއީ ދިރާގުގެ ޕްރިމިއަމް ކަސްޓަމަރުންނަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ ޕެކޭޖެއް ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ދިރާގުން ވަނީ ދާދިފަހުންވެސް ޕޯސްޓްޕެއިޑް ޕެކޭޖްތަކުގެ އެލަވަންސްތަކާއި އަގުތަކަށް ހެޔޮ ބަދަލެއް ގެނެސްފައެވެ. އެގޮތުން ސްމާޓް 899، ސްމާޓް 499 އަދި ސްމާޓް 299 ގެ ނަމުގައި ވަނީ އަގުހެޔޮކޮށް، ބައެއް ޕެކޭޖްތަކަށް ބަދަލުތަކަކާއިއެކު ތައާރަފްކޮށްފައެވެ.

އަގުތަކަށް ގެނެވުނު ބަދަލާއި، އަލަށް ތައާރަފް ކުރެވުނު މި ޕެކޭޖާއިއެކު، ރާއްޖޭގައި ލިބެން ހުރި އެންމެ އަގުހުރި ޕޯސްޓްޕެއިޑް ޕެކޭޖްތައް މިހާރު ލިބިގެންދާނީ ދިރާގުން ކަމަށް ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދު ޖަލީލް ވިދާޅުވިއެވެ.

އިމްޖާދް އިތުރަށް ވިދާޅުވީ، "ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ އާ ހިދުމަތްތަކާއި ޕްރޮޑަކްޓްތައް ބާޒާރަށް ނެރުމާއިއެކު މިހާރު ދެމުންގެންދާ ހިދުމަތްތަކަކީ ވެސް ކަސްޓަމަރުންނަށް ކަމުދާނެ، އަގުހުރި ހިދުމަތްތަކެއްކަމުގައި ހެދުމަށެވެ. އެގޮތުން މިއަދު މި ތައާރަފް ކުރެވިގެން ދިޔަ ޕެކޭޖާއިއެކު ދިރާގުގެ ޕޯސްޓްޕެއިޑްގެ ހިދުމަތަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެކަމަށް އަޅުގަނޑު ޔަޤީންކުރަމެވެ."

މި ޕެކޭޖާއިއެކު ތަފާތު ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ފެތޭ ގޮތަށް ފަރުމާކުރެވިގެން ޕޯސްޓްޕެއިޑްގެ ތަފާތު 6 ޕެކޭޖެއް މިހާރު ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވާނެކަމަށް ދިރާގުން މައުލޫމާތު ދެއްވައެވެ.

މި ޕެކޭޖުތަކާއި ބެހޭ އިތުރު މައުލޫމާތު ދިރާގުގެ ރަސްމީ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.