ފާރީޝް މައުމޫނުގެ ސުލޫކީ މައްސަލައެއް ހުށަހަޅާފައެއް ނެތް - ޕީޕީއެމް

fasris-3-1

ޕީޕީއެމްގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންއާ ގުޅޭ ސުލޫކީ މައްސަލައެއް ޕީޕީއެމްއަށް މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.

ފާރިޝް އާ ގުޅޭ ސުލޫކީ މައްސަލައެއް އެޕާޓީގެ ސޫލޫކު ކޮމިޓީއަށް ހުށަހަޅާފައިވޭތޯ ބެއްލެވުމަށް އޭނާ ޕީޕީއެމްއަށް ފޮނުއްވި ސިޓީގެ ޖަވާބުގައި އެޕާޓީން ފޮނުވި ސިޓީގައި ވަނީ ޕާޓީގެ ސުލޫކީ މައްސަލަތަކާބެހޭ ގަވައިދުގެ ޗެޕްޓާ އެކެއްގެ 14 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ސުލޫކީ މައްސަލަ ހުށަހަޅާނީ ޕާޓީގެ އޮފީހަށްކަމަށާ، އަދި އެފަދަ މައްސަލަތައް ހުށަހަޅަންޖެހޭނީ އެ ގަވައިދުގެ ޖަދުވަލު އެކެއްގައިވާ ސުލޫކީ މައްސަލަ ހުށަހަޅާ ފޯމަކުން ކަމަށެވެ.

އެއުސޫލުގެދަށުން ފާރިޝްއާ ގުޅޭ އެއްވެސް މައްސަލައެއް، އެ ޕާޓީގެ ސުލޫކު ކޮމެޓީއަށް ހުށައަޅާފައިނުވާކަމަށް ޕީޕީއެމް ހަމަކުރެއެވެ.

އެހެންނަމަވެސް ފާރިޝް ޕީޕީއެމް އިން ވަކިކުރަން އެޕާޓީގެ ސުލޫކީ ކޮމިޓީން މިދިޔަ ހަފުތާގައި ނިންމިއެވެ. އެގޮތަށް އެކޮމިޓީން ނިންމީ އިއުލާން ނުކޮށް ޓޫރިޒަމްގެ މަސައްކަތްތަކަށް ރަށްތައް ކުއްޔަށް ދޫކުރާ އިސްލާހު ފާސްކުރަން ތްރީ ލައިން ވިޕް ނެރެފައި ވަނިކޮށް، އެ ނިންމުމާ ހިލާފަށް ވޯޓް ދިން މައްސަލައިގައެވެ. މިމައްސަލަ ބަލަން ޕީޕިއެމްގެ ސުލޫކު ކޮމެޓީ ބާއްވައިގެން ފާރިޝް ވަކިކުރުމަށް ސުލޫކު ކޮމެޓީން ނިއްމާފައިވަނީ ޕީޕިއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމުގެ ހުއްދަ ނެތި ޕާޓީގެ އެއްވެސް ކޮމެޓީ އެއް ނުބޭއްވުމަށް އެ މަނިކުފާނު އަންގާފައިވަނިކޮށް އެ އެންގެވުމާ ޚިލާފަށް ޕާޓީގެ އޮފީހުން ބޭރުގައި ބޭއްވި ބައްދަލުވުމެއްގައެވެ. އަދި މިހަރު ޕީޕީއެމްހެ އޮފީހުން ހާމަކޮށްފައިވާގޮތުން އެކޮމިޓީ ބާއްވާފައިވަނީ އެޕާޓީގެ އަސާސީ ޤަވާއިދާވެސް ޚިލާފަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.